ޙަޤީޤަތަށް ބަލައިފިނަމަ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށްފަހު ފާއިތުވި 1400 އަށްވުރެ ގިނަ އަހަރުގެ ތެރޭގައި ޙަޤީޤީ މުސްލިމުންނަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ.އެމީހުން ތިބީ އެއްގޮތެއްގައި ޘާބިތުވެގެންނެވެ.
އެއީ ކީއްވެގެން ހެއްޔެވެ؟ ސަބަބަކީ އިސްލާމް ދީނަށް އެއްވެސް ބަދަލެއް ނުއަންނަކަމެވެ. ކީރިތި ޤުރްޢާނުގެ އެންމެ އަކުަރަކަށް އަދި ފިއްޔަކަށްވެސް އަދި އެއްވެސް ޙަދީޘްފުޅަކަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ.
ދެން އޮތީ މީސްތަކުން ޢަމަލުކުރާ މިންވަރަށް ނުވަތަ ޢަމަލުކުރާ ގޮތަށް ބަދަލުތައް އަންނަކަމެވެ. އެބަދަލުތައް އެއަންނަނީ ދީނުގެ އެއްވެސް ކަމަކަށް ބަދަލެއް އައިސްގެން ނޫންކަމާއި އެކަންކަން އެގޮތަށް މެދުވެރިވަނީ މީސްތަކުންގެ ސަބަބުންކަން މުސްލިމުންނަށް އެނގެއެވެ.
އެހެނަސް އެހެން ދީންތަކަށް ބަދަލުތައް އައުދެއެވެ. އެއީ އެމީހުންގެ ފޮތްތަކަށް ބަދަލުތައް ގެންނާތީއެވެ. އެމީހުން ކަންކަން ކުރަން ބޭނުންވާ ގޮތަށް ދީނުގެ ފޮތްތައް ބަދަލުކުރާތީއެވެ.
އިލްތިމާސްކުރަން ބޭނުންވަނީ މުސްލިމުން މިފަދަ ކަންކަމަށް ހޭލުންތެރިވުމަށެވެ. ދީނުގެ އަޞްލާއިއެއްގޮތަށް ޢަމަލުކުރަމުން ގެންދާށެވެ. ދީނުގައި ޘާބިތުވެ ހުރިކަމަށްވާނީ އެއިރުންނެވެ. ސުވަރުގެއާއި ގާތަށް ދެވި ސުވަރުގެ ވަދެވޭނީ އެއިރުންނެވެ. އިން ޝާ ﷲ
- ޝައިޚް މުޙައްމަދު ހޮބްލޮސްގެ ދަރުސަކުން