ބަލިބޮޑުވެ ފަރުވާ ކުރާނެ ރުފިޔާއެއް ނެތުމުންވެސް ރިޝްވަތުގައި ނުޖެހި ﷲ އަށް ވަކީލު ކުރި މީހަކަށް ލެއްވި ރަޙުމަތުގެ ވާހަކަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 49ސ
ބަލިބޮޑުވެ ފަރުވާ ކުރާނެ ރުފިޔާއެއް ނެތުމުންވެސް ރިޝްވަތުގައި ނުޖެހި ﷲ އަށް ވަކީލު ކުރި މީހަކަށް ލެއްވި ރަޙުމަތުގެ ވާހަކަ!

އުންމު ނަވާރު

 

އަޅުގަނޑުގެ މިކިޔައިދެނީ އަޅުގަނޑު ވަރަށް ރަނގަޅަށް ދަންނަ އުޙްތަކަށް ކުރިމަތިވި ހާދިސާއެކެވެ. މި އުޚްތާއަކީ ހާއްސަ އެހީއަށް ބޭނުންވާ ދެ ކުދިން ބަލަމުން އަންނަ ފަރާތެކެވެ. ފިރިމީހާގެ ފަރާތުން މާ ބޮޑު އަޅާލުމެއް ނުލިބެއެވެ. ޚަރަދުވެސް ނުކުރެއެވެ. ގޭގެ ޚަރަދުތައް ބަލަހައްޓަނީ ހާއްސަ އެހީއަށް ދެ ކުދިންނަށް ލިބޭ އިނާޔަތުންނެވެ. 

މިހެން އުޅުމުގެ ތެރޭގައި މި އުޚްތާ ހައިޞުވެ ލޭމަނާވާގޮތް ނުވިއެވެ. ވަރަށް ގިނައިން ލޭފައިބަނީއެވެ. ޑޮކްޓަރ ބޭހަށްވެސް ލޭ އެއްކޮށް ފޭބުން ހުއްޓޭގޮތް ނުވިއެވެ. މި އުޚްތާއަކީ ކުރިން ދެ އޯވަރީގައި ސިސްޓެއް ހުރެގެން އޮޕަރޭޝަންއެއް ކޮށްފައިވާ މީހެކެވެ. އޮޕަރޭޝަން ތެރޭގައި މައްސަލަތަކެއް ދިމާވެގެން އޭރު ނެގުނީ އެއް އޯވަރީގައިވާ ސިސްޓް އެކަންޏެވެ. 

މާލެއިން ވަރަށް ގިނަ ޑޮކްޓަރުންނަށް ދެއްކިއެވެ. ވަރަށް ގިނަ ސްކޭންތައް ހެދުނެވެ. ބޭސް ދިނެވެ. ނަމަވެސް މިކަމަށް ދާއިމީ ފަރުވާއެއް ނުލިބުނެވެ. އެތައް ޑޮކްޓަރުން ގާތު އޮޕަރޭޝަން ކޮށްދިނުމަށް އެދުނެވެ. ނަމަވެސް އޮޕަރޭޝަން ކޮށްދޭން އެއްވެސް ޑޮކްޓަރއެއް ބޭނުމެއް ނުވިއެވެ. 

ތަނަވަސް ބައެއް ނޫންވީމަ އަމިއްލައަށް ރާއްޖޭން ބޭރަށް ދެވޭކަށް ނެތެވެ. މިއީ ރާއްޖެއިން ލިބޭ ފަރުވާއެއް ކަމަށް ބުނެ އާސަންދަ ފޯމުވެސް ފުރައިދޭނެ ޑޮކްޓަރއެއް ނުވިއެވެ. 

މި ދުވަސް ކޮޅަކީ ރާއްޖޭގައި ރައީސްއެއް ހޮވުމަށް އެންމެ ގަދަޔަށް ކެމްޕެއިން ކުރަމުން ދިޔަ ދުވަސްކޮޅެވެ. މި އުޚްތާ ދަންނަ މީހަކު ކެމްޕެއިން ޓީމެއްގެ ކައިރިން ރުފިޔާއަށް އެދުމަށް ހުށައެޅިއެވެ. ރުފިޔާ ހަމަޖެހޭނެކަމާއި އޭގެ ބަދަލުގައި އުޚްތާއާއި އާއިލާގެ ފަރާތުން ދޭންވީ ވޯޓް ކަމަށް ބުންޏެވެ. 

މި އުޚްތާ މިކަމަށް އިންކާރު ކުރިއެވެ. ރާއްޖޭއް ބޭރަށް ދެވޭނެ އެއްވެސް އަލިމަގެއް ނުފެނު ކަމުގައި ވިޔަސް ރިޝްވަތުގައި ނުހިފާނެ ކަމަށް ސާބިތުކަމާއިއެކު ބުންޏެވެ. ފަރުވާއަށް ރާއްޖެއިން ބޭރަށް ދެވޭނެ މަގެއް ދައްކަވާތޯ ﷲ ސުބުހާނަހޫ ވަތަޢާލާގެ ހަޞްރަތުގައި ކެނޑިނޭޅި ދުޢާ ކުރަމުން ގެންދިޔައެވެ. 

ސަރުކާރުގެ ވެލްފެއާގެ ދަށުން ރާއްޖެއިން ބޭރަށް ދިޔުމަށްޓަކައި ކޮންމެވެސް މިންވަރެއްހެ އެހީއެއް ލިބޭތޯ ފޯމު ފުރާފައި ފޯމު ހުށައެޅިއެވެ. ގާތްގަނޑަކަށް 15 ދުވަސް ތެރޭގައި ސަރުކާރުގެ ފަރާތުން މި އުޚްތާއަށް ލިބުނު ޖަވާބަކީ ރާއްޖެއިން ބޭރަށް ދިޔުމަށްޓަކައި އާސަންދަ ހަމަޖެހޭނެ ކަމަށެވެ. ސަބަބަކަށް ބުނީ މި އުޚްތާ ކުރިން ކުރި އޮޕަރޭޝަން ރާއްޖެއިން ފުރިހަމައަށް ކުރެވިފައިނުވާތީ ކަމެވެ. 

އަޅުގަނޑު ގަބޫލު ކުރަނީ މިއީ މި އުޚްތާ ކިތަންމެ ދަތި ހާލަތުގައި ނަމަވެސް ރިޝްވަތު ފަދަ ހަރާމް އެއްޗެއްގައި ނުހިފައި ﷲ ސުބުހާނަހޫ ވަތަޢާލާއަށް ވަކީލު ކުރުމުން މި އުޚްތާއަށް ލެއްވި ރަހްމަތެއް ކަމުގައެވެ. 

މި ދުވަސް ކޮޅަކީ ރާއްޖޭގައި ސަރުކާރުގެ އެކި މަގާމުތައް ހޮވުމަށް ވޯޓްލުން ކައިރިވެފައިވާ ދުވަސްކޮޅެކެވެ. މި އުޚްތާ ފަދައިން ދަތި ހާލުގައި އުޅެމުންދާ މީހުންނަށް އަމާޒުކޮށްގެން މިކަހަލަ ރިޝްވަތުގެ އޮފަރތައް ކެނޑިނޭޅި ދާނީ ލިބެމުންނެވެ. ނަމަވެސް އަޅުގަނޑުމެން ހަނދާން ކުރަންވީ ރިޝްތވަތުގައި ހިފައިގެން މި ކެވެނީ ނަރަކައިގެ އަލިފާން ކަމެވެ. އަހަރަމެން ބަލިވެއްޖެނަމަ ބަލި ފަސޭހަ ކޮށްދެއްވަނީ ﷲ ސުބުހާނަހޫ ވަތައާލާއެވެ. އެއްކައުވަންތަ ﷲ ސުބުހާނަހޫ ވަތައާލާއަށް އުރެދިގެން އަހަރަމެންގެ ބައްޔަށް ޝިފާ ހޯދަން ދާނީ ވަކި ކޮންތާކަށްތޯއެވެ؟ 

ނޯޓް: މިއީ އަސްލު ހިނގިކަމެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ލިޔުންކޮޅެކެވެ. ބަލީގެ ތަފްސީލު ހިމަނާފައި ނުވާނެއެވެ.

 

މިއަދު އޮންލައިން