ދަރިން ލިބުމަށްފަހު ކޮންމެ ދެމަފިރިއަކުވެސް ޤުރްބާންކުރަން ޖެހޭނެ ކަންތައްތަކެއް ހުންނާނެއެވެ. އެއިގެ ތެރެއިން އެއްކަމަކީ އެކަކު ދެރަކޮށް ހިތުގައި ޖެއްސުމެވެ. ދެމަފިރިންކުރެ ކޮންމެ މީހަކު ނަމަވެސްމެއެވެ. ސަބަބުތައް ވަރަށް ގިނައެވެ.
އެންމެ ބޮޑު އެއް ސަބަބަކީ އެކަންކަން ދެކެން ދަރިން ތިބިކަމެވެ. ދަރިން ކުދިވީމާ ކުރެވޭނެ ކަމެއް ނެތުމުން އަޅާނުލައި މަޑުން ތިބިނަމަވެސް އަނިޔާވެރިވާ މީހާ ކުރާ އަނިޔާތައް ފެނި އެނގޭތީ ކުދިން ތިބޭނީ އެކަމަށް ނަފްރަތުކޮށްގެންނެވެ.
އަނިޔާ ލިބެނީ މަންމައަށް ނުވަތަ ބައްޕައަށްކަން ދަރިންނަށް އެނގުމަކީ އެކުދިންގެ ހިތަށް އަސަރުކުރާނެ ކަމެކެވެ. ކުށްވެރިއަކީ ކާކުކަން ކުދިން ދެނެގަންނާނެއެވެ. އަދި އެކަން ކުދިންގެ ހިތުގައި ބިންވަޅުނެގިފައި ހުންނާނެއެވެ. އެކުދިންގެ ހިތުން އެކަން ފުހެލުމަކީ އެހައިފަސޭހައިން ކުރެވޭނެ ކަމެއް ނޫނެވެ.
ވީމާ ދަރިން ލިބުމަށްފަހު އެކުގައި އުޅެން ބޭނުންނުވިނަމަވެސް މައްސަލަ ޙައްލުކުރަންޖެހޭނީ އެކަކު އަނެކަކަށް އަނިޔާވެރިނުވެއެވެ. ހިތުގައި ޖައްސުވައި ރޮއްވުން ފަދަ ކަންކަން ނުކޮށެވެ. ޒުވާބުކޮށް ތަޅާފޮޅުންފަދަ ކަންކަން އެއްގޮތަކަށްވެސް ކޮށްގެން ނުވާނެއެވެ. އެކަންކަން ކުރާނަމަ ދަރިންނަށް ކުރާއަސަރު މާބޮޑުވާނެއެވެ.
ނަތީޖާއަކަށްވާނީ ބޮޑެތިވެ ބާރުލިބުމުން ބަދަލުހިފުމެވެ. އެއީ ކިތަންމެ ނުބައި ކަމެއް ނަމަވެސް އެކަން އެގޮތަށް މެދުވެރިވާކަން އެއީ އެންމެންވެސް ޤަބޫލުކުރަންޖެހޭނެ ކަމެކެވެ. އެމައްސަލަ ނުކުތުމުން ދެރަވުމުގެ ބަދަލުގައި ކުރިއާލައި ތައްޔާރުވެ އެހެން އެކަން ނުވާނެ ގޮތަކަށް ޢަމަލުކުރާށެވެ!
ޢަމަލުކުރަން އޮތް އެންމެ ރަނގަޅު ގޮތަކީ ދަރިން ލިބުމަށްފަހު ދެމީހުން އެކުގައި ދަރިން ގޮވައިގެން ލޯބިން ދިރިއުޅުމެވެ. ދެމަފިރިން އެކަކު އަނެކަކަށް ދޭންޖެހޭ ލޯތްބާއި ދަރިންނަށް ދޭންޖެހޭ ލޯބިދީގެން އުފާވެރިކަމާއިއެކު ދިރިއުޅެން މަސައްކަތްކުރުމެވެ.
- އަލަފް / މިއަދުނޫސް