ޙަޔާތުގެ ބައިވެރިޔާއާއިކު ނަމަވެސް އަދި ލޯބިވެރިޔާއާއިއެކުގައި ނަމަވެސް އެއްވެސް މައްސަލައެއް ޖެހިއްޖެނަމަ އެކަމަށް ހޯދަންޖެހޭނީ ދާއިމީ ޙައްލެކެވެ. އެޙައްލު ހޯދޭނީ ދެމީހުން މަޝްވަރާކޮށްގެންނެވެ.
އެއިގެ ބަދަލުގައި މިހާރަކަށް އައިސް ގިނަ ބައަކު ކުރާކަމަކީ އެމައްސަލައެއް ސޯޝަލްމީޑިއާގައި ޢާންމުކޮށް އެހެން މީހުންގެ ޚިޔާލަސް ހުޅުވައިލުމެވެ. މިއީ މައްސަލައިގެ ހުޅުގަނޑު އިތުރަށް ބޮޑުކުރަން ކުރެވޭ ކަމެކެވެ. ޙައްލެއް ފެނުމުގެ ބަދަލުގައި ކަންކަން ބަދަލުވެގެންދާނީ ގޯހުން ގޯހަށެވެ.
ސަބަބަކީ ޚިޔާލުތައް ފޯރުކޮށްދޭ ނުވަތަ ކޮމެންޓްކުރާ ގިނަ މީހުން ކޮމެންޓްކުރާނީ މައްސަލަ ޙައްލުކުރެވޭނެ ބަލައިގެނެއް ނޫނެވެ. އަންހެންކުއްޖެގެ ނަމަ އޭނާގެ ފޮޓޯއަށް ބަލައިގެންނެވެ. މަސައްކަތްކުރާނީ ދެމީހުން ދުރުކޮށް އެކަމުން ނާޖާއިޒު ފައިދާއެއް ނެގުމަށެވެ. އެހެންވެ ވަރަށް ގިނަ ބާވަތުގެ އޮފަރތައްވެސް ހުށަހަޅާނެއެވެ. އެއިން އޮފައެއް ޤަބޫލުކޮށްފިނަމަ ގިނަ ފަހަރަށް ޖެހޭނީ މާބޮޑު ދަންތުރައެއްގައެވެ.
ފަހަރެއްގައި އެކުވެރިންގެ ޚިޔާލެއް ހޯދަން ބޭނުންވިނަމަވެސް އެއީ ތިމާގެ އަމިއްލަ މައްސަލއެއްކަން ސިއްރުކުރާށެވެ. އެއީ އެހެން ކޮންމެވެސް މީހަކަށް މީހަކަށް ކުރިމަތިވެގެން އުޅޭ މައްސަލައެއް ކަމަށް ހަދައިގެން ސުވާލުކުރާށެވެ. ސަބަބަކީ އެކުވެރިންގެ ތެރޭގައިވެސް ގޮތް ނުއެނގޭ އެތައް ބައަކު އުޅޭނެތީއެވެ. ޙަޤީޤީ އެކުވެރިންނަކީ ކޮބައިކަން އެނގުން ފަސޭހަ ނޫންވީމައެވެ.
- އަލަފް / މިއަދުނޫސް