ކިތަންމެ ލޯބިވާ މީހަކު އެދުނަސް ތިބާގެ ކިބައިގައި ހުންނަ ރަނގަޅު ސިފަތައް ދޫކޮށްފިނަމަ ލޯބިވެރިޔާވެސް ގެއްލޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
ކިތަންމެ ލޯބިވާ މީހަކު އެދުނަސް ތިބާގެ ކިބައިގައި ހުންނަ ރަނގަޅު ސިފަތައް ދޫކޮށްފިނަމަ ލޯބިވެރިޔާވެސް ގެއްލޭނެ!

ކޮންމެ މީހެއްގެ ކިބައިގައިވެސް ދެބާވަތެއްގެ ސިފަތައް ހުންނާނެއެވެ. އެއީ ރަނގަޅު ސިފަތަކާއި ނުބައި ސިފަތަކެވެ. ވީމާ އެއްވެސް މީހެއްގެ ކިބައިގައި ހުންނަ ރަނގަޅު ސިފަތައް ދޫކޮށްލައިގެންނުވާނެއެވެ. އަބަދުވެސް މަސައްކަތްކުރަންވާނީ ރަނގަޅު ސިފަތަކުގައި ސާބިތުވުމަށެވެ. އެސިފަތައް އިތުރަށް ހަރުދަނާ ކުރުމަށެވެ.

މިކަން މިފާހަގަކުރަނީ ވަރަށް ބޮޑު ސަބަބެއް އޮވެގެންނެވެ. އެއީ ބައެއް މީހުން ލޯބިވެރިންގެ ބަހަށް ހެއްލި އެމީހުންގެ ކިބައިގައި ހުންނަ ރަނގަޅު ސިފަތައް ދޫކުރަމުން ގެންދާތީއެވެ. މިއީ ވަރަށް ދެރަކޮށް ކުރެވޭ ކަމެކެވެ. 

ފުރަތަމަ ސަބަބަކީ ލޯބިވެރިޔާއަކީ ވިސްނުން ތޫނު މީހަކު ނަމަ އޭނާއަށް ޔަޤީންވެގެން އެދަނީ ތިބާގެ ކިބައިގައި އެއްވެސް ހަރުދަނާ ކަމެއް ނެތް ކަމެވެ. އެއީ އެއްވެސް ހަރުދަނާ ކަމެއް ހުންނަ މީހަކު އެމީހެއްގެ ކިބައިގައި ހުންނަ ރަނގަޅު ސިފަތައް ދޫނުކުރާނެތީއެވެ. ހަމައެއާއިއެކު ޔަޤީންވެގެން އެދަނީ އެއީ ކިތަންމެ ރަނގަޅު ގޮތެއް ނަމަވެސް ނުވަތަ ރަނގަޅު ކަމެއްގައި ނަމަވެސް ތިބާއަކީ އުޞޫލުތައް ހިފެހެއްޓޭނެ މީހަކު ނޫން ކަމެވެ. 

އެއިގެ ބަދަލުގައި ތިމާގެ ކިބައިގައި ހުންނަ ނުރަނގަޅު ސިފަތައް އިޞްލާޙްކުރަން ބުނުމުން އެކަންކުރާ މީހުން ދެކެ އެންމެންވެސް ލޯބިވާނެއެވެ. އިތުބާރުވެސްކުރާނެއެވެ. އެމީހަކަށް ޤަދަރާއި އިޙްތިރާމްވެސް ކުރާނެއެވެ. 

ބުނެލަން ބޭނުންވަނީ ކިތަންމެ ލޯބިވާ މީހަކު އެދުނަސް ތިބާގެ ކިބައިގައި ހުންނަ ރަނގަޅު ސިފައެއް ބަދަލުނުކުރާށެވެ. އެކަމުން ކުރާނެ ފައިދާއަށްވުރެ ލިބޭނެ ގެއްލުން މާބޮޑުވާނެއެވެ. މީސްތަކުން ރުހުމާއި ލޯބި ގެއްލިގެންދާނެތީއެވެ. އަދި ލޯބިވެރިޔާވެސް ކުރިން ބުނި ފަދައިން ޤަބޫލުކޮށް ތިބާއާއިއެކުގައި ނުހުންނާނެތީއެވެ. 

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން