އަނބިމީހާއާއެކު އުފާވެރި ދިރިއުޅުމެއް އުޅެމުން އެނގިހުރެ އަމިއްލައަށް އަލިފާނަށް ފުންމާލީމާ ފިހޭ ފިރިހެނުން އަލިފާން ކުށްވެރިކުރުން ހުއްޓާލަންޖެހޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
އަނބިމީހާއާއެކު އުފާވެރި ދިރިއުޅުމެއް އުޅެމުން އެނގިހުރެ އަމިއްލައަށް އަލިފާނަށް ފުންމާލީމާ ފިހޭ ފިރިހެނުން އަލިފާން ކުށްވެރިކުރުން ހުއްޓާލަންޖެހޭ!

މިއަދަކު ނޫނެވެ. އަބަދުވެސް އަންހެނުން ވަނީ ދެބައަކަށް ބެހިފައެވެ. އެއީ ދިރިއުޅުމާއިމެދު ވިސްނާ އަންހެނުންނާއި ފައިސާ އާއިމެދު ވިސްނާ އަންހެނުންނެވެ. 

ދިރިއުޅުމާއިމެދު ވިސްނާ އެއްވެސް އަންހެނަކު އޭނާގެ ގައިގާ ކައިވެނީގެ ބޭރުން ބީހެން އެއްބަހެއް ނުވާނެއެވެ. އަދި އޭނާ ނުރުހޭ ސިފަތައް ހުންނަ މީހަކާއި ކައިވެނިކުރާކަށް އެއްބަހެއް ނުވާނެއެވެ. 

ފައިސާ އާއިމެދު ވިސްނާ އަންހެނުން ބޭނުންވާނީ ފައިސާއެވެ. ޢުމުރަކަށް ސިފައަކަށް ނުބަލާނެއެވެ. އަތަށް ބޭނުންވަރަކަށް ފައިސާ ލިބޭނަމަ އޭނާ ހުންނާނީ ފުދިގެންނެވެ. ރުހިގެންނެވެ. 

މިއީ މިކަން އޮތްގޮތަކަން ފިރިހެނުންނަށް ރަނގަޅަށް އެނގޭނެއެވެ. އެނގިތިބެގެންވެސް ފައިސާއަށް ދީލައިލާ އަންހެނުންނާއި ގުޅުން އުފައްދަނީއެވެ. އެއީ ކައިވެނިނުކޮށް އެމީހުން ބޭނުންކަމެއް ކުރެވޭތީއެވެ. 

ފައިސާއަށް ވިކޭ އަންހެނުން ވަރަށް ހުޝިޔާރުވާނެއެވެ. ތަނަވަސް މީހަކު މަޅީގައި ޖެއްސިއްޖެނަމަ އޭނާގެ އަތްމަތި ހުސްކޮށްލެވެންދެން ހިފަހައްތަން ބޭނުންކުރާނެ އުކުޅުތައް އެނގޭނެއެވެ. އެއުކުޅުތައް ބޭނުންކުރުމުން މަޅީގައި ޖެހި ކައިވެނިވެސް ކުރަނީއެވެ. ލޯބިން އިނދެގެންއުޅޭ ކިޔަމަންތެރި، ވަފާތެރި އަނބިމީހާ ވަރިކޮށް ދޫކޮށްލަނީއެވެ. އެއީ ހެދުނު ބޮޑު ގޯހެއްކަން ގިނަ ފަހަރު ވިސްނޭނީ މީހާ ބަނގުރޫޓުވެ ދެން ސަލާމަތް ނުވެވޭވަރުވުމުންނެވެ. 

ބުނަންހެއްޔެވެ؟ އެހިސާބުން އެއަންހެން މީހާ ކުށްވެރިނުކުރާށެވެ! ކުށްކުރީ އޭނާގެ ގޮތް އެނގިހުރެމެ އޭނާއާއި ގުޅުނު ފިރިހެނާއެވެ. މިޙަޤީޤަތް އޮޅުވައިނުލާށެވެ. އަދި ލަނޑު ލިބުނީމާ ހުރިހާ އަންހެނުން ކުށްވެރިނުކުރާށެވެ. ކުށްވެރިއަކީ ހަމަ ކުށްކުރި މީހާއެވެ. 

މިއީ ދިރިއުޅުމާއި ބެހޭގޮތުން މީހުން ހޭލުންތެރިކުރުވާ ތަޖުރިބާކާރު އަންހެނަކު ދައްކާފައިވާ ވާހަކައެކެވެ. އަހުރެންވެސް ބޭނުންވަނީ އޭނާއަށް ތާއީދުކުރާށެވެ! އެއީ އަލިފާންގަނޑެއްކަމާއި ފުންމާލައިފިނަމަ އަނދައިގެންދާނެކަން އެނގިހުރެ ފުންމާލާފައި އަލިފާން ކުށްވެރިކުރުމެއް ނެތެއް ނޫންހެއްޔެވެ؟

 

- އަލަފް / މިއަދުނޫސް 

މިއަދު އޮންލައިން