ޢިބްރަތްތެރި ވާހަކަ: ބަލިވެއިނުމުން ވަރިކޮށްލީމާ ސަލާންޖަހައިގެން ބޮޑުކުރާ ދަރިންނަށް އާމްދަނީ ލިބެން ފެށީމާ ދަރިން ފެންނަ ބައްޕައިން ފަޓުލޫނާ ގަމީސްލަނީ ކީއްކުރަންހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 57ސ
ޢިބްރަތްތެރި ވާހަކަ: ބަލިވެއިނުމުން ވަރިކޮށްލީމާ ސަލާންޖަހައިގެން ބޮޑުކުރާ ދަރިންނަށް އާމްދަނީ ލިބެން ފެށީމާ ދަރިން ފެންނަ ބައްޕައިން ފަޓުލޫނާ ގަމީސްލަނީ ކީއްކުރަންހެއްޔެވެ؟

ބަލިވެ އިނުމުން އަނބިން ވަރިކޮށް ނިކަމެތިކޮށްލާ ބައްޕައިންނަށް އެންމެ ކުޑަމިނުން ވިހައިގަދަވަންދެން އަނބިމީހާ އިންނާނީ ތިމާގެ ޢިއްދައިގައިކަންވެސް އޮންނަނީ އެނގޭކަމަށް ނުވެފައެވެ. އަނބިމީހާއަށް ޢިއްދައިގެ ޚަރަދާ ވިހެއުމުގެ ޚަރަދާ ލިބުނު ދަރިފުޅުގެ ޚަރަދުތައް ކުރަންޖެހޭނެކަން އެނގުނަސް އޮންނަނީ ހުރިހާ ކަމަކުން ރެކި ފިލައިފައެވެ. 

އަނބިމީހާ ނޯކިރީކޮށްގެންނާ ސަލާންޖަހައިގެން ނުވަތަ ރަޙުމްހުރި ދެވަނަ ފިރިއެއްގެ އެހީތެރިކަމުގައި ދަރިފުޅު ބަލައި ބޮޑުކޮށް އެދަރިފުޅަށް ކިޔަވައިދިނުމުން އެދަރިފުޅަށް ވަޒީފާލިބި މުސާރަ ލިބެންފެށުމުން އެއްކަލަ ބައްޕައަށް ދަރިފުޅުފެނި ލޯބިވާވަރުން މޮޔަވާކަމަށް ހެދިގެން އެދަރިފުޅުގެ އަތުން ފައިސާ ހޯދަން ލަދުގަންނަ ކަމަކަށްވެސް ނުވެއެވެ. 

މިފަދަ ބައްޕައިންގެ ވާހަތަކަކީ ވަރަށް ޢާންމު ވާހަކަތަކެކެވެ. ތިރީގައި އެވަނީ އެފަދަ ބައްޕައެއްގެ ވާހަކައެވެ. ކޮންމެވެސް ބައަކަށް ޢިބްރަތަކަށްވެ އިޞްލާޙްވުމަކީ އުންމީދެވެ. 

އެހެން އަންހެނުން ފަދައިން އަޅުގަނޑުވެސް ކައިވެނިކުރީ ހަމަ ވަރަށް އުފާވެރި ހުވަފެންތައް ދެކެމުންނެވެ. މަރުވަންދެން އެކުގައި އުފާވެރި ދިރިއުޅުމެއް އުޅެވި އަދި ޤިޔާމަތްދުވަހު ސުވަރުގޭގައިވެސް އެކުގައިވެވޭނެ ކަމުގެ ފޮނި އުންމީދާއިއެކުގައެވެ. 

ނަމަވެސް ކަންތައްތައް މެދުވެރިވީ މުޅިން ތަފާތު ގޮތަކަށެވެ. ކައިވެނީގެ ވަރަށް ކުރީ ކޮޅުންފެށިގެން ފިރިމީހާގެ ކިބައިން ވަނީ ބޭވަފާތެރިކަން ފެންނަން ފަށައިފައެވެ. ކައިވެނީގެ 2 ވަނަ އަހަރު ދަރިއަކަށް ބަލިވެއިން ހިސާބުން އެކަން މާބޮޑުވިއެވެ. އަދި ފައުޅުގައިވެސް މެސެޖުކުރުން ފަދަ ކަންކަން ކުރަން ފަށައިފިއެވެ. 

އެކަންކަމަށް ކެތްނުކުރެވިގެން އެކަންކަން ހުއްޓާލުން އެދި އާދޭސްކުރަންފެށީމެވެ. ބަނޑުގައި އޮތް ދަރިފުޅަށްޓަކައިވެސް ހެޔޮލަފާ ބައްޕައަކަށްވުމަށް އެދުނީމެވެ. ނަމަވެސް އޭނާގެ ޖަވާބަކަށްވީ ބަލިވެއިންކަން އެއީ އަޅުގަނޑުގެ މައްސަލައެއްކަމަށެވެ. ބަލިވެ އިނުމުން އެކަމުގައި އޭނާގެ ދައުރުވަނީ ނިމިފައިކަމަށެވެ. ބަނޑުގައި ބާއްވައިގެން ދަރިބެލުމާއި ވިހެއުމަކީ އަޅުގަނޑު ކުރަންޖެހޭ ކަމެއް ކަމަށެވެ. 

ކަންކަން ގޯހުން ގޯހަށް ދަމުންގޮސް ބަނޑަށް 5 މަހުގައި އަޅުގަނޑު ވަރިކޮށްފައި ގެއިންވެސް ނެރެލައިފިއެވެ. މައިންބަފައިންގެ ގާތުގައި އަލުން ދިރިއުޅެން ފަށަންޖެހުންވީ ވަރަށް އުނދަގޫކަމަކަށެވެ. މައިންބަފައިންނަކީ ވަރަށް ނިކަމެތިބައަކަށްވުމުން އަޅުގަނޑު ދިއުމުން އެމީހުންނަށް އެކަންވީ އުފުލަންޖެހުނު އިތުރު ތަކްލީފަކަށެވެ. 

ކޮންމެއަކަސް ވަރަށް ދަތިޙާލުގައި ދިރިއުޅެ ދުވަސްފުރައި ވިހެއީމެވެ. ވިހައިގަދަވެގެން ވަޒީފާއެއްވެސް ހޯދީމެވެ. ވަޒީފާގައި އުޅެނިކޮށް ބައްދަލުވި މީހަކާއި ކައިވެނިވެސްކުރީމެވެ. އުފާވެރި ދިރިއުޅުމެއްވެސް ލިބުނެވެ. 

އަޅުގަނޑަށް ލިބުނު ފުރަތަމަ ދަރިފުޅަކީ މިއަދު ޑޮކްޓަރެކެވެ. އިން ޝާ ﷲ މަހަކު ވަރަށް ގިނަ ފައިސާ ލިބޭދަރިއެކެވެ. އެތަން ފެނުމުން މިހާރު ކުއްލިއަކަށް ބައްޕަ ދަރިފުޅުދެކެ ލޯބިވެއްޖެއެވެ. އިރުއިރުކޮޅުން ހޯދަން އަންނަން ފަށައިފިއެވެ. ދަރިފުޅު ފޯނު ނުނަގައިފިނަމަ އަޅުގަނޑަށްވެސް ގުޅަން ފަށައިފިއެވެ. އުނދަގޫ ބޮޑުވުމުން އަޅުގަނޑު ބުނީމެވެ. 

"ބަލަ މިހާރު ހަނދާން ނެތުނީހެއްޔެވެ؟ ކަލޭގެ ކަމަކީ ބަލިވެބޭންދުންކަމަށާއި އެހިސާބުން ކަލޭގެ ޒިންމާތައް ކެނޑުނީކަމަށް ބުނެ އަހަރެމެން ދެމައިންނާއިމެދު އެދުވަހު ކަންކަންކުރި ގޮތް މިހާރު ހަނދާން ނެތުނީހެއްޔެވެ؟ ދަރިފުޅު ބޭނުންނަމަ ވާހަކަ ދެއްކުން މަނައެއް ނުކުރާނަމެވެ. ނަމަވެސް އަޅުގަނޑަށް އުނދަގޫނުކުރާށެވެ!" 

މިއަދުނޫހުގެ ކިޔުންތެރިންނޭވެ! މިހިރީ ކަންކަން ހިނގާ ގޮތެވެ. ދަރިފުޅަށް ބަލިވެއިން ހިސާބުން ޒިންމާކެނޑޭ ފިރިހެނުންގެ ލަދުޙަޔާތް ކޮބައިހެއްޔެވެ؟ ބަލިވެއިންނަ ހިސާބުން އަނބިމީހާގެ ބޮލަށް ހުރިހާކަމެއް ޖަހައި ނިކަމެތިކުރުމުން ސަލާންޖަހައިގެން ދަރިން ބޮޑުކުރުމުން އެދަރިންނަށް އާމްދަނީ ލިބެން ފެށުމުން ދަރިން ފެންނަ ބައްޕައިން ފަޓުލޫނާ ގަމީސްލަނީ ކީއްކުރަންހެއްޔެވެ؟ ލަދުޙަޔާތް ހުންނަ ނަމަ--- ކޮންމެއަކަސް އެފަދަ ބައްޕައިންނަކީ ހިތްހަރުކަށި އަމިއްލައެދުމުން ފުރިފައިތިބޭ ބައަކަށްވުމުން މިފަދަ ވާހަކަތަކުން އަސަރެއްވެސް ނުކުރާނެއެވެ! 

- ޢާއިޝަތު / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން