ދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް ކުރާ މަންފާ ބޮޑުވާނީ ޙާލުގަ ހުރި މީހާއަށް އިސްވެ އެހީތެރިވުމުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް ކުރާ މަންފާ ބޮޑުވާނީ ޙާލުގަ ހުރި މީހާއަށް އިސްވެ އެހީތެރިވުމުން-

ޢާއިލާގެ އެއްވެސް މީހަކު ނުވަތަ އެކުވެރިއަކު ނަމަވެސް ދަތިޙާލުގައި އުޅޭކަން އެނގިއްޖެނަމަ އޭނާ އައިސް އެހީތެރިކަމަށް އެދެންދެން މަޑުނުކުރާށެވެ. އިސްވެ ތިމާއަށް ފޮރުކޮށްދެވެން އޮތް އެހީތެރިކަމެއް އަވަހަށް ފޯރުކޮށްދޭށެވެ. 

އެހީތެރިކަން ލިބުނު މީހާއަކީ ރަނގަޅު މީހަކު ނަމަ ޢާންމު ގޮތެއްގައި އެއިރުން އެމީހަކު ތިބާދެކެ ލޯބިވުން ބޮޑުވާނެއެވެ. ތިބާއަކީ އޭނާގެ ޙާލުބަލައި އަޅައިލާ މީހަކުކަމަށް އޭނާ ޤަބޫލުކުރާނެއެވެ. އަދި ތިބާއަށް ކަމެއް ޖެހޭ ދުވަހު އޭނާވެސް ހަމައެފަދައިން ތިބާއަށް އެހީތެރިވުމުގެ ފުރުޞަތު ބޮޑުވެގެންދާނެއެވެ. އަދި ތިބާ ކޮށްދިން ކަންތަކުގެ އަގު ވަޒަންކުރާނެއެވެ. 

މިހެން ބުނި ނަމަވެސް ފޯރުކޮށްދޭ އެހީތެރިކަމުގެ އަގު ވަޒަންނުކުރާ ބައަކުވެސް އުޅޭނެއެވެ. އެކަން ޤަބޫލުކުރަންވާނެއެވެ. އެއްވެސް މީހަކަށް އެހީތެރިވާންވީ އޭނާގެ ކިބައިން ބަދަލަކަށް އެދިގެން ނޫންކަމަށާއި އެހީތެރިކަން ފޯރުކޮށްދޭންވީ ﷲ ތަޢާލާގެ ޙަޟްރަތުން ޘަވާބަށް އެދިގެންކަމަށް ދީނުގައި އޮންނަކަން ހިތުގައި ބާއްވައި އެގޮތަށް ޢަމަލުކުރުމުން އޭނާ އެހީތެރިވެދޭނެ ކަމާއިމެދު ވިސްނާކަށް ނުޖެހޭނެއެވެ. 

މީސްތަކުންނަށް އެހީތެރިވާންވީ ދުނިޔަވީ މަންފާއަކަށް ނުވަތަ އެމީހާގެ ކިބައިން ބަދަލަކަށް އެދިގެނެއް ނޫނެވެ. ހަމައެކަނި ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދުމަށެވެ. ތިމާ ނަރަކައިން ސަލާމަތްވުމަށެވެ. ނަރަކައިގެ އަލިފާނުން ސަލާމަތްވާން އެދޭމީހާ ކަދުރުއޮށެއްގެ ފަޅިވަރަކުން ނަމަވެސް ޞަދަޤާތްކުރަން ޙަދީޘްފުޅުކުރައްވަވާފައިވާކަން ހަނދާނުގައި ބަހައްޓާށެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން