ބައިވެރިޔާއަށް ލޯބިނުދިނުމާ ވަފާތެރިނުވުމަކީ ތިމާއަށް ހަމައެފަދައިން ކަންކަންކުރަން ބައިވެރިޔާއަށް ދެވޭ ދަޢުވަތެކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 44ސ
ބައިވެރިޔާއަށް ލޯބިނުދިނުމާ ވަފާތެރިނުވުމަކީ ތިމާއަށް ހަމައެފަދައިން ކަންކަންކުރަން ބައިވެރިޔާއަށް ދެވޭ ދަޢުވަތެކެވެ!

އެހެން މީހުންނަށް އިޙްތިރާމް ނުކުރުމަކީ ތިމާއަށް އިހްތިރާމް ނުކުރަން އެހެން މީހުންނަށް ދެވޭ ދަޢުވަތެކެވެ. އެހެން މީހުންނަށް އަނިޔާވެރިވުމަކީ ތިމާއަށް އަނިޔާވެރިވުމަށް އެހެން މީހުންނަށް ދެވޭ ދަޢުވަތެކެވެ. އެހެން މީހުންނަށް ނަފްރަތުކުރުމަކީ ތިމާއަށް ނަފްރަތުކުރަން އެހެން މީހުންނަށް ދެވޭ ދަޢުވަތެކެވެ.  

ބައިވެރިޔާއަށް ލޯބިނުދިނުމާއި ވަފާތެރިނުވުމަކީ ތިމާއަށް ހަމައެފަދައިން ކަންކަންކުރަން ބައިވެރިޔާއަށް ދެވޭ ދަޢުވަތެކެވެ. މީގެ އިތުރުން އަމިއްލަ ޢާއިލާގެ ކުރިމަތީގައި އަޚްލާޤް ނުބައިވުމަކީވެސް އެހެން މީހުންވެސް އެމީހަކާއިމެދު ނުބައިކޮށް ކަންކަންކުރަން ދެވޭ ދަޢުވަތެކެވެ.  

މީސްތަކުން ކިޔަވައި ހޭލުންތެރިވެއްޖެއެވެ. އަންހެނުންވެސް ވަޒީފާއަދާކުރެއެވެ. ދިރިއުޅެން ޢަމިއްލަ މަސައްކަތްކުރެއެވެ. ފިރިހެނުން ފަދައިން އާމްދަނީ ހޯދައެވެ. އަދި ފިރިހެނުންނަށްވުރެ ގިނައިން އާމްދަނީ ހޯދާ އަންހެނުންވެސް އެބަތިއްބެވެ. ވީމާ މާކުރީގެ ޒަމާންތަކުގައި ތިބިހެން އެޅިހާބަތަކަށް ރިހަވެގެނެއް ނުތިބޭނެއެވެ.  

އަހުރެންގެ ލޮލަށް ފެނުނުތަނެއް ބުނެލާނަމެވެ. މީހަކު ރުޅިއައިސް ނުކުޅެދޭމީހެއްގެ ގައިގައި ޖެއްސެވެ. ތަދުވުމުން ތިމާއަށް މިއިނދެވެނީ ފުރޮޅުލީ ގޮނޑިއެއްގައިކަމެއް ނުވިސްނުނެވެ. މަސައްކަތްކުރީ ތެދުވެ އޭނާގެ ގައިގައި ޖެހި މީހާގެ ގައިގައި ޖަހާށެވެ. އެވަޤުތު އޭނާ ބިންމައްޗަށް ވެއްޓުނެވެ. އޭނާ ބިންމައްޗަށް ވެއްޓުމަކުން އޭނާގެ ގައިގައި ޖެހި މީހާއަކަށް ސަލާމަތެއް ނުވެވުނެވެ. މަންޒަރުބަލަން ތިބި މީހުން ގޮސް އޭނާގެ ގައިގައި ތަޅައިގެންފިއެވެ. 

މިކަމުން ލިބިދޭ ފިލާވަޅަށް ވިސްނާށެވެ! އަނެކާއަކީ ނިކަމެއްޗެއްކަމަށް ބަލައި އަނިޔާވެރިވާނަމަ އޭނާގެ ހުރި ނިކަމެތިކަމާއިއެކުގައިވެސް ރައްދުދޭނެކަމެވެ. ފުދިގެން އަނިޔާލިބެން ނުހުންނާނެ ކަމެވެ. އަދި އަނިޔާ ލިބޭ މީހުންނާއި އެހީތެރިވާނެ ބައަކު ތިބޭނެ ކަމެވެ.  

ވީމާ ކޮންމެ ދެމަފިރިއަކުވެސް އަދި ކޮންމެ މީހަކުވެސް މިކިޔައިދިން ޙާދިސާއިން ޢިބްރަތް ލިބިގަންނާށެވެ. ކޮންމެ މީހަކީވެސް އަނިޔާކުރީމާ ތަދުވާނެ މީހެކެވެ. ހިތުގައި ޖެއްސީމާ އަސަރުކޮށް ހިތްދަތިވާނެ މީހެކެވެ. އެޙާލަތުން ސަލާމަތްވާން މަސައްކަތްކުރާނެ މީހެކެވެ.  

ތަކުރާރުކޮށްލާނަމެވެ! ބައިވެރިޔާއަށް ލޯބިނުދިނުމާއި ވަފާތެރިނުވުމަކީ ތިމާއަށް ހަމައެފަދައިން ކަންކަންކުރަން ބައިވެރިޔާއަށް ދެވޭ ދަޢުވަތެކެވެ. ދަޢުވަތުދީފައި ޝަކުވާކުރަން ނުހަދާށެވެ! އެކަމެއް ލިބިގަންނަން ތައްޔާރަށް ހުންނާށެވެ!

 

- އަލަފް / މިއަދުނޫސް

 

 

 

މިއަދު އޮންލައިން