އިރުއޮއްސޭ ވަޤުތު ކުދިން ބޭރުގައި ނުގެންގުޅޭށެވެ! ކޮންމެހެން ގެންގުޅެން ޖެހޭނަމަ ޛިކުރުތައް ކިޔައި ރައްކައުތެރިކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 8މ 12ސ
އިރުއޮއްސޭ ވަޤުތު ކުދިން ބޭރުގައި ނުގެންގުޅޭށެވެ! ކޮންމެހެން ގެންގުޅެން ޖެހޭނަމަ ޛިކުރުތައް ކިޔައި ރައްކައުތެރިކުރާށެވެ!

ބޮޑެތި މީހުންވެސް ކޮންމެ ވަޤުތަކު ގެއިން ބޭރަށް ދިއަ ނަމަވެސް އޮތީ ޛިކުރުތައް ކިޔައި ރައްކައތުތެރިވެތިބެގެން ބޭރަށް ދިއުމެވެ. ކުޑަކުދިންނަށް ޚާއްޞަ ސަމާލުކަމެއް ދޭންވާނެއެވެ. ޚާއްޞަކޮށް އިރުއޮއްސޭވަޤުތު ގެއިން ބޭރުގައި ގެންގުޅޭނަމަ ވަކިން ބޮޑަށް ސަމާލުކަންދޭންވާނެއެވެ.  

ތިރީގައިވާ ލިޔުމަކީ މައިންބަފައިންނަށް ކޮންމެހެންވެސް އެނގުން މުހިންމު ބައެއް ކަންކަން ހިމެނޭ ލިޔުމެކެވެ.  

"މިއީ އަޅުގަނޑުގެ ދަރިފުޅަށް ހަމަ ވަރަށް ފަހުން ދިމާވިކަމެކެވެ. އަޅުގަނޑުމެން ގާތުގައި އޮތް ރަށަކަށް ދަތުރުދިއައީމެވެ. އެނބުރި ރަށަށް އަންނަން ފުރުން ލަސްވަމުން އައިސް ފުރުނީ އިރުއޮއްސުނުވެސްފަހުންނެވެ. ރަށަށް އައިސް ގެއަށް ގޮސް ދަރިން ފެންވަރުވައި އަޅުގަނޑުމެންވެސް ފެންވަރައި ނިމުނުތަނާ އަޅުގަނޑުގެ 5 އަހަރުގެ ފިރިހެންދަރިފުޅު ސޯފާގައި އޮށޯވެ ބަތިބަލަންފެށިގޮތަށް އެހެންތަނެއް ނުބެލިއެވެ. ގޮވުމުންވެސް އޮންނަނީ މަތިބަލަހައްޓައިގެންނެވެ.  

ފިރިމީހާއަށް ޝައްކެއްވެގެން ފެންކިޔަވައި މޫނާއި މުޅި ހަށިގަނޑުގައި އުނގުޅަން ފެށުމުން ރަނގަޅުވެއްޖެއެވެ. ރަނގަޅުވުމުން މަތިން ފެނުނީ ކޮން އެއްޗެއްތޯ ސުވާލުކުރުމުން ބުނެދޭކަށް ނުއެނގުނެވެ."  

މިއީ މިއަދުނޫހުގެ ކިޔުންތެރިއަކު ޙިއްޞާކުރި މައުލޫމާތުކޮޅެކެވެ. ކިޔުންތެރިންގެ ސަމާލުކަމަށް ގެންނަން ބޭނުންވަނީ އިރުއެއްސޭއިރަށް 7 އަހަރުން ދަށުގެ ކުޑަކުދިން ކޮންމެހެންވެސް ގެއަށް ވެއްދުމުގެ މުހިންމުކަމެވެ. ރަނގަޅީ އެއަށްވުރެ ބޮޑެތި ކުދިންވެސް ގެއަށް ވެއްދުމެވެ. ޚާއްޞަކޮށް އަންހެނުން ކޮންމެހެން ނުކުންނަން ނުޖެހޭނަމަ ގޭގައި މަޑުކުރުމުގެ މުހިންމުކަމެވެ.  

މިހާދިސާއަކީ ދަތުރުދިއަ ކުއްޖަކަށް ދިމާވިކަމެއް ނަމަވެސް މިފަދަ ކަންކަން ދިމާވާނީ ހަމައެކަނި ދަތުރުދިއުމަކުން ނޫނެވެ! އެމީހަކު ދިރިއުޅޭ ރަށަކުންވެސް ދިމާވުމުގެ ފުރުޞަތު އެބައޮތެވެ.  

ނަމަވެސް މިހާރަކަށް އައިސް އެކަމަށް ސަމާލުކަން ދެނީ ވަރަށް މަދުމީހެކެވެ. ގިނަ ބައަކު ސަމާލުކަމެއް ނުދެއެވެ. ތިރީގައި އެވަނީ މީގެކުރިންވެސް މިއަދުނޫހުގައި އެކަމަށް ބާރުއަޅައި ޝާއިޢުކޮށްފައިވާ ޝައިޚް މުޙައްމަދު ޝާފިޢުގެ ލިޔުއްވުމެކެވެ. ވިސްނުންތެރިކަމާއިއެކު ތަކުރާރުކޮށްވެސް ވިދާޅުވުން މުހިންމު ލިޔުމެކެވެ.  

އިރުއޮއްސޭ ވަޤުތު ކުޑަކުދީން ބޭރަށް ނެރުމަކީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަހީކުރައްވާފައިވާ ކަމެކެވެ. ޖާބިރު ބިން ޢަބްދިﷲ ގެ ކިބައިން ރިވާވެގެން ވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

( إِذَا كَانَ جُنْحُ اللَّيْلِ أَوْ أَمْسَيْتُمْ فَكُفُّوا صِبْيَانَكُمْ ، فَإِنَّ الشَّيْطَانَ يَنْتَشِرُ حِينَئِذٍ ، فَإِذَا ذَهَبَ سَاعَةٌ مِنْ اللَّيْلِ فَخَلُّوهُمْ ، وَأَغْلِقُوا الْأَبْوَابَ وَاذْكُرُوا اسْمَ اللَّهِ فَإِنَّ الشَّيْطَانَ لَا يَفْتَحُ بَابًا مُغْلَقًا ، وَأَوْكُوا قِرَبَكُمْ وَاذْكُرُوا اسْمَ اللَّهِ ، وَخَمِّرُوا آنِيَتَكُمْ وَاذْكُرُوا اسْمَ اللَّهِ وَلَوْ أَنْ تَعْرُضُوا عَلَيْهَا شَيْئًا، وَأَطْفِئُوا مَصَابِيحَكُمْ ) رواه البخاري (3280) ومسلم (2012)

މާނައީ: "ރޭގަނޑުގެ އަނދިރިކަން ވެރިވެގަންނަ ވަގުތު ނުވަތަ އިރު އޮއްސޭ ވަގުތު ތިޔަބައިމީހުންގެ ކުދީން (ގެއިން ނުކުތަނުދީ) ހިފަހައްޓާށެވެ. ފަހެ ހަމަކަށަވަރުން ޝައިޠާނުންތައް އެވަގުތު (ބިންމަތީ) ފެތުރިގަނެއެވެ. ފަހެ ރޭގަނޑުން ބައެއް ދިޔުމުން (ޢިޝާނަމާދު ވަޤުތުވުމުން) އެކުދިން ދޫކޮށްލާށެވެ. އަދި ބިސްމިﷲ ކިޔުމަށްފަހުގައި ދޮރުތައް ލައްޕާށެވެ. ފަހެ (އެގޮތަށް) ލައްޕާފައިވާ ދޮރެއް ޝައިޠާނާ ނުހުޅުވާނެއެވެ. އަދި ބިސްމިﷲ ކިޔުމަށް ފަހު ފެން ކަންވާރުތަކުގެ މަތިތައް ބާރުކުރާށެވެ. (މަތިތައް ޖަހާށެވެ.) އަދި ﷲގެ އިސްމުފުޅު ކިޔައި ތިޔަބައިމީހުންގެ ކަންވާރުތަކުގައި މަތިޖަހައި ނިވާކުރާށެވެ. އެއީ އޭގެ މަތީގައި (ކުޑަނަމަވެސް) އެއްޗެއް ބާއްވާލައިގެން ނަމަވެސްމެއެވެ. އަދި ތިޔބައިމީހުން ބައްތިތައް ނިވާލާށެވެ." 

އަދިވެސް ޖާބިރު ބިން ޢަބްދިﷲ ގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

( لَا تُرْسِلُوا فَوَاشِيَكُمْ وَصِبْيَانَكُمْ إِذَا غَابَتْ الشَّمْسُ حَتَّى تَذْهَبَ فَحْمَةُ الْعِشَاءِ ، فَإِنَّ الشَّيَاطِينَ تَنْبَعِثُ إِذَا غَابَتْ الشَّمْسُ حَتَّى تَذْهَبَ فَحْمَةُ الْعِشَاءِ ) . وروى مسلم (2013)

މާނައީ: ” އިރު އޮއްސިއްޖެނަމަ، ތިޔަބައިމީހުންގެ ނަޢަމުސޫފިތަކާއި ދަރީން ރޭގަނޑުގެ އަނދިރިކަމުގެ ކުރީކޮޅު ފާއިތުވެއްޖެއުމަށް ދާންދެން ދޫނުކުރާށެވެ. ފަހެ ހަމަކަށަވަރުން އިރު އޮއްސިއްޖެނަމަ، ރޭގަނޑުގެ އަނދިރި ކަމުގެ ކުރީކޮޅު ފާއިތުވެއްޖައުމަށް ދަންދެން ޝައިޠާނުން ބިންމަތީގައި ފެތުރިގަނެއެވެ."

މިކަމުގެ ޙިކުމަތަކީ ކޮބާ؟

ޝައިޠާނުންގެ ކިބައިން ރައްކާތެރިކުރާ އައްޑަނައަކީ ޛިކްރެވެ. ކުދީންނަކީ މި ރައްކާތެރިކަން ހޯދުމުގެ ކުޅަދާނަކަށް ލިބިގެން ނުވާ ބަޔެކެވެ. ޝައިޠާނުން ފެތުރިގަންނަ ވަޤުތުގައި އެސޮރުމެންނަށް ފަސޭހައިން އަތުޖެހޭ، ގޯނާކުރެވޭ ޙިސާބުގައި، އެއްވެސް ރައްކާތެރިކަމެއް ނެތި ހުރުމަކީ އެފަދަ އުނދަގޫތައް ކުރިމަތިވެދާނެ ސަބަބަކަށްވާތީ އެކަން ނަހީކުރެއްވީއެވެ.

އަދި ޝައިޠާނުން ގިނަ ވަގުތަކަށް އެވަގުތު ވެފައިވުމާއެކު، ކުއްޖަކަށް ކުރެވޭ ކަމެއްގެ ސަބަބުން މިސާލަކަށް އެއްލޭ އެއްޗެއްގެ ސަބަބުން އޭގެން އެއްޗަކަށް ގޯނާކުރެވި، އޭތީގެ އުނދަގޫ އެ ކުއްޖަކަށް ފޯރުންވެސް އެކަށީގެންވެއެވެ. 

އިރު އޮއްސުމުން ޝައިޠާނުން ފެތުރިގަންނަނީ ކީއްވެ؟

އެއީ އެސޮރުމެން ޙަރަކާތްތެރިވުން، ދުވާލަށް ވުރެ ރޭގަނޑު ފަސޭހަވާތީއެވެ. ޝައިޠާނީ ބާރުތަކަށް އަނދިރި ވަޤުތު ތަކަކީ އެހެން ވަޤުތުތަކަށްވުރެ ފަސޭހަ، ޝައއިޠާނުން ލޯބިކުރާ ވަޤުތުތަކެކެވެ. އަދި ކަޅުކުލަ އަކީވެސް ޝައިޠާނުން ލޯބިކުރާ ކުލައެކެވެ. (ބައްލަވާ” فتح الباري ” (6/341)) 

އެވަޤުތު ފެށެނީ އަދި ނިމެނީ ކޮން އިރަކު؟

ނަހީގެ ވަޤުތު ފެށެނީ އިރު އޮއްސުމުންނެވެ. އަދި ނިމެނޭ ޢީޝާ ނަމާދު ވަޤުތު ވަނުމުންނެވެ. 

ނެރުން ނަހީވެފައިވަނީ ކޮން ޢުމުރެއްގެ ކުދިންނެއް؟

ތަންދޮރު ނޭނގޭ ވަރުގެ ކުޑަކުދިންނެވެ. ޢާއްމުގޮތެއްގައި ޢިލްމުވެރިން ވިދާޅުވަނީ 7 އަހަރުން ދަށުގެ ކުދީން ކަމަށެވެ. 

މިކަމުގެ ޙުކުމަކީ ކޮބާ؟

އެއީ މުސްތަޙައްބު ކަމެކެވެ. ވާޖިބެއް ނޫނެވެ. ޘާހިރީ މަޛްހަބުގައި ވާޖިބެކެވެ. (ބައްލަވާ ” الفروع ” (1/132) ، فتح الباري ” (11/87) ” فتاوى اللجنة الدائمة ” (26/317) ) 

ދަރިފުޅު ގޮވައިގެން މިސްކިތަށް މަޣްރިބް ނަމާދަށް ދާ ނަމަ ..؟
ނަހީވެފައިވަނީ ކުދީން އެކަނި ދޫކޮށްލުމެވެ. ބޮޑު މީހަކާއެކު މިސްކިތަށްދާނަމަ އެކަމުގައި މައްސަލައެއް ނެތެވެ. 

އިރު އޮއްސުނު ވަގުތު ކުދީން ބޭރުގައި ތިބި ނަމަ ؟

އައުލާވެގެންވަނީ ވީހާ އަވަހަކަށް ގެއަށް ވެއްދުމެވެ. ދުރުތަނެއްގައި ތިބި ނަމަ އަވަހަށް ގެއަށް ގެނައުމެވެ. އަނދިރިކަން ފެތުރިގަންނަ ވަގުތުގައި ބޭރުގައި ތިބުމުން ލިބިދާނެ ޝައިޠާނީ ގެއްލުންތަކުން ރައްކާތެރިވުމަށްޓަކައެވެ.

 

- ޝައިޚް މުޙައްމަދު ޝާފިޢު

 

މަރްޖިޢު
https://islamqa.info/ar/125922

 

މިއަދު އޮންލައިން