ފިރިމީހާއަށް ގޯސްކޮށް ކުރެވޭ ކަންކަން ފާހަގަކޮށް އިޞްލާޙްކުރަން އަނބިމީހާ ނަޞޭޙަތްތެރިވުމުން މަޤާމު އޮޅުނީ ކަމަށް ބުނެ ހަރުކަށި ބަސްތައް ބުނުމެއް ނެތެވެ. އެއީ އަނބިމީހާގެ މައްޗަށް އޮތް ވާޖިބެކެވެ. އަދާކުރަންޖެހޭ މަސްއޫލިއްޔަތެކެވެ.
ކައިވެނީގެ އެންމެ މުހިންމު ބޭނުމަކީ އެކުގައި ސުވަރުގެ ދިއުން ކަމަށްވާއިރު އެމަޤްޞަދު ޙާޞިލްކުރެވޭނީ ދެމީހުންގެ ޢަމަލުތައްވެސް އިޞްލާޙްކޮށްގެންނެވެ. ޒަވާޖީ ޙަޔާތް ބާއްޖަވެރިކޮށް އުފާވެރިކުރުވޭނީވެސް ދެމީހުންވެސް އިޞްލާޙްވެ ރަނގަޅުމަގުން ކުރިއަށް ގޮސްގެންނެވެ. ވީމާ ފިރިމީހާ ކަމުގައިވީނަމަވެސް ގޯސްމަގަކުންދާނަމަ އެކަން އިޞްލާޙްކުރަން މަސައްކަތްކުރުން އަނބިންގެ މައްޗަށް ވަނީ ވާޖިބުވެގެންނެވެ.
ސުވާލު:. ފިރިން ދެކާގޮތުގައި ފިރިން ދާ ތަންތަން ބަލައި ސުވާލުކޮށް، ކަންކަން ރަނގަޅު ކުރަން ބުނުމަކީ އަނބިމީހާ ފިރިމީހާއަށްވުރެ މަތީގައި ހުރުން، އަދި މިގޮތަށް ކަންތައް ކުރުމުން ފިރިން އަންނަނީ ރުޅި، ބުނާނެ ތިމަންނާ އުޅޭގޮތެއް ބަލާކަށް ނުޖެހެޔޭ، އަނބިމީހާގެ މަޤާމު އޮޅެނިއްޔޭ، މިފަދަ ކަންތަކުގައި އަނބިމީހާ ދެކެ ފިރިމީހާ ރުޅި އަތުވެއްޖެ ނަމަ އަނބިމީހާ އެކަމުން ފާފަވެރިވާނެތޯ؟
ޖަވާބު:. ދެމަފިރިންކުރެ ކޮންމެމީހަކީވެސް އަނެކާގެ މޫނު ބަލާ ލޯގަނޑު، ގޯސްކޮށް ކަމެއްކުރެވޭނަމަ އެކަން ރަނގަޅުކޮށްދޭންޖެހޭ، ވީމާ ފިރިމީހާ ގޯސް މަގަކުން ދާނަމަ އެކަން ރަނގަޅު ކޮށް ދިނުމަކީ އަނބިމީހާ ކުރަންޖެހޭ ކަމެއް، އެއީ އޭނަގެ މަޤާމު އޮޅުމެއްނޫން.
ޖަވާބު ދެއްވި ޑރ. މުޙައްމަދު އިޔާޒް ޢަބްދުއްލަޠީފް