ދެމަފިރިންގެ މެދުގަ ޖެހޭ މައްސަލަތައް ޙަލުކުރެވި 40 އަހަރު އުފާވެރި، ކާމިޔާބު ދިރިއުޅުމެއް ހޭދަކުރި ދެމަފިރިއަކު ބޭނުންކުރި އުކުޅު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 32ސ
ދެމަފިރިންގެ މެދުގަ ޖެހޭ މައްސަލަތައް ޙަލުކުރެވި 40 އަހަރު އުފާވެރި، ކާމިޔާބު ދިރިއުޅުމެއް ހޭދަކުރި ދެމަފިރިއަކު ބޭނުންކުރި އުކުޅު-

އެހެން މީހުން ފަދައިން އަހުރެންނަށްވެސް ދިރިއުޅުމުގައި ކުށްތައް ކުރެވެއެވެ. އަނބިމީހާ ނުރުހޭ ކަންކަންވެސް ކުރެވެއެވެ. އެކަމަކު ބުނަންހެއްޔެވެ؟ ކައިވެންޏަށް 40 އަހަރުފުރުނުއިރުވެސް ދެބަސްވާކަށް ނުޖެހެއެވެ. އަދި އަނބިމިހާ ފާހަގަކުރި އެއްވެސް މައްސަލައެއް އަނބިމީހާ ބޭނުންވާ ގޮތަށް ކާމިޔާބު ނުކުރެވިއެއްވެސް ނެތެވެ. 

އެކަން އެގޮތަށް މެދުވެރިވަނީ އަނބިމީހާ ބޭނުންކުރާ ޚާއްޞަ އުކުޅެއްގެ ސަބަބުންނެވެ. އެހެންވެ އަހުރެން ބޭނުންވެގެން މިއުޅެނީ އެއުކުޅު އެންމެންނަށް ޙިއްޞާކޮށްލުމަށެވެ. އެއީ ދެމަފިރިންގެ މެދުގައި މައްސަލަޖެހި ވަރިގިނަވަމުން އަންނަ މައްސަލައަށް ޙައްލަކަށްވެދާނެ ކަމުގައެވެ. ވީމާ ރަނގަޅަށް އަޑުއަހާށެވެ! 

އަހުރެންނަށް ކިތަންމެ ގޯސްކޮށް ކަމެއް ކުރެވުނަސް އަހުރެންނަށް ކުށެއް ކުރެވިއްޖެ ކަމަކަށް އަނބިމީހާ ދުވަހަކުވެސް ނުބުނެއެވެ. ބުނާނީ "ﷲ އަހުރެމެންނަށް ދެން ކަންކަން މިންވަރުކުރައްވަވާނެ ގޮތަކާއިމެދު ކަންބޮޑުވަމެވެ." ފަދަ ޢިބާރާތެކެވެ. އެވާހަކައިގެ ތެރެއަށް ކޮންމެވެސް ގޮތަކުން ﷲ ފައްތާނެއެވެ. 

އެޙިސާބުން ކަމެއް ގޯސްކޮށް ކުރެވިއްޖެކަން އަހުރެންނަށް ވިސްނެއެވެ. ﷲ އަށް ބިރުވެތިވެވެއެވެ. އަހުރެންގެ ކުށް އޮޅުންފިލުވައި އިޞްލާޙްކުރަން ޝައުޤުވެރިވެވެއެވެ. އެހެންވެ އަހުރެންގެ ކުށަކީ ކޮބައިތޯ ނިކަން މަޑުމަޑުން އަނބިމީހާ އާއި ސުވާލުކުރަމެވެ. 

އަނބިމީހާ އެކަމެއް ފާހަގަކުރުމުން އެކަން ފާހަގަކުރީތީ ކަންބޮޑުވާކަމުގެ އެންމެ ބަހެއްވެސް ނުބުނަމެވެ. އެކަން ފާހަގަކޮށްދިނީތީ ޝުކުރުވެރިވަމެވެ. އަދި އެކަން އިޞްލާޙްކުރަމެވެ. އަހުރެން މިގޮތަށް ކަންތައްކުރާތީ އަނބިމީހާވެސް ކަންތައްކުރަނީ ހަމައެގޮތަށެވެ.

އަހުރެން ބުނެލަން ބޭނުންވަނީ އެންމެންވެސް ނިކަން މިފަދަ ގޮތަކަށް ކަންކަންކޮށް ތަފާތު ބަލައިލުމަށެވެ. އަހުރެން ބުނާނީ އެއިރުން ،ައްސަލަތައް މަދުވެ އުފާވެރި ދިރިއުޅުމެއް އުޅެން މަގުފަހިވާނެ ކަމަށެވެ. 

މިއީ ސޯޝަލް މީޑިއާއިން އަޑުއަހާފައިވާ ވާހަކަކޮޅެކެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް ފައިދާކުރާނެ ކަމުގެ އުންމީދުގައި ހާމަކޮށްލީއެވެ.

 

- އަލަފް / މިއަދުނޫސް 

މިއަދު އޮންލައިން