މާތް ނަބިއްޔާ ﷺ އަޅުކަމެއް ފައްޓަވައިފިނަމަ އެކަމެއްގެ މަތީ ދެމިހުންނަވާ ކަމަށް ޙަދީޘްތަކުގައިވެއެވެ. އަދި އަޅުކަމުގައި ދެމިތިބޭ އަޅުތަކުންނަށް ކީރިތި ޤުރުއާނުގައި ﷲ ތަޢާލާ ޘަނާކިޔުއްވަވާފައިވެއެވެ.
ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ: ﴿الَّذِينَ هُمْ عَلَى صَلَاتِهِمْ دَائِمُونَ﴾ سورة المعارج:23
މާނައީ: "އެއުރެންނީ، އެއުރެންގެ ނަމާދުކުރުންމަތީ ދެމިތިބޭމީހުންނެވެ".
މިއާޔަތުގައި ﷲ ތަޢާލާ މިބަޔާންކުރައްވާ ފަދައިން މުއުމިނުންގެ ސިފައަކީ އެމީހުންގެ ކިބައިން ތަކުލީފު އުފުލެންދެން އަޅުކަމުގައި ދެމިތިބުމެވެ. ﷲ ތަޢާލާ ނަބިއްޔާ ﷺ އަށް އަމުރުކުރެއްވީ މިފަދައިން އަޅުކަމުގައި ދެމިހުރުމަށެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ:
﴿وَاعْبُدْ رَبَّكَ حَتَّىٰ يَأْتِيَكَ الْيَقِينُ﴾ سورة الحجر:99 މާނައީ: "އަދި ކަލޭގެފާނުގެ އަރިހަށް ޔަޤީންވެގެންވާ ކަންތައް (އެބަހީ: މަރު) އަތުވެއްޖައުމަށް ދާނދެން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް އަޅުކަން ކުރައްވާށެވެ!".
- ޝައިޚް އަޙްމަދު ރިމާޒްގެ ލިޔުއްވުމަކުން