ﷲ ގެ ދީން އެއިގެ އަޞްލާއެއްގޮތަށް ތަންފީޒުކުރަން މަސައްކަތްކުރައްވާ ކޮންމެ ވެރިއެއްގެ ވެރިކަން ވައްޓާލައި ޝަހީދުކުރަން މަސައްކަތްކުރާނެ!: ޝައިޚް ޢަބްދުއްނާޞިރު ޖަންގްދާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 2ސ
ﷲ ގެ ދީން އެއިގެ އަޞްލާއެއްގޮތަށް ތަންފީޒުކުރަން މަސައްކަތްކުރައްވާ ކޮންމެ ވެރިއެއްގެ ވެރިކަން ވައްޓާލައި ޝަހީދުކުރަން މަސައްކަތްކުރާނެ!: ޝައިޚް ޢަބްދުއްނާޞިރު ޖަންގްދާ

ހަމަކަސަވަރުން މުއްމިނުންނީ ނަމާދު ޤާއިމުކޮށް ޒަކާތްދީ އަދި އެނޫންވެސް ﷲ ތަޢާލާ ފަރުޟް ކުރައްވަވާފައިވާ ކަންކަން ޘާބިތުވެ ތިބޭ ބައެކެވެ. އަދި މުއްމިނުންނަކީ ހެޔޮކަންތައްތަކަށް އަމުރުކުރާ އަދި ނުބައި ކަންތައްތައް ނަހީކުރާ ބައެކެވެ. މިއީ ކީރިތި ޤުރްއާނުން ވަރަށް ސާފުކޮށް އެނގެން އޮތް ކަންކަމެވެ. މުއްމިނަކަށްވެވޭނީ މިކަންތައްތައް ކުރުމުންނެވެ.  

އެހެނަސް ހިތާމައަކީ މިއަދު އަހުރެމެންނަކީ މުއްމިނުން ކަމުގައި ބުނަމުން ޤުރްއާނަށް ދެކޮޅުހެދޭކަމެވެ. ޢޤަމަލުނުކުރެވޭ ކަމެވެ.  

އަލް ޙައްޖު ސޫރަތުގެ 49 ވަނަ އާޔަތުގައި ވަނީ މިފަދައިންނެވެ. "ކަލޭގެފާނު ވިދާޅުވާށެވެ! އޭ މީސްތަކުންނޭވެ! ތިމަންކަލޭގެފާނު ވާކަން ކަށަވަރީ، ތިޔަބައިމީހުންނަށްޓަކައި ހުންނެވި އިންޛާރު ކުރައްވާ ބޭކަލަކު ކަމުގައެވެ." 

ނިކަން ވިސްނައިބަލާށެވެ! ﷲ ތަޢާލާއަށް އީމާންވުމަށާއި އިސްލާމް ދީނަށް ތަބަޢަވުމަށް ނުވަތަ ޢަމަލުކުރަން ގޮވާލެއްވެވުމުން ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި ދެކޮޅަށް ދުޝްމިނުން ނުކުރަނީ ކޮންކަމެއް ހެއްޔެވެ؟ 4 ޚަލީފާއިންގެ ތެރެއިން 3 ޚަލީފާއިން ޝަހީދުކުރި ނޫންހެއްޔެވެ؟ 

މީސްތަކުންނޭވެ! ޝަހީދުކުރިނަމަވެސް ވެރިކަން ވައްޓައިލި ނަމަވެސް މުސްލިމް އުންމަތުގެ ވެރިންނަށް އޮތީ މުޝްރިކުންނަށް ބޯނުލެނބުމެވެ. އަޅުވެތިނުވުމެވެ. "ޚުލަފާއުއްރާޝިދޫން" މަތިވެރި ލަޤަބް ލިބިވަޑައިގެންނެވި މާތް ބޭކަލުން ޢަމަލުފުޅު ކުރެއްވެވީ އެގޮތަށެވެ.  

މުޖްތަމަޢު އިޞްލާޙްކޮށް ﷲ ތަޢާލާގެ ދީން އެއިގެ އަޞްލާއި އެއްގޮތަށް ތަންފީޒުކުރަން ނުވަތަ ފަތުރަން މަސައްކަތްކުރާނަމަ ޢަދާވާތްތެރިން އެމީހަކާއި ދެކޮޅަށް ތެދުވާނެއެވެ. އެއީ ވެރިއަކު ނަމަ އެމީހެއްގެ ވެރިކަން ވައްޓާލަން މަސައްކަތްކުރާނެއެވެ. އަދި ޝަހީދުކޮށް އެމީހެއްގެ ވަސްވެސް ފުހެލަން މަސައްކަތްކުރާނެއެވެ.  

މިއަދު އުންމަތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ވެރިކަމުގެ ދަހިވެތިކަމުގައި ވެރިން ދުޝްމިނުންނަށް ބޯލެނބުމެވެ. ﷲ ތަޢަލާގެ ދީނަށް ނަޞްރުދިނުމުގެ ބަދަލުގައި ވެރިަކަމަށް އޮންނަ ދަހިވެތިކަން ބޮޑުވުމެވެ. ހަމަޤައިމުވެސް އެއިރުން އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުމެއް ނުލިބޭނެއެވެ. އުންމަތަށް ލިބޭ ގެއްލުންތައް ބޮޑުވެ އުންމަތްދާނީ ބަލިކަށިވަމުންނެވެ.  

ވީމާ ވެރިން ނަމާނާއަކަށް ބަލަންވީ ޚަލީފާއިންނެވެ. ދުޝްމިނުން ކޮށްފާނެ ކަމަކަށް ބެލުމެއް ނެތެވެ. އޮތީ ﷲ ތަޢާލާގެ ދީނަށް ނަޞްރު ދިނުމުގައި ޘާބިތުވުމެވެ. އެއިރުން އެމީހަކާއިއެކުގައި ﷲ ތަޢާލާ ވޮޑިގެންވާނެތެވެ. އެއީ ދުނިޔޭގައި ތިބި 7 ބިލިއަން މީހުންގެ ރުހުން ލިބުމަށްވުރެވެސް މާފައިދާ ކުރާނެ ކަމެކެވެ.

 

- މަޢުލޫމާތު: ޝައިޚް ޢަބްދުއްނާޞިރު ޖަންގްދާގެ ދަރުސަކުން

 

މިއަދު އޮންލައިން