ފިރިމީހާ ފާފަކުރަން އަނބިމީހާ ނުރުހޭތީ ހޯދި ފާފަކުރަން ރުހޭޒުވާން އަނބިމީހާ، ފިރިމީހާ ބަލިވިއިރަށް ގެއްލި ދޮށީ އަނބިމީހާއަށް ބަލަންޖެހުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 8ސ
ފިރިމީހާ ފާފަކުރަން އަނބިމީހާ ނުރުހޭތީ ހޯދި  ފާފަކުރަން ރުހޭޒުވާން އަނބިމީހާ، ފިރިމީހާ ބަލިވިއިރަށް ގެއްލި ދޮށީ އަނބިމީހާއަށް ބަލަންޖެހުނު ގޮތުގެ ވާހަކަ-

ދުނިޔޭގައި އެންމެންނަށް ކަންކަން ދިމާވާނީ އެއްގޮތަކަށް ނޫންނަމަވެސް މީސްމީހުންނަށް ދިމާވެފައި ހުންނަ ކަންކަމުން ޢިބްރަތް ޙާޞިލުނުކުރެވޭނަމަ ލިބިފައިވާ ބުއްދީގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ އަހުރެން ބުނާނީ އެއްވެސް ބާނުމެއް ނެތް ކަމަށެވެ.

މިކިޔައިދެނީވެސް މީހަކަށް ކުރިމަތިވި ކަންތައްތަކެއްގެ ވާހަކައެވެ.

އަހުރެން އޭނާ ވަރަށް ރަނގަޅަށް ދަންނަމެވެ. އޭނާގެ ޢާއިލާވެސް ދަންނަމެވެ. އޭނާއަކީ ކިޔަވައިގެން ހުރި ތަންދޮރުފިލާ ޒުވާނެކެވެ. އަނބިދަރިންނާއި މައިންބަފައިންނަކީ ނުހަނު ކިޔަމަންތެރި އަޚްލާޤް ރަނގަޅު ބައެކެވެ. ދެބަސްވުމަކީ ޢާއލާގެ ތެރޭގައި އޮންނަ ކަމެއް ނުވެސް ނޫނެވެ.

އޭނާއަކީ ޒުވާން އިރުންސުރެ ބަނގުރަލަށް ދެވިހިފާފައި ހުރި މީހެކެވެ. އުމުރުން 50 އިން މައްޗަށް ގޮސް ކާފަދަރިން ލިބުމުންވެސް އެކަން އޭނާއަށް ހުއްޓައެއް ނުލެވުނެވެ. ޢާއިލާއިން އެކަމަށް ދެކޮޅުހަދާތީ އެކަން ކުރަން އޭނާއަށް ހިތްވަރުދޭނެ ޒުވާން އަންބަކުވެސް އޭނާ ހޯދިއެވެ.

އޭނާއަށް ކަންކަން ވިސްނުނީ ހަމަކިރިޔާ މަރުން ސަލާމަތްވެވުނު ހާދިސާއެއް ކުރިމަތިވުމުންނެވެ. ކުއްލިއަކަށް ސްޓްރޯކެއް ޖެހުނީއެވެ. އައިސީޔޫގައި މަސްދުވަހު އޮންނަން ޖެހުނެވެ. ހިނގައިގަނެވުނީ އަހަރެއްހައި ދުވަހު ކަސްރަތުކޮށްދީގެންނެވެ.

ފިރިމީހާ ބަލިވިފަހުން ޒުވާން އަނބިމީހާ ލޮލަށްވެސް ނުފެނެއެވެ. އޭނާއަށް ޚިދުމަތްކުރަންޖެހުނީ ހަމަ ދޮށީ އަނބިމާހާޢަށެވެ. ދޮށީ އަނބިމީހާއަށް އެކަން ބުރައަކަށް ނުވެއެވެ. ނުހަނު ލޯބިން ހުރިހާ ކަންކަންވެސް ކޮށްދިނެވެ.

މިހިރަ މިހިރަ ހާދިސާތަކަކީ ވިސްނާ މީހުންނަށް ހުރި ޢިބްރަތްތެރި ފިލާވަޅުތަކެވެ. އިންސާނުން އުފައްދަވައި އަދި އެ އެބައިމީހުންނަށް އިޚްތިޔާރުތަކެއްވެސް ވަނީ ދެއްވަވައިފައެވެ. އެއިޚްތިޔާރުތަކުގެ ބޭނުން އެމީހަކު ބޭނުން ގޮތަކަށް ކުރެވިދާނެއެވެ.

އެޒުވާނާއަށް ސްޓްރޯކް ޖެހުނުކަން އެއީ ﷲ ތަޢާލާ ލެއްވެވި ރަޙްމަތެކެވެ. އެކަމުގެ ސަބަބުން އޭނާ ކުރަމުން އައި ބޮޑުފާފައިން ސަލާމަތްވުމުގެ ފުރުޞަތު ލިބުނީތީއެވެ. ނަމަވެސް މިފަދަ ފުރުޞަތު އެންމެންނަކަށް ނުލިބެއެވެ. ގިނަ ބައަކު މަރުވެ ދުނިޔެދޫކުރަމުން ދަނީ ބޮޑެތި ފާފަތައް ކުރުންމަޓީގައެވެ. އެފަދަ މީހުންގެ ޙާލާއިމެދު ވިސްނައިލުމުން ލޮލުން ކަރުނަ އޮހޮރެއެވެ.

މީސްތަކުންނޭވެ! ﷲ ތަޢާލާވަނީ މީސްތަކުންނަށް އިޚްތިޔާރުތަކެއް ދެއްވަވައިފައެވެ. އެ އިޚްތިޔާރުތައް އެމީހަކު ބޭނުން ކަމެއް ކުރަން ބޭނުންކުރެވިދާނެއެވެ. ބިރުވެތިވެތިނުވެ ތިއަބައިމީހުންގެ އަތްތަކުން މިއަދު ވައްކަން ކުރެވިދާނެއެވެ. ގުނަވަނުން ޒިނޭކުރެވިދާނެއެވެ. ޙަރާމްކުރައްވަވާފައިވާ ހުރިހާ ކަމެއްވެސް ކުރެވިދާނެއެވެ. މީސްތަކުންގެ ޙައްޤުތަކަށް އަރައިގަނެވިދާނެއެވެ.

އެކަމަކު އެދުވަހު ގަނެފައި ހުންނާނެ ބިރުބޮޑުކަމުން އެކަންކަން ނުކުރާ ކަމަށް ދަންނަވާނެއެވެ! ނަމަވެސް އަތްތަކާއި އެކަމެއްކުރި ގުނަވަންތައް ވާހަކަ ދައްކައި ކުރި ހުރިހާ ކަންކަމަށް ހެކި ދޭނެއެވެ.

-- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން