ދިރިއުޅުމުގަ ކުރިއަށް ނުދެވޭނަމަ ފުރަތަމަ ކަމަކަށްވެސް ހުރަސް އެޅެނީ ތިމާގެ ސަބަބުން ނޫންކަން ޔަޤީންކޮށް މިމަގުން ޢަމަލުކުރާށެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 54ސ
ދިރިއުޅުމުގަ ކުރިއަށް ނުދެވޭނަމަ ފުރަތަމަ ކަމަކަށްވެސް ހުރަސް އެޅެނީ ތިމާގެ ސަބަބުން ނޫންކަން ޔަޤީންކޮށް މިމަގުން ޢަމަލުކުރާށެވެ!: މުފްތީ މެންކް

ކުރާ މަސައްކަތްތައް ފޭލްވާނަމަ ފުރަތަމަ ކަމަކަށް ތިމާގެ އަމަލުތައް ދެނެގަންނާށެވެ! ކަންކަން ކުރެވޭ ގޮތާއިމެދު ވިސްނާށެވެ! ތިމާ ކުރާ ކަންކަމުގެ ތެރެއިން ﷲ ތަޢާލާ އަންގަވާފައިވާ ގޮތުގައި ކަންކަން ކުރެވެނީ ކިހައި މިންވަރަކަށްކަން ދެނެގަންނާށެވެ! އަދި ކުރަން އަންގަވާފައިވާ ކަންކަމުގެ ތެރެއިން ކުރެވެނީ ކިތައް ކަންތައް ކަމާއިމެދުވެސް ވިސްނާށެވެ. މިހުރެވެނީ ނުކުރަން އަންގަވާފައިވާ ކަންކަން ނުކޮށް ކަމާއިމެދުގައިވެސް ވިސްނައިލާށެވެ!

ވިސްނާށެވެ! ޢަމަލުކުރަން ޖެހޭ ފުރަތަމަ ޤާނޫނަކީ ޤައުމުގެ ޤާނޫނު އަސާސީއެއް ނޫނެވެ! އިލާހީ ޤާނޫނުތަކެވެ. ކީރިތި ޤުރްއާނެވެ. ﷲ ތަޢާލާގެ އަމުރުފުޅުތަކެވެ. ﷲ ތަޢާލާ ބާވައިލެއްވެވި ޤާނޫނުތަކަށް އަމަލު ނުކޮށް ޤައުމުގެ ޤާނޫނުތަކަށް އަމަލުކުރުމަކުން ﷲ ތަޢާލާގެ ޙަޟްރަތުގައި ކުރާނެ އެއްވެސް މަންފާއެއް ނެތެވެ.

އަހަރެމެންނަށް އަބަދުހެން މިއުޅެންޖެހެނީ ކުރާ މަސައްކަތްތަކުން އެކަށީގެންވާ ނަތީޖާއެއް ޙާޞިލްނުކުރެވިގެންނެވެ. ލިބެން އެދޭ ކުރިއެރުން ނުލިބިގެންނެވެ. އެއީ ހަމައެކަނި ދުނިޔަވީ ސަބަބުތަކަށް ނުވަތަ ދުނިޔަވީ ގޮތުން އެޅޭ ހުރަސްތަކަށް ވިސްނައިގެން ކާމިޔާބުކުރެވެން އޮތް ކަމެއް ނޫނެވެ.

އެމީހެއްގެ އަމަލުތައް ދިރާސާކުރަންވީ އެމީހެކެވެ. ދުނިޔޭގައި ހުރިހާ ދުވަހަކު އެކަންކުރުމުގެ ފުރުޞަތު ކޮންމެ މީހަކަށްވެސް ވަނީ ﷲ ތަޢާލާ ދެއްވަވައިފައެވެ. ފުރުޞަތު ގެއްލިގެންދާނީ މަރުގެ މަލާއިކަތާ ލޮލަށް ފެންނަވަގުތުން ފެށިގެންނެވެ. ތެދުވެރިކަމާއިއެކު ތިމާއަށް ކަންކަން ކުރެވޭ ގޮތް ދިރާސާ ކުރެވިއްޖެ ނަމަ ސަބަބުތައް ފެންނާނެއެވެ.

ވީމާ ކޮންމެ މީހަކީވެސް އެމީހެއްގެ އަމަލުތައް އަމިއްލައަށް ހިސާބުކުރާ މީހަކަށްވާށެވެ! ކުށަށް އިޢްތިރާފްވާށެވެ! ﷲ ތަޢާލާގެ ޙަޟްރަތުގައި އާދަމްގެފާނާއި ޔޫނުސްގެފާނު ދެންނެވި ފަދައިން ދަންނަވާށެވެ!

އާދަމްގެފާނު ދެންނެވީ މިފަދައިންނެވެ.:

"އެ ދެކަނބަލުން ދެންނެވިއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ އަމިއްލަ ނަފްސްތަކަށް އަޅަމެން އަނިޔާވެރި ވެއްޖައީމުއެވެ. އަދި އަޅަމެންނަށް އިބަރަސްކަލާނގެ ފާފަ ނުފުއްސަވައިފިނަމަ، އަދި ރަޙްމަތް ނުލައްވައިފިނަމަ، އަޅަމެންވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ." (އަލްއަޢްރާފް: 23)

ކޮންމެ ކަމެއްވެސް ޙާޞިލުވުން އޮތީ ﷲ ތަޢާލާގެ ޙަޟްރަތުންނެވެ. ވީމާ ފުރަތަމަ ކަމަކަށް ކުށް ޤަބޫލުކޮށް ތައުބާވާށެވެ! އެއަށް ކުށް އިތުރަށް ނުކުރަން މަސައްކަތް ކުރުމާއިއެކު ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރާށެވެ! ކާމިޔާބުގެ މަގު އެއިރުން ދައްކަވާނެތެވެ! އިން ޝާ ﷲ

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން