ﷲ ތަޢާލާ އެކި ދުވަސްވަރު އެކިމީހުންނަށް މިންވަރުކުރައްވަވަނީ އެކިގޮތެވެ. އެކިޙާލަތެވެ. ވީމާ ފުރަތަމަ ކަމަކަށް ވިސްނަންވީ އެދުވަހު ތިމާއަށް ހުރެވޭ ޙާލަތެވެ. މާނައަކީ އެދުވަހަކު ﷲ ތަޢާލާ ތިމާ ލައްވަވާފައިވާ ނުވަތަ މިންވަރުކުރައްވަޥާފައިވާ ޙާލަތެވެ.
މިޘާލަކަށް ތިބާހުރީ ކައިވެނިކޮށްގެނަ ކަމަށްވާނަމަ ވިސްނަންޖެހޭނީ ތިމާއަކީ މީހެއްގެ ފިރިއެއް ނުވަތަ އަންތބެއް ކަމަށާއި ދިރިއުޅެންވާނީ ތިމާހުރި މަޤާމުގައިކަމެވެ. އަންތބެއް ނުވަތަ ފިރިއެއްގެ ޙައިޘިއްޔަތުން ކަމެވެ. ކައިވެނިނުކޮށް ތިބި މީހުން އުޅޭގޮތަށް އުޅެގެން ނުވާނެކަމެވެ.
ކައިވެނީގައި ދަރިން ލިބުނީއެވެ. މައިންބަފައިން މުސްކުޅިވެ އަމިއްލައަށް ނުއުޅެވޭވަރަށް ބަލިކަށިވީއެވެ. އެފަދަ ދުވަހަކު ތިމާއަކީ އެމީހުންގެ ބެލެނިވެރިޔާކަމާއި ބަަލދުވެރިޔާކަން ހިނދުކޮޅަކަށްވެސް ހަނދާން ނައްތާލައިގެން ނުވާނެއެވެ. އެދުވަހު ތިބާ ތިއަހުރީ އެމީހުންގެ ބެލެނިވެރިކަމާއި ނަލަދުވެރިކަމުގެ މަޤާމުގައެވެ.
މަޤާމަކީ ހަމައެކަނި އަދާކުރާ ވަޒީފާއެއް ނޫނެވެ. އަދާކުރާވަޒީފާއަކީ ތިބާ އަމިއްލައަށް ހޯދާ ކަމެކެވެ. ނަމަވެސް ﷲ ތަޢާލާ ޙަވާލުކުރައްވަވާ މަޤާމަކީ މާމުހިންމު މަސްއޫލިއްޔަތެކެވެ. އެމަސްއޫލިއްޔަތު އަމާނާތްތެރިކަމާއިއެކު އަދާނުކޮށްފިނަމަ ﷲ ތަޢާލާގެ ޙަޟްރަތުގައި ޖަވާބުދާރީވާންޖެހޭނެއެވެ.
މިއަދު ކުރިމަތިވަމުން މިދާ މައްސަލަތައް ގިނަވެ މައްސަލަތައް ބޮޑެތިވަމުން މިދަނީ ﷲ ތަޢާލާ ޙަވާލުކުރައްވަވާ މަޤާމު އަދާކުރަން ފަސްޖެހެވޭތީއެވެ. އަދިވެސް އެއްކަމެއް ފާހަގަކޮށްލާނަމެވެ.
އެކަމަކީ ކައިވެނިކުރަނީ ތިބާ އެކަމަށް ބޭނުންވެގެންނެވެ. ނަމަވެސް ކައިވެނިކުރުމަށްފަހު ވަރިކުރުމަކީ ނުވަތަ ވަރިވުމަކީ ހަމަ ތިބާ ބޭނުންވުމުން ކުރާ ކަމަށް ހަދައިފިނަމަ އަމިއްލައަށް ޙަވާލުވި މަޤާމަށް ތެދުވެރިވި ކަމަކަށް ނުވާނެއެވެ. ސަބަބަކީ ކައިވެނި ރޫޅައިލުމުން ކޮންމެވެސް އެކަކަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާތީއެވެ. އަނެކާއަށް ދެވޭ އަނިޔާއަކަށްވެގެންދާތީއެވެ.
ދެން އޮތީ އެންމެ ބޮޑު މައްސަލައެވެ. އެއީ ދަރިން ލިބުމަށްފަހު ކައިވެނި ރޫޅައިލުމުވެ. އަނބި، ފިރިކަމުން ވަކިވެވިދާނެއެވެ. ނަމަވެސް ދަރިން ބެލުމުގެ މަސްއޫލިއްޔަތަކުން ވަކިނުވެވޭނެއެވެ. އެމަސްއޫލިއްޔަތުން ވަކިވެއްޖެނަމަ ﷲ ތަޢާލާގެ ޙަޟްރަތުގައި މީހާ ބޮޑުތަނުން ކުށްވެރިވާނެއެވެ. ފާފަވެރިވާނެއެވެ.
ދަރިފުޅު ތަރުބިއްޔަތު ނުކުރެވުމުގެ ސަބަބުން ނުބައިމަގަކުން ހިނގައްޖެނަމަ އެކަމުގެ ޒިންމާ އުފުލަންޖެހޭނެއެވެ. އޭނާކުރާ ފާފަތަކުން ބައިވެސްއެޅޭނެއެވެ. އެއީ ތިބާ އާއި ﷲ ތަޢާލާ ޙަވާލުކުރެއްވެވި މަޤާމް އަދާނުކުރީތީއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން