ދަރިންނަށް ބައިވެރިޔާގެ ކިބައިން އަނިޔާލިބެން ދޫކޮށްލުން ހުއްދައެއް ނޫން! އަނިޔާއިން ސަލާމަތްކުރަން މަސައްކަތްކުރުމަކީ މައިންބަފައިންގެ މަސްއޫލިއްޔަތެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ދަރިންނަށް ބައިވެރިޔާގެ ކިބައިން އަނިޔާލިބެން ދޫކޮށްލުން ހުއްދައެއް ނޫން! އަނިޔާއިން ސަލާމަތްކުރަން މަސައްކަތްކުރުމަކީ މައިންބަފައިންގެ މަސްއޫލިއްޔަތެއް!

ކައިވެނިކޮށް ދެމަފިރިން އެކުގައި ދިރިއުޅެމުން ދަނިކޮށް ފިރިމީހާގެ ސަބަބުން ނުވަތަ އަނބިމީހާގެ ސަބަބުން އެކުގައި ކުރިއަށް ނުދެވޭފަދަ މައްސަލަތައް ކުރިވަނީއެވެ. ޙައްލުކުރަން މަސައްކަތްކޮށްކޮށްވެސް ޙައްލުނުވެ ގޯހުން ގޯހަށްދަނީއެވެ. އެކަމުގެ ސަބަބުން ހިތަށް ބޮޑެތި އަނިޔާތައް ލިބެނީއެވެ. 

މިޙާލަތުގައި ކެތް ނުކުރެވުމުން ދެވެނީ މައިންބަފައިންގެ ގާތަށެވެ. ޙާލަތު ބަޔާންކުރުމުން ބައެއް މައިން ބަފައިން ދޭ ޖަވާބަކީ ކެތްތެރިވާން މަސައްކަތްކުރާށެވެ. ގިނަ ފަހަރަށް މިފަދަ ޖަވާބު ދެނީ ދަރިފުޅަށް ކުރިމަތިވާ ޙާލާއިމެދު ފުންކޮށް ވިސްނައިވެސް ނުލައެވެ. 

މިފަދަ ޖަވާބު ލިބުމުން ޚާއްޞަކޮށް އަންހެންދަރިން ވަރަށް ބޮޑަށް މާޔޫސްވެއެވެ. "ފިރިމީހާގެ ކިބައިން ލިބެނީ ހިތްދަތިކަމެވެ. އަނިޔާއެވެ. މައިންބަފައިންގެ އެހީތެރިކަމެއް ނުލިބުނެވެ. ދެން އަހުރެންނާއި އެހީތެރިވާނީ ކާކުހެއްޔެވެ؟ އެއްވެސް މީހަކު އެހީތެރިއެއް ނުވާނެއެވެ." 

މިފަދަ ޚިޔާލުތައް ކުރެވެން ފެށުމުން ދިރިއުޅުން މަތިން ފޫހިވެ ކަންކަން ގޯހުން ގޯހަށްވެސް ދެއެވެ. ހެޔޮއެދޭކަމަށް ބުނާ ފޭކްއެކުވެރިންގެ ބަސް ޤަބޫލުކުރެވެއެވެ. ނުބައި މަގުތަކުން ކުރިއަށް ދެވެން ފަށައެވެ. ދެދުނިޔެ ނަގައިލެވޭއިރު އެކަން ނުވެސް ވިސްނެއެވެ. 

ފާހަގަކުރަން ބޭނުންވާ ކަމަކީ މިބަޔާންކުރި ފަދަ ޙާލަތެއް ކުރިމަތިވެގެން ދަރިއަކު މައިންބަފައިންގެ ކިބައިން އެހީތެރިކަމަށް އެދިއްޖެނަމަ އެއީ އެހައި ކުޑަކަމެއްގެ ގޮތުގައި ނުދެކޭށެވެ. ފުންކޮށް ވިސްނާށެވެ. ފޯރުކޮށްދެވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދޭށެވެ.

މީގެމާނައަކީ ވަރިވާން ނުވަތަ ކައިވެނި ރޫޅައިލަން ހިތްވަރުދިނުމެއް ނޫނެވެ. ދަރިފުޅު ދައްކާ ވާހަކަ އަޑުއަހައި ބައިވެރިޔާއާއި ބައްދަލުކޮށް ރިވެތި ގޮތުގައި މަޝްވަރާކުރާށެވެ. ޙައްލުކުރެވޭނެ ގޮތަކީ ކޮބައިކަން ބަލާށެވެ. އެއިރުން ކައިވެނި ރޫޅުނަސް ދަރިފުޅު އެކަނިވެރި ނުވާނެކަމާއި މައިންބަފައިން ތިބީ ދަރިފުޅާއިއެކުގައިކަން އެނގޭނެއެވެ. އެހީތެރިވެދޭނެކަން އެނގޭނެއެވެ. 

އެއީވެސް މައްސަލަ ރަނގަޅުގޮތުގައި ޙައްލުކުރަން ބާރުލިބޭ ކަމަކަށްވެގެންދާނެއެވެ. 

އަދިވެސް އެއްވާހަކަ ބުނެލާނަމެވެ. ދަރިންނަށް އެފަދަ ގޮތަކަށް އަނިޔާލިބެން ދޫކޮށްލުން އިސްލާމްދީން ހުއްދައެއް ނުކުރެއެވެ. އޮތީ އެހީތެރިވެދިނުމެވެ. އެއީ މައިންބަފައިންގެ މަސްއޫލިއްޔަތެކެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން