ދެމަފިރިން އެކަކު އަނެކަކުދެކެ އަޅައިލާކަމާއި ލޯބިވާކަން ދައްކަން ބޭނުންނަމަ ހަމައެކަނި އެވާހަކަ ބުނުމަކުން ނުފުދެއެވެ. މިހެން ބުނާއިރުވެސް އެއީ ގިނަގިނައިން ބުނަންޖެހޭ ބަހެއްކަން ޤަބޫލުނުކުރަނީއެއް ނޫނެވެ. ލޯބިވާކަން ގިނަގިނައިން ދުލުން ހާމަކުރަންޖެހޭނެއެވެ.
ބުނަންހެއްޔެވެ؟ ލޯބިވާކަން ޢަމަލުނަ ނުދެއްކޭނަމަ ލޯބިވާކަމަށް ބުނާ ބަހުގެ އަގެއް ނެތެވެ. ބަހުގައި އަގުހުރިކަން ދެއްކޭނީ ހަމައެކަނި ޢަމަލުންނެވެ. ޢަމަލުން ނުދެއްކޭނަމަ ދުލުން އެބުނަނީ ޙަޤީޤަތްކަމަސްވީނަމަވެސް އެކަން ޤަބޫލެއް ނުކުރެވޭނެއެވެ.
މިގޮތުން އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭނެ އެއްކަމަކީ ބައިވެރިޔާގެ މިޒާޖު ދެނެގަތުމެވެ. މިޘާލަކަށް ބައިވެރިޔާ މޫޑީވެފައި އިންނަމަ ސުވާލުކުރަންޖެހޭނެއެވެ. މިޒާޖު ގޯސްވެ ކަންބޮޑުވެފައި ތިއައިނީ ކޮންކަމަކާތޯއެވެ؟ ސުވާލުކުރުމަށްފަހު އެކަމެއް ޙައްލުކޮށްދޭން ކުރެވެންހުރި ކަންކަން ކުރަންވާނެއެވެ.
މިޘާލަކަށް އަނބިމީހާ ބަނޑުހައިވެފައި އިނދެދާނެއެވެ. އެހެންކަމަށްވާނަމަ ކޮންމެވެސް ކާއެއްޗެއް ގެންގޮސް ކުރިމަތީގައި ބަހައްޓާފައި ތިބާވެސް އެއިން ކާންފަށާށެވެ. އެއީ ކާވަޤުތެއްނަމަ ތެލިން އަޅައި ކާންހަދާލާފައި ކާން ގޮވާށެވެ. ވިސްނާށެވެ. ކޮންމެ ދުވަހެއްގެ ކާވަޤުތުތަކުގައި ކާންހަދައިދެނީ އަނބިމީހާކަން ދަންނާށެވެ. ވީމާ އޭނާ ބަނޑުހައިވެފައި އިންނަމަ އެފަހަރަކު ކާންހަދައިލަދިނުމުން ކިހާބޮޑު ހިތްހަމަޖެހުމެއް ލިބޭނެކަން ހިތަށް ގެންނާށެވެ.
ޙަޤީޤަތުގައި ކައިވެނީގެ އުފާވެރިކަން ދެމިއޮތުން ގުޅިފައިވަނީ ދެމީހުން އެކަކުއަނެކަކަށް ސަމާލުކަންދޭ މިންވަރަކަށެވެ. އެހީތެރިވާ މިންވަރަކަށެވެ. މިއަދު ގިނަ ބައަކަށް މައްސަލަތައް ކުރިމަތިވަމުން މިދަނީ އެކަންކަމަށް ސަމާލުކަން ނުދެވޭތީއެވެ. އިޞްލާޙްކުރަން މަސައްކަތްކުރާށެވެ!
- އަލަފް / މިއަދުނޫސް