ސައިންސްގެ ހޯދުންތަކުން މިހާރު އެނގިފައިވާ ގޮތުގައި ކައިވެނިނުކޮށް ދިގު މުއްދަތަކަށް ހުރުމަކީ މީހާގެ ވިސްނުމަށް އަސަރުކުރާކަމެކެވެ. "މެންތަލް ހެލްތް" ގެ މައްސަލަތައް ކުރިމަތިވާ ކަމެކެވެ.
ސަބަބަކީ ޞިއްހަތު ސަލާމަތުން ހުރިނަމަ ފުއްދަންޖެހޭ ބޭނުންތައް ނުފުއްދި ހުންނާތީ އެކަމުގެ އަސަރުކުރަނީއެވެ. އެއަސަރުގެ ސަބަބުން ޞިއްޙީ ގެއްލުންތަކެއްވެސް ލިބެނީއެވެ. މީހާގެ ދިރިއުޅުމަށް ނުރަނގަޅު އަސަރުތަކެއް ކުރަނީއެވެ.
ކައިވެނިކުރުމުގެ ކުޅަދާނަކަން ލިބިއްޖެނަމަ ވީހާއަވަހަކަށް ކައިވެނިކުރަން އިސްލާމް ދީން ބާރުއަޅަނީ މިފަދަ އެތައް ސަބަބުތަކަށްޓަކައެވެ. އެކަން އެގޮތަށް ކަނޑައަޅުއްވަވާފައިއެވަނީ އިންސާނާ އުފެއްދެވި ﷲ ތަޢާލާއެވެ. އިންސާނާއަށް ބޭނުންވާނެ ކަންކަން އެންމެ މޮޅަށް ދެނެވޮޑިގެންވަނީ އިންސާނާ އުފެއްދެވި ﷲ ތަޢަލާއެވެ.
މިވާހަކަ ދައްކަން މިޖެހެނީ ކައިވެނިކުރުމުގެ ކުޅަދާނަކަން ލިބުމުންވެސް ކައިވެނިނުކުރަން ގިނަ ބައަކު ތިބޭތީއެވެ. އެމީހުން ދެކޭ ގޮތުގައި އެއީ މައްސަލައެއް ނޫނެވެ.
އެއީ ހަމަ ތެދެކެވެ. ކައިވެނިކުރުމާއި ނުކުރުމަކީ އެމީހެއްގެ އަމިއްލަ އިޚްތިޔާރުގައިވާ ކަމެކެވެ. އެހެނަސް އިންސާނުން ދިރިއުޅެން އޮތީ ދުނިޔޭގައިވެސް އެމީހަކަށް ފައިދާކުރާނެ ގޮތަށެވެ. ޚާއްޞަކޮށް އަމިއްލަ ޞިއްޙަތަށް ބަލަންޖެހޭނެއެވެ.
އިންސާނާގެ އެންމެ މުހިންމު ގުނަވަނަކީ ސިކުނޑިއެވެ. އެންމެ ފައިދާހުރިކަމަކީ ވިސްނުމެވެ. މީހާގެ ވިސްނުމުގެ ޤާބިލުކަމަށް އަސަރުކުރާނަމަ ގެއްލިގެން އެދަނީ އެންމެ އަގުހުރި ނިޢުމަތެވެ. ވިސްނައި ފިކުރުމުގެ ޤާބިލްކަން ކުޑަވާނަމަ އެމީހަކަށް އޮންނާނީ ﷲ ތަޢާލާއަށް އަދާކުރަންޖެހޭ އަޅުކަންވެސް ނުކުރެވިފައެވެ.
ވީމާ ކައިވެނި ރޫޅުނަސް، އެންމެ ބޭނުންވާ ލޯބިވެރިޔާ ނުލިބުނަސް އަދި އެހެން މައްސަލައެއް ކުރިމަތިވި ނަމަވެސް ކައިވެނިނުކޮށް ނުތިބޭށެވެ. މިންވަރުކުރެއްވެވި މީހަކާ ކައިވެނިކުރާށެވެ. ވަކިފެންވަރެއްގެ މީހަކު ނުލިބިގެން، ރީތި މީހަކު ނުލިބިގެން ކައިވެނިނުކޮށް ނުތިބޭށެވެ. ދީންވެރިކަމާއި އަޚްލާޤީ ރަނގަޅު ސިފަތައް ހުރިމީހަކު ލިބިއްޖެނަމަ އަވަހަށް ކައިވެނިކުރާށެވެ!
--އިސްލާމީ ތިލަފަތުގެ ދަރުސަކުން