މި 3 އާޔަތަށް ވިސްނައި ތިމާއަކީ ފުރިހަމަ މުއްމިނެއްކަން އަމިއްލައަށް ބަލާލައި އިޞްލާޙްކުރަންޖެހޭބައި އިޞްލާޙްކޮށްލަމާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 47ސ
މި 3 އާޔަތަށް ވިސްނައި ތިމާއަކީ ފުރިހަމަ މުއްމިނެއްކަން އަމިއްލައަށް ބަލާލައި އިޞްލާޙްކުރަންޖެހޭބައި އިޞްލާޙްކޮށްލަމާ!

ﷲ ތަޢާލާއަށް އީމާންވެ މުސްލިމަކު ކަމުގައިވުމަށްފަހު އަހުރެމެން އުންމީދުކުރަނީ އަހަރެމެންނަކީ މުއްމިނުން ކަމުގައިވުމަށެވެ. އެހެންކަމުން މި 3 އާޔަތަށް ވިސްނައިލަމާހެއްޔެވެ؟ އެއިރުން އަމިއްލަ ޙާލަތު ވިސްނޭނެއެވެ.   

إِنَّمَا الْمُؤْمِنُونَ الَّذِينَ إِذَا ذُكِرَ اللَّهُ وَجِلَتْ قُلُوبُهُمْ وَإِذَا تُلِيَتْ عَلَيْهِمْ آيَاتُهُ زَادَتْهُمْ إِيمَانًا وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ 

"މުއުމިނުން ވާކަން ކަށަވަރީ، ﷲ ހަނދުމަކުރާހިނދު އެއުރެންގެ ހިތްތައް ބިރުވެތިވާ މީހުން ކަމުގައެވެ. އަދި އެކަލާނގެ (ބާވައިލެއްވި) އާޔަތްތައް އެއުރެންނަށް ކިޔައިދޭހިނދު، އެއުރެންގެ އީމާންކަން އިތުރުވާ މީހުން ކަމުގައެވެ. އަދި އެއުރެންގެ ވެރިރަސްކަލާނގެއަށް ވަކީލްކުރާ މީހުން ކަމުގައެވެ." (އަލް އަންފާލް: 2) 

الَّذِينَ يُقِيمُونَ الصَّلَاةَ وَمِمَّا رَزَقْنَاهُمْ يُنفِقُونَ 

"އެއުރެންނީ، ނަމާދު ޤާއިމް ކުރާ މީހުންނެވެ. އަދި އެއުރެންނަށް ތިމަންރަސްކަލާނގެ ދެއްވި ތަކެތިން ހޭދަކުރާ މީހުންނެވެ." (އަލް އަންފާލް: 3) 

أُولَٰئِكَ هُمُ الْمُؤْمِنُونَ حَقًّا ۚ لَّهُمْ دَرَجَاتٌ عِندَ رَبِّهِمْ وَمَغْفِرَةٌ وَرِزْقٌ كَرِيمٌ 

"ޙަޤީޤަތުގައި މުއުމިނުންނަކީ، ހަމަ އެއުރެންނެވެ. އެއުރެންގެ ވެރިރަސްކަލާނގެ ޙަޟްރަތު ގައި މަތިވެރި ދަރަޖަތަކާއި، ފާފަފުއްސެވުމާއި، ދީލަތިވެގެންވާ ރިޒުޤް އެއުރެންނަށް ހުށްޓެވެ."

(އަލް އަންފާލް: 4) 

އަހުރެމެންނަކީ ނަމާދުކުރާ އަދި ޞަދަޤާތްވެސްދޭ ބައެކެވެ. ނަމަވެސް ކުރިމަތިވަމުން އަންނަ އެއްކަންތައް ފާހަގަކޮށްލާނަމެވެ. އެއީ ފުރަތަމަ އާޔަތުގައި ބަޔާންކުރައްވަވާފައިވާ ދެ ކަންތަކެވެ. 

"މުއުމިނުން ވާކަން ކަށަވަރީ، ﷲ ހަނދުމަކުރާހިނދު އެއުރެންގެ ހިތްތައް ބިރުވެތިވާ މީހުން ކަމުގައެވެ. އަދި އެކަލާނގެ (ބާވައިލެއްވި) އާޔަތްތައް އެއުރެންނަށް ކިޔައިދޭހިނދު، އެއުރެންގެ އީމާންކަން އިތުރުވާ މީހުން ކަމުގައެވެ." 

އަމިއްލަ ނަފްސާއި ސުވާލުކޮށްލާށެވެ! ﷲ ތަޢާލާގެމަތިން ހަނދުމަވުމުން ބިރުވެތިވެވޭހެއްޔެވެ؟ އަދި ޤުރްއާނުގެ އާޔަތްތަކުގެ އަޑު އިވުމުން އީމާންކަން އިތުރުވޭހެއްޔެވެ؟ 

"އަދި އެއުރެންގެ ވެރިރަސްކަލާނގެއަށް ވަކީލްކުރާ މީހުން ކަމުގައެވެ." ސުވާލަކީ ކަންކަން ދިމާވުމުން ފުރިހަމަ ގޮތުގައި ވަކީލްކުރެވޭހެއްޔެވެ؟ ތެޅިފޮޅިނުގަނެ މަޑުން ހުރެވޭ ހެއްޔެވެ؟ މިއީ ﷲ ތަޢާލާ މިންވަރުކުރެއްވެވި ކަންކަން ކަމާއި ހެޔޮރަޙްމަތް މިންވަރުކުރައްވަވާނެކަމަށް އިތުބާރުކުރެވޭހެއްޔެވެ؟" 

މިކަންކަމަކީ ވަރަށް ބޮޑަށް ވިސްނައި ސަމާލުކަންދޭންޖެހޭނެ ކަންތައްތަކެވެ. ފުރިހަމަ މުއްމިނަކަށްވުމަށް އަބަދުވެސް ގަދައަޅައި މަސައްކަތްކުރަންވާނެވެ. މިއާޔަތްތަކުގައިވާފަދަ މުއްމިނަކަށްވެވޭނީއެއިރުންނެވެ. އަދި މުއްމިނުންނަށް ދެއްވަވާނެ ކަމަށް ބަޔާންކުރައްވަވާފައިވާ މިޢްމަތްތައް ލިބޭނީވެސް އެއިރުންނެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން