އެކުވެރިންނާއެކު ނޫނީ މާތް ދުވަހަކު އަޢުރަ ނިވާކުރަން ތިއަ ތިބެނީ އެދުވަސް އައުމުގެ ކުރިން ތިބާ މިހާރު ތިއަހުރި ލަދުވެތި ޙާލުގަ ފުރާނަ ﷲ ގެ ޙަޟްރަތަށް ނުގެންދަވާނެކަން ޔަޤީންވާތީތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
އެކުވެރިންނާއެކު ނޫނީ މާތް ދުވަހަކު އަޢުރަ ނިވާކުރަން ތިއަ ތިބެނީ އެދުވަސް އައުމުގެ ކުރިން ތިބާ މިހާރު ތިއަހުރި ލަދުވެތި ޙާލުގަ ފުރާނަ ﷲ ގެ ޙަޟްރަތަށް ނުގެންދަވާނެކަން ޔަޤީންވާތީތަ؟

އަހުރެން ވަކި ޤައުމެއްގެ ވާހަކަ ދައްކާކަށް ނެތީމެވެ. ކޮންމެ މުޖުތަމަޢުއަކުންވެސް ފެންނަނީ އަންހެނުން އަޢުރަނިވާކުރަން މަސައްކަތްކުރާތަނެވެ. އެފިކުރާއި ދެކޮޅު ބައަކު އުޅުމަކީ އެފިކުރުގައި ތިބި ބައަކު ކަންބޮޑުވާންޖެހެންވީ ސަބަބެއް ނޫނެވެ. ބުނެލަން އޮތީ މިއަދު ބަލިވެ ކަރުއެލެމުންދަނީ އިދިކޮޅު ފިކުރުކަމަށެވެ.

މިވަރަށް ކިޔައިދެވޭއިރުވެސް ބައެއް އަންހެނުން ﷲ ތަޢާލާ އަންގަވާފައިވާ މަގުން އަޢުރަ ނިވާނުކޮށް ތިބެނީ ރީތި ދުވަހަކު ނުވަތަ ޙުރުމަތްތެރިވެގެންވާ ދުވަހަކު އެކަންކުރަންވެގެންނެވެ. އެހެންކަމުން ފުރަތަމަ ކުރަންޖެހޭ ސުވާލަކީ އެފަދަ ދުވަހަކު އަޢުރަ ނިވާކުރަން ތިއަ ތިބެނީ އެދުވަސް އައުމުގެ ކުރިން މަރުނުވާނެކަމުގެ ޔަޤީންކަން ކާކު ދީގެން ހެއްޔެވެ؟ ހަމަ ޔަޤީނުންވެސް އެޔަޤީންކަން ދެވޭނެ އެއްވެސް މީހަކު ނުހުންނާނެއެވެ.

ހަމައެއާއިއެކު ގިނަ އެކުވެރިންތަކެއް އެކުގައި އަޢުރަ ނިވާކުރަން އެބަ މަޑުކުރެއެވެ. އެއީވެސް ކުރަން ރަނގަޅު ކަމެއް ނޫނެވެ. ހުރިހާ އެކުވެރިންވެސް އަޢުރަނިވާކުރަންވީއެވެ. އެކަންކުރެވުނުހައި އަވަހަކަށެވެ.

އަންހެނުންގެ އަޢުރައަކީ މޫނާއި ދެއަތްތިލަ ފިޔަވައި ހުރިހާ ތަނެއްކަން އެއީ ފެށުނީންސުރެ ހުރިހާ މުސްލިމުންނަށް އެނގޭ ކަމެކެވެ. އެއީ ކިޔަވައިގެން މިއަދު އަންނަ ޢިލްމުވެރިން ދައްކަވާ ވާހަކަފުޅެއް ނޫނެވެ. ޒަމާނުންސުރެ ޢިލްމުވެރިން ބަޔާން ކުރައްވަމުން ގެންދަވާ ކަމެކެވެ.

 

ނަމަވެސް މިހާރުވެސް މިފެންނަނީ، ޙައްޖަށް ދެވެންދެން، ރޯދަ މަސް އަންނަންދެން ނުވަތަ ވަޒީފާއެއް ލިބެންދެން ނުވަތަ މީހަކު ކިޔައިފާނެ އެއްޗަކަށް ބިރުން އަޢުރަ ނިވާކުރަން ފަސްޖެހެމުން އަންނަތަނެވެ. ބާޒާރުގައި ފޮތި އަގުހެޔޮވަންދެން، ގިނަ ހެދުންތަކެއް ފެއްސެންދެން ލަސްކުރެވެމުން އަންނަތަނެވެ.

 

ލޮބުވެތި ކަނބަލުންނޭވެ! ކީރިތި ޤުރްއާނަށް ދެން އެއްވެސް އާޔަތެއް އިތުރެއް ނުވާނެއެވެ. އިތުރު ޙުކުމްފުޅެއްވެސް ބާވައި ނުލައްވަވާނެއެވެ. އިސްލާމް ދީނަށާއި ﷲ ތަޢާލާ އަށާއި ރަސޫލް (ﷺ) އަށް ލޯބިވުމަކީ ދީނުގައި ކުރަން އަމުރުފުޅު ކުރައްވަވާފައި ހުރި ކަންކަން ކުރުމަށް އަވަސްވެގަތުމެވެ. ޙިޖާބްގެ ޢާޔަތް ބާވައިލެއްވެވުމުން އެއިރު ތިއްބެވި ޞަހާބީ ބޭކަނބަލުން އެކަމަށް އަވަސްވެވަޑައިގެންނެވި ފަދައިންނެވެ. އެބޭކަނބަލުންގެ ހެދުންކޮޅުން ބައެއް ކަނޑުއްވައިލައްވަވައި އަޢުރަ ނިވާކުރެއްވެވި ފަދައިންނެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން