ދުނިޔޭގެ މިހާރުގެ ޙާލަތަށް ބަލައިފިނަމަ މެދުއިރުމަތީގެ މައްސަލަތަކުގެ އިތުރުން ދުނިޔޭގެ އެކި ދިމާލުގައި މިހާރުދަނީ ހަނގުރާމަތައް ކުރެވެމުންނެވެ. މިހާރު ކުރެވެމުން މިދާ ހަނގުރާމަތަކުގެ އަޞްލަކީ އެންމެ ބާރުގަދައީ ކޮން ޤައުމެއްކަން ދެއްކުމެވެ.
ފެށުނު އެއްވެސް ހަނގުރާމައެއް ހުއްޓުމަކަށް ނައުދެއެވެ. ދިގުލައި ކުރިއަށްދަނީއެވެ. އެއިގެމާނައަކީ އެންމެ ބާރުގަދަ ޤައުމުކަން ދައްކަން ކުރާ މަސައްކަތް ދިގުލައި ދެމިގެންދާނެ ކަމެވެ. އަދި އާޚިރު ނަތީޖާއަކަށްވެގެންދާނީ 3 ވަނަ ބޮޑުހަނގުރާމައެއް ފެށުންކަމަށް ތަޖުރިބާކާރުން ގެންދަވަނީ ވިދާޅުވަމުންނެވެ.
މިޙާލަތުގައި އެންމެ ބޮޑަށް ސަމާލުކަންދޭން ޖެހޭނެ އެއްކަމަކީ ވީވަރަކުން އިޤްޠިޞޯދުކުރުމެވެ. ތަޖުރިބާކާރުން ލަފާކުރައްވާ ގޮތުގައި 3 ވަނަ ބޮޑުހަނގުރާމައެއް ފެށިއްޖެނަމަ އެންމެ ގިނަ ބައަކު މަރުވާނީ ހައިހޫނުކަމުގައެވެ. ބޭސްފަރުވާ ނުކުރެވިގެންނެވެ. ޤައުމުތަކުގެ އިޤްޠިޞޯދަށް ލިބޭ ގެއްލުން ބޮޑުވެ އިޤްޠިޞޯދު އިނދަޖެހި ގިނަބައެއްގެ ވަޒީފާ ގެއްލިގެންދާނެއެވެ. ވިޔަފާރިތައް ހުއްޓޭނެއެވެ. ސަރުކާރުގައި ފައިސާ ހުސްވެ ރައްޔިތުންގެ ބޭނުންތައް ފުއްދައެއް ނުދެވޭނެއެވެ.
ދުނިޔޭގެ ބައެއް ބޮޑެތި ޤައުމުތަކުން މިހާރުވެސްވަނީ ރައްޔިތުން ހޭލުންތެރިކުރުވުމުގެ މަސައްކަތް ފަށައިފައެވެ. ގެންދަނީ އިޤްތިޞޯދުކުރަން ބާރުއަޅަމުންނެވެ. ރާއްޖެއަކީ މިފަދަ ޙާލަތެއް ކުރިމަތިވެއްޖެނަމަ އެންމެ ބޮޑަށް އަދި އެންމެ އަވަހަށް އަސަރުކުރާނެ އެއްޤައުމެވެ. ޤައުމީ އުފެއްދުންތެރިކަން ކުޑަކަމުންނެވެ.
ދުނިޔޭގައި ކާބޯތަކެތި އުފެއްދޭ މިންވަރު މަދުވަމުން އަންނާތީ މިހާރުވެސް ކާބޯތަކެތީގެ އަގުތައް އަންނަނީ ބޮޑުތަކުން އުފުލެމުންނެވެ. ގިނަ ބާވަތްތަކެއްގެ އަގުތައްވަނީ މިހާރުވެސް ދެގުނައަށް އުފުލިފައެވެ. އެކަން ރާއްޖޭގެ ބާޒާރުން މިހާރުވެސް އަންނަނީ ފާހަގަކުރެވެމުންނެވެ.