އެހެން މީހަކު ތިބާގެ ހިތުގައި ޖައްސުވަން ނުވަތަ ދެރަކުރަން ކުރާ ކަމަކާއި ގުޅިގެން ތިމާގެ ޞިއްޙަތުނަގާލައި އަދި އަމިއްލައަށް ބަނގުރޫޓުވާ ބައަކު އުޅެއެވެ. އެފަދަ މީހުން މިހާރުވެސްދަނީ ގިނަވަމުންނެވެ.
މިޘާލަކަށް އެހެން މީހަކު ތިބާގެ ހިތުގައި ޖައްސުވަން ނުވަތަ ދެރަކުރަން ކަމެއްކުރުމުން އެކަމަކާއި ގުޅިގެން ތިބާ ބަނގުރާބޯނަމަ ނުވަތަ މަސްތުވާތަކެތީގެ ބޭނުންކުރާނަމަ ނުވަތަ އެނޫންވެސް އެފަދަ ޢަމަލެއް ކުރާނަމަ ތިބާގެ ޞިއްޙަތަށް އެދެވެނީ އެންމެ ބޮޑު އެއް ގެއްލުމެވެ. އަދި އެއިގެ އިތުރުން ތިބާ އެދަނީ ބަނގުރޫޓުވަމުންނެވެ.
އަދި ފާޙިޝް އަމަލުކުރަން ފަށައިފިނަމަ ތިބާއަށް އެދެވެނީ އެންމެ ނުބައި ދިމާއަށެވެ. ދުނިޔޭގައިވެސް ތިބާ ފަޟީޙަތްވެވެނީއެވެ. އަދި އެކަމަށް ޚަރަދުކުރަން ހަދައިގެން ބަނގުރޫޓުވެސް ވަނީއެވެ.
ގިނަ ފަހަރަށް މިފަދަ ކަންކަން މެދުވެރިވަނީ ލޯބިވެރިޔާ ވަކިވުން ނުވަތަ ކައިވެނި ރޫޅުން ފަދަ ކަންކަމާއި ގުޅިގެންނެވެ. އެފަދަ ނުބައި ޢަމަލުތައް ކުރަނީ ސިކުނޑިއަށް ހަމަޖެހުން ގެނެވޭތޯ ނުވަތަ ހިތަށް އުފާވެރިކަން ލިބޭތޯއެވެ. މިއީ އެންމެ ނުބައި ވިސްނުމެވެ. އެކަންކަން ކިތަންމެ ގިނައިން ކުރިނަމަވެސް ލިބޭނެ ޙަޤީޤީ ހިތްހަމަޖެހުމެއް އުފާވެރިކަމެއް ނެތެވެ.
ތިބާގެ ޞިއްހަތު ގެއްލި އަދި ބަނގުރޫޓުވެ އަދި ފާވެރިވެސްވާނަމަ އެކަންކަން ވާނީ ތިބާއަށް ގެއްލުން ދިން މީހާއަށް ލިބޭ އިތުރު އުފަލަކަށް ނޫންހެއްޔެވެ؟ އެއިރުން އެޙާޞިލްވަނީ ތިބާއަށް ގެއްލުންދިން މީހާގެ މަޤްޞަދެވެ. ތިބާއަށް ލިބެމުން އެދަނީ އިތުރު އަނިޔާއާއި ހިތްދަތިކަމެވެ. ބޮޑެތި ގެއްލުންތަކެވެ.
ވީމާ މިކަންކަމަށް ވިސްނާށެވެ. މިބުނި ފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ މަސައްކަތްކުރަންވީ ކުރިއަށްވުރެ ރަނގަޅު، ހަރުދަނާ، އުފާވެރި ދިރިއުޅުމެއް އުޅުމަށެވެ. ތިބާއަށް ގެއްލުން ދިން މީހާއަށްވެސް އެންމެ ބޮޑަށް އަސަރުކުރާނީ އެއިރުންނެވެ.
- އަލަފް / މިއަދުނޫސް