ބަލި މީހުންނަށް ޒިޔާރަތްކުރުމަކީ މުސްލިމުން އެކަކު އަނެކަކަށް އަދާކުރަންޖެހޭ ޙައްޤެކެވެ. އެ ޙައްޤު އަދާކުރުމުން ނުހަނު ގިނަގުނަ ޘަވާބު ދެއްވަވާ ކަމެއްވެސްމެއެވެ. ހަމައެއާއިއެކު އެޙައްޤު އަދާނުކުރުމުން ﷲ ތަޢާލާ ސުވާލުކުރައްވަވާ ކަމެއްވެސްމެއެވެ.
އެހެންކަމާއިއެކުވެސް ބަލިމީހުންނަށް ޒިޔާރަތް ކުރުމުގައި އަދާކުރަންޖެހޭ ޙައްޤުތަކެއްވެސްވެއެވެ. އެއީ އޭނާއަށް ބުރައަކަށް ނުވާނެ ވަޤުތުތަކުގައި ޒިޔާރަތްކުރުމާއި ބަލިމީހާއަށް ބުރައަކަށްވެދާނެހައި ގިނައިރު ވާހަކަދައްކަން އިނުން ފަދަ ކަންކަމެވެ.
ބިލީމުހުންނަށް ޒިޔާރަތް ކުރުމަކީ ސުންނަތެކެވެ. ބަލިމީހަކަށް ޒިޔާރަތްކުރުމުގެ ސުންނަތް އަދާކުރިކަމަށްވާނީ ޒިޔާރަތްކުރުމުންނެވެ. ޒިޔާރަތް ކުރެވެންނެތްނަމަ މިޒަމާނުގައި ފޯނުން ވާހަކަދައްކާލައި ޙާލުބަލައިލާށެވެ. ބަލިމީހާއަށް ވާހަކަ ދައްކަން އުނދަގޫނަމަ ނުވަތަ ބުދެއްކޭނަމަ ޢާއިލާގެ މީހަކަށް ގުޅައިގެންވެސް ޙާލުބަލާށެވެ. އެކަންކަމަށްވެސް ޙައްޤު މިންވަރަށް ޘަވާބު ދެއްވަވާނެތެވެ. އިން ޝާ ﷲ
ހިތާމައަކީ މިއަދު ތިމާ ޙާލުބަލަނަޖެހޭ މީހުން، މައިންބަފައިންނާއި ޢާއިލާގެ މީހުން ބަލިޙާލުގައި ތިބޭއިރުވެސް ޙާލުބަލައިނުލެވޭކަމެވެ. އެއީ ޤިޔާމަތް ދުވަހު ތިމާއަށް ޒިންމާ އުފުލަންޖެހޭނެ ކަމެކެވެ. ޖަވާބުދާރީވާންޖެހޭނެ ކަމެކެވެ.
އެއްވެސް މީހަކު ބަލިވާނެ އިރެއް ނުއެނގޭނެއެވެ. ތިމާ ބަލިވާނެއިރެއްވެސް ނުއެނގޭނެއެވެ. ވީމާ ގަދަވެ ހުރިނަމަ ތިމާގެ ވާޖިބު އަދާކުރާށެވެ. ސުންނަތް އަދާކުރާށެވެ. އެއިރުން ތިބާއަށް ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ
- މަޢުލުމާތު: މުފްތީ މެންކުގެ ދަރުސަކުން