ޒަމާނީ އަންހެނުން ނޫނީ ކަމުނުގޮސް، ކައިވެނިކޮށްފަ އަނބިމީހާގެ ޒަމާނީކަން އޮބިނޯތުމުން ހުރިހާ އަންހެނުން ކުށްވެރިކުރުން ހުއްޓާލަން ޖެހޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
ޒަމާނީ އަންހެނުން ނޫނީ ކަމުނުގޮސް، ކައިވެނިކޮށްފަ އަނބިމީހާގެ ޒަމާނީކަން އޮބިނޯތުމުން ހުރިހާ އަންހެނުން ކުށްވެރިކުރުން ހުއްޓާލަން ޖެހޭ!

އަންހެނުންނަށް ގިނަ ބަދަލުތަކެއް އަންނަމުންދާ ވާހަކަތައް ދައްކާއިރު އެމީހުންނަށް އެބަދަލުތައް އަންނަނީ ކީއްވެގެންކަމާއިމެދު އެއްވެސް ވަރަކަށް ވިސްނައިލާބާވައެވެ! އެބަދަލުތައް ގެނުވަނީ ކޮންބައެއް ކަމާއިމެދުގައިވެސް ވިސްނައިލާބާވައެވެ. 

އަހުރެންގެ ގާތަށް ކަންކަމުގައި ލަފާހޯދަން އަންނަ މީހުންގެ ކިބައިން އެނގޭގޮތުގައި އަންހެނުން އެމީހުން ތިބެންޖެހޭ މަޤާމުގައި ނުވަތަ ތިބެންޖެހޭ ގޮތަށް ތިބޭނަމަ އެމީހުންނަށް ސަމާލުކަންދެނީ މަދު ފިރިހެނެކެވެ. އެމީހުން ބަލައިގަނެ އެމީހުންނާއި ކައިވެނިކުރަން ބޭނުންވަނީވެސް މަދުމީހެކެވެ. 

ޒަމާނީ ފެޝަނަތަކަށް ހެދުން ނުލައި މޭކަޕް ނުކޮށް ރޭގަނޑު ބޭރުގައި ނުއުޅެ ގޭގައި އެމީހުންގެ މަޤާމުގައި ތިބޭނަމަ ބަލަނީ އެއީ ކަޓް އަންހެނަކު ކަމަށެވެ. އެފަދަ އަންހެނުންނަކީ މިހާރުގެ މުޖުތަމަޢުއަށް ފެތޭ ބައަކު ކަމަކަށް ޤަބޫލެއް ނުކުރެއެވެ. އަދި އެފަދަ އަންހެނަކާއި ގުޅުނު ނަމަވެސް، ކައިވެނިކުރި ނަމަވެސް ދުވަސްކޮޅެއްވާއިރަށް ފޫހިވެ އެމީހުންގެ ބަހުރުވައިންނަމަ ތަހްޛީބް އަންހެނެއްގެ ފަހަތުން ގިނަ ބައަކު ދެއެވެ. 

މިކަންކަން މިގޮތަށް ދިމާވާތީ ހިތް އެކަމަށް ނުއެދުނަސް އެބުނާ ތަހްޛީބް ދިރިއުޅުން އުޅެން އަންހެނުންނަށް އޮންނަނީ މަޖުބޫރުވެފައެވެ. އެކަމަކު އެގޮތަށް އުޅުމުން ކުށްވެރިވެސް ކުރެއެވެ. ވީއިރު ޙައްލަކީ ކޮބައިހެއްޔެވެ؟ 

ލޮބުވެތި އުޚުތުންނަށް އަހުރެން ބުނާނީ ކޮންމެ ބައަކު ކޮންމެ ގޮތަކަށް ވިސްނިނަމަވެސް އަދި ކިތަންމެ ގިނަ ބައަކު ވަކިގޮތަކަށް އުޅުނަސް ތިއ ކަނބަލުން، ތިއަ ކަނބަލުން ތިއަކަނބަލުންގެ ގޮތުގައި، ތިއަކަނބަލުންގެ މަޤާމުގައި ތިބޭށެވެ. ތިއަކަނބަލުން ތިބްންވީ މަޤާމް ކަނޑައެޅުމުގެ ފުރުޞަތު ފިރިހެނުންނަށް ނުދޭށެވެ. 

އެހެނީ ތިއަ ކަނބަލުން ތިބެންވީ މަޤާމާއި އުޅެންވީ ގޮތް ކަނޑައަޅުއްވަވައި، އަނަގްވައިދެއްވަވާފައިވަނީ އެންމެހައި މީސްތަކުން އުޅެންވީގޮތް ކަނޑައެޅުއްވެވި ﷲ ތަޢާލާއެވެ. ﷲ ތަޢާލާ އަންގަވާފައިވާ ގޮތުގައި ޘާބިތުވެ ހުރެއްޖެނަމަ އެމީހަކަށް ދުނިޔެއާއި އާޚިރަތް ވެސް ބާއްޖަވެރިކޮށްދެއްވަވާނެކަން އެއީ ޝައްކުކުރަންޖެހެންވީ ކަމެއް ނޫނެވެ. 

ފިރިހެނުންނަށް ބުނެލަން ބޭނުންވަނީ އަނބިން ޚިޔާރުކުރާއިރު މިހާރު އެކިޔާ ޒަމާނީ އަންހެނުން އިޚްތިޔާރުކޮށްފައި، ދިރިއުޅުން ޒަމާނީވެ ފިރިމިހާގެ ކޮންޓްރޯލް ގެއްލުމުން އަންހެނުން ކުށްވެރިނުކުރާށެވެ! އެއީ އަންހެނުންގެ މައްސަލައެއް ނޫނެވެ. އެއީ ފިރިހެނުން އަމިއްލައަށް ޖެހެން ބޭނުންވެގެން ޖެހޭ ދަންތުރައެކެވެ. 

ދީނުގައި އޮތްމަގުން އަނބިން އިޚްތިޔާރުކުރާށެވެ! އަދި ދީނުގައި އޮތްމަގުން ދިރިއުޅެން މަސައްކަތްކުރާށެވެ. އެއިރުން އުފާވެރި ދިރިއުޅުމެއް ދެއްވަވާނެތެވެ! އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން