ދެމަފިރިންގެ މެދުގަ ޖެހޭ ކުދިކުދި މައްސަލަތައް އެއީ މާބޮޑު ކަމަކަށް ހަދައިގެން ދެމެދަށް ވަންނަން އުޅޭ މީހުންނަށް ފުރުޞަތުނުދޭށެވެ! ގިނަފަހަރު ނަތީޖާ މާހިތިވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ދެމަފިރިންގެ މެދުގަ ޖެހޭ ކުދިކުދި މައްސަލަތައް އެއީ މާބޮޑު ކަމަކަށް ހަދައިގެން ދެމެދަށް ވަންނަން އުޅޭ މީހުންނަށް ފުރުޞަތުނުދޭށެވެ! ގިނަފަހަރު ނަތީޖާ މާހިތިވާނެ!

ދުނިޔޭގެ ޙަޔާތުގައި ގިނައިން ކުރިމަތިވާނީ ތިބާގެ ހިތް އެކަމެއް ވުމަށް ނުއެދޭ ކަންތައްތަކެވެ. އެކަމެއްވުމަށް އެޑޭ ކަންތައްތައް ބައްދަލުވާނީ ވަރަށް މަދުންނެވެ. އެހެންވެ ގިނައިން މެދުވެރިވާނީ ހިތްދަތިވާނެ ކަންކަމެވެ. އުފާވެރިކަން ލިބޭނެ ކަންކަން ބައްދަލުވާނީ މަދުންނެވެ. 

މިއީ ދުނިޔެ ހިނގަމުންދާގޮތެވެ. ދުނިޔޭގައި ކަންކަން މެދުވެރިވާނެ ގޮތެވެ. އެކަންކަން އެއްވެސް މީހަކަށް ބަދަލެއް ނުކުރެވޭނެއެވެ. އެހެނަސް ހަމަޖެހިލައިގެން އުފަލުގައި ދިރިއުޅެވިދާނެއެވެ. އެކަމަށް ކުރަން ޖެހޭކަމަކީ މިއީ ދުނިޔޭގެ ޙަޔާތުގެ ޙަޤީޤަތްކަމަށް ޤަބޫލުކުރުމެވެ. މި ޙަޤީޤަތާއި ކުރިމަތިލައިގެން ދިރިއުޅެން މަސައްކަތްކުރުމެވެ.  

ބައެއް މީހުން ލޯބިވެރިޔާ ގާތުގައި ބުނާނެއެވެ! ވަޢުދުވެސްވާނެއެވެ! ކަލާގެ ހިތުގައި ޖެހޭނެ އެއްވެސް ކަމެއް ނުކުރާނަމެވެ. ނަމަވެސް ބުނަން ހެއްޔެވެ؟ ކޮންމެ މީހަކު އެގޮތަށް ބުނިނަމަވެސް އެއީ ބުނެވޭ ތެދެއް ނޫނެވެ. އެވާހަކަ އެގޮތަށް ޤަބޫލުނުކުރާށެވެ! ޙަޤީޤަތަކީ ކިތަންމެ ލޯބިން އެކުގައި ދިރިއުޅެން މަސައްކަތްކުރި ނަމަވެސް މައްސަލަތައް ކުރިމަތިވާނެކަމެވެ. ހިތުގައި ޖެހި ދެރަވާންޖެހޭ ކަންކަންވެސް ކުރިމަތިވާނެ ކަމެވެ. އެކަކު އަނެކަކަށް ކުށްވެސް ކުރެވޭނެ ކަމެވެ.  

އެކުވެރިންނޭވެ! ބަލަންވީ އެއްވެސް ޙާލަތެއް ކުރިމަތިނުވާނެ ކަމަކަށް ނޫނެވެ. މިޘާލަކަށް ބުނާނަމަ ކަންބޮޑުވުމާއި ހިތްދަތިވުމާއި ކުރިމަތިލާންޖެހޭ މިންވަރަށެވެ. ޢަދަދަށެވެ. ގިނައިން އެފަދަ ކަންކަން ކުރިމަތިވާނަމަ އެއީ މައްސަލައެކެވެ. މަދުން ކުރިމަތިވާނަމަ އެހުރެވެނީ ވަރަށް ހެޔޮ ޙާލުގައެވެ. ދިރިއުޅެމުން އެގެންދެވެނީ އުފާވެރިކަމާއިއެކުގައެވެ. ވިސްނައިގެން ދިރިއުޅެން މަސައްކަތްކުރުމުން އެފަދަ ކަންކަން މެދުވެރިވުން މަދުވެސް ކުރެވޭނެއެވެ.  

މިޙަޤީޤަތްތަކުގެ މައްޗަށް ބުރަވެ ހުރެ ބުނަން ޖެހެނީ ޒަވާޖީ ހަޔާތުގައި ކުދިކުދި މައްސަލަތައް ޖެހޭކަން އެނގުމުން އެއީ ބޮޑު ކަމަކަށް ހަދައިގެން ދެމަފިރިންގެ ދެމެދަށް ވަންނަން މަސައްކަތްކުރާ މީހުންނަށް ފުރުޞަތުނުދޭށެވެ. އެފަދަ މީހުންގެ ބަހަށް ހެއްލެވިއްޖެނަމަ ގިނަ ފަހަރު އޮންނާނީ ޖެހޭ މައްސަލަތައް މާބޮޑުވެފައެވެ. މާހިތްދަތިޙާލުގައި ދިރިއުޅެންޖެހިފައެވެ.

 

- އަލަފް / މިއަދުނޫސް  

މިއަދު އޮންލައިން