މީހަކު ބައުހެދުންލާނަމަ ނުވަތަ އެއްހެދުމެއް ގިނައިން ލާނަމަ ފާޑުނުކިޔައި އަވަހަށް ހެދުމެއް ޞަދަޤާތްކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
މީހަކު ބައުހެދުންލާނަމަ ނުވަތަ އެއްހެދުމެއް ގިނައިން ލާނަމަ ފާޑުނުކިޔައި އަވަހަށް ހެދުމެއް ޞަދަޤާތްކުރާށެވެ!

ކުޑަކުޑަ މިޘާލެއް ބުނެލާނަމެވެ. ތިބާގެ އަތުގައި ފާރުކޮޅެއް ހުއްޓައި އެތަނުގައި އަތްއެޅޭގޮތަށް ބާރަށް މީހަކަށް ހިފިއްޖެނަމަ ތިބާއަށް ތަދުވާނެ މިންވަރު ހިތަށް ގެންނާށެވެ. އެމީހާ އެކަން އެކުރީ ޤަޞްދުގައި ތިބާއަށް އަނިޔާއެއްދޭން ނޫންނަމަވެސްމެއެވެ. 

ހިތާމައާއި ހިތްދަތިކަމުގައި ތިބޭ މީހުންނާއި ވާހަކަދެއްކުމުގައިވެސް މިފަދަ ގޮތްތައް މެދުވެރިވެއެވެ. ނުއެނގިތިބެ އޭނާއަށް އިތުރު އަނިޔާ ލިބޭ ގޮތަށް ވާހަކަދެކެވެއެވެ. ބަސްތައް ބުނެވެއެވެ. 

މިކަމުގައި ވިސްނާލަންޖެހޭނެ ކަމަކީ ކޮންމެ މީހަކީ އެމީހާގެ ޙަޤީޤީ ޙާލަތުގެ ވާހަކަތައް ހާމަކުރާނެ މީހުންނެއް ނޫނެވެ. ހިތްދަތި ކަމުގައި ހުރިނަމަވެސް އެކަން އެންމެންނަކަށް ނުއަންގާނެއެވެ. ވީމާ ކޮންމެ މީހަކާއި ވާހަކަދެއްކި ނަމަވެސް އޭނާ ހުރެދާނެ ޙާލަތަށް ވިސްނައިގެން ވާހަކަދައްކާށެވެ. މީހަކަށް އަސަރުކޮށްފާނެ ބަހެއް ދުލުން ނުބުނާށެވެ. 

ދޫރައްކައުތެރިކުރުމަކީ އިސްލާމް ދީން ވަރަށް ބޮޑަށް ބާރުއަޅާކަމެކެވެ. ދޫރައްކައުތެރިކުރުމުގެ ތެރޭގައި ހިމެނޭ ކަންކަމަކީ ހަމައެކަނި ދުލުން ނުބައިބަސްތައް ބުނުމެއް ނޫނެވެ. އެހެން މީހުންގެ ހިތުގައި ޖެހޭނެފަދަ ބަސްތައް ބުނުމަކީވެސް ދޫރައްކައުތެރިކުރަން ކުރަންޖެހޭނެ ކަމެކެވެ. 

ކުޑަކުޑަ އިތުރު މިޘާލެއް ބުނެލާނަމެވެ. މީހަކު ލައިގެން ހުންނަ ހެދުން ބައުވެގެން ނުވަތަ ގިނައިން އެއް ހެދުމެއްލާތީ ފާޑުނުކިޔާށެވެ. އޭނާ ހުރީ ސާފުތާހިރުކޮށްނަމަ އެކަމުގައި އެއްވެސް މައްސަލައެއް ނެތެވެ. ސަބަބަކީ މާލީ ގޮތުން އޭނާހުރި ޙާލަތު ނުއެނގޭނެތީއެވެ. 

ޢާއިލާގެ މީހަކުނަމަވެސް އެކުވެރިއަކު ނަމަވެސް މިބުނި ފަދަ ގޮތަކަށް ހެދުންލާނަމަ އޭނާއަށް ހެދުމެއް ހަދިޔާކުރާށެވެ. އެއީ ކުރެވޭ ޞަދަޤާތެކެވެ. އެކަމުގެ ފައިދާ ދެދުނިޔޭގައިވެސް ކުރާނެއެވެ. ދަތިޙާލުގައި ހުރިމީހަކަށް ހެދުމެއް ޞަދަޤާތްކޮށްފިނަމަ އެމީހަކަށް މާގިނަ ހެދުން ދެއްވަވާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން