ބައެއް މީހުން ކައިވެނިކުރުމަށްފަހު އަނބިމީހާއަށް ކުރަން ޖެހޭ އަސާސީ ޚަރަދުތައް ބޮޑުވެގެން ޝަކުވާކުރެއެވެ. ޚަރަދުތައް ކުޑަކުރަން ބުނެއެވެ. ވިސްނާށެވެ! މިދައްކަނީ އަނބިމީހާ އެދޭހައި ކަންކަމުގެ ވާހަކައެއް ނޫނެވެ. އަސާސީ ޚަރަދުތަކުގެ ވާހަކައެވެ. ކެއުން ބުއިމާއި ލާނެ ފޭރާމާއި ފެންބިލާއި ކަރަންޓްބިލް ފަދަ އަސާސީ ޚަރަދުތަކުގެ ވާހަކައެވެ.
ފިރިމީހާއަކީ މިފަދަ މީހަކުނަމަ އަހުރެން ބުނާނީ އެފަދަ މީހަކާއިއެކު ދަރިން ހޯދައިގެން ސަލާމަތެއް ނުވެވޭނެ ކަމަށެވެ. ސަބަބަކީ ދަރިން ލިބުމުން ކުރަންޖެހޭ ޚަރަދުތައް އެތައް ގުނައަކަށް ބޮޑުވެގެންދާނެތީއެވެ.
އަނބިން ވިސްނާށެވެ. ހަމައެކަނި ތިބާއަށް ކުރަންޖެހޭ އަސާސީ ޚަރަދުތައް ބޮޑުވެގެން މައްސަލަ ޖައްސާ މީހަކަށް ދަރިންލިބި ދަރިންގެ ޚަރަދުތައް ކުރަންޖެހުމުން ޝަކުވާކުރާނެ މިންވަރަށެވެ. އެފަދަ ފިރިން އެދުވަހުން ކުރާނީ ޝަކުވާއެއް ނޫނެވެ. ތިބާއަށް ދަރިން ދީފައި ފިލާނީއެވެ. އެއިރުން ތިބާއަށް އުފުލަންޖެހޭނެ ބުރަ މާބޮޑުވާނެއެވެ.
އެންމެ ދެރަކަމަކީ މިބުނި ޒާތުގެ ޝަކުވާކުރާ މީހުން އެމީހުންގެ އަމިއްލަ އުފަލަށް، އެމީހުންގެ އަމިއްލަ ހިތްހަމަޖެހުމަށް ކިތަންމެ ބޮޑު ޚަރަދެއް ކުރަންޖެހުނަސް ކަންބޮޑު ނުވާކަމެވެ. އެކުވެރިންނާއިއެކު މަޖާކުރަން ޚަރަދުކުރަން ފަސްނުޖެހޭކަމެވެ.
މިފަދަ ފިރިހެނުންނަށް ބުނެލަން އޮތީ ކައިވެނިކުރަންޖެހޭނީ އަނބިމީހާގެ ކަންކަން ބެލެހެއްޓުމުގެ ޒިންމާ އުފުލަން ތައްޔާރަށް ހުރެގެންނެވެ. އެޒިންމާ އުފުލަން ބޭނުން ނުވާނަމަ ކައިވެނި ނުކުރާށެވެ! ކައިވެންޏަކީ ހަމައެކަނި އެކުގައި ޜޭކުރަން ބޭނުންވެގެން ކުރާކަމަކަށް ނުހަދާށެވެ!
ހަމައެއާއިއެކު ޔަޤީންކުރާށެވެ! ޚަރަދުތައް ކުޑަކުރަންވީ ދިރިއުޅުމަށް ކުރަންޖެހޭ އަސާސީ ޚަރަދުތަކުގެއެއް ނޫނެވެ. ސަމާލުކަންދޭންވީ ކޮންމެހެން ކުރަން ނުޖެހޭ ޚަރަދުތައް ނުކުރުމަށެވެ. އަނބިމީހާއަށް ކާންދޭ ކޮންމެ ސަވަލަކީވެސް ޞަދަޤާތެއްކަމުގައި ލައްވަވާފައިވާކަން ހަނދާނުގައި ބަހައްޓައިގެން އުޅޭނަމަ ހުރިހާ މައްސަލަތަކެއްވެސް ޙައްލުކުރެވޭނެއެވެ. އިން ޝާ ﷲ
- އަލަފް / މިއަދުނޫސް