70 މުށުގެ ދިގުމިންހުރި ހިލިހިލާއިން ކަސްތޮޅު އެޅި ނަރަކައަށް އެއްލައިލެވޭނެ މީހުންގެ ތެރޭގަ ތިބާ ހިމެނިދާނެކަމަށް ބިރުނުގަންނަނީހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 17ސ
70 މުށުގެ ދިގުމިންހުރި ހިލިހިލާއިން ކަސްތޮޅު އެޅި ނަރަކައަށް އެއްލައިލެވޭނެ މީހުންގެ ތެރޭގަ ތިބާ ހިމެނިދާނެކަމަށް ބިރުނުގަންނަނީހެއްޔެވެ؟

ނަރަކައާއި ޢަޛާބްގެ ވާހަކަތައް ދައްކާއިރަށް ރަޙްމަތުގެ ވާހަކަ ނުދައްކަނީ ކީއްވެގެންތޯ އެބަ ސުވާލުކުރެއެވެ. ބުނަންހެއްޔެވެ؟ ސުވަރުގެ ވައްދަވާ އަޅުންނަށް ދެއްވަވާ ބޮޑެތި ނިޢުމަތްތަކުގެ ވާހަކަވެސް ދައްކަމެވެ. ސުވަރުގެ ވައްދަވާނެ އަޅަކަށް ވެވެންއޮތީ ނަރަކަ އާއި ޢަޛާބަށް ބިރުވެތިވެގެންނެވެ. އެކަން ޤަބޫލުކުރާނަމަ އެފަދަ ސުވާލުތަކެއް ނުކުރާނެއެވެ.  

ޤުރްއާނުގައި ސުވަރުގެއާއި ސުވަރުގެއިން ދެއްވަވާނެ މަތިވެރި ނިޢުމަތްތަކުގެ ވާހަކަތައް ބަޔާންކުރައްވަވާފައިވާ ފަދއިން ނަރަކައާއި ގަދަފަދަ ޢަޛާބުގެ ވާހަކަތައް ބަޔާންކުރައްވަވާފައި އެވަނީ އެކަންކަމަށް ވިސްނައި ބިރުވެތިވުމަށެވެ. ނަރަކައާއި ޢަޛާބަށް ބިރުވެތި ނުވެވޭ މީހަކަށް ސުވަރުގެ ވަދެވޭނީވެސް ކިހިނަކުން ހެއްޔެވެ؟  

ވިސްނައިގެން އަޑުއަޙާށެވެ! މިއީ އަހުރެން ދައްކާ ވާހަކައަކަށް ނުހަދައި ކީރިތި ޤުރްއާނުގެ މިއާޔަތްތައް ކިޔައި ވިސްނައިލާށެވެ!  

"(ޒަބާނިއްޔަމާއިކަތުންނަށް ﷲ އަންގަވާނެތެވެ.) އޭނާ ހިފައި ކަސްތޮޅު އަޅާށެވެ!"

"ދެން އޭނާ ނަރަކައަށް ވައްދާށެވެ!"

"ދެން ހަތްދިހަ މުށުގެ ދިގުމިންހުރި ހިލިހިލާއެއްގައި އޭނާ ހިލިހިލާ ޖަހާށެވެ!"

(އަލްޙާއްޤަ: 30،31،32)

އެއީ ކީއްވެގެން ހެއްޔެވެ؟ ސަމާލުކަންދީގެން ސަބަބާއިމެދު ވިސްނައިލާށެވެ!

"ހަމަކަށަވަރުން، އޭނާ މާތް اللَّه އަށް އީމާން ވާކަމުގައެއް ނުވެއެވެ."

"އަދި މިސްކީނުންނަށް ކާންދިނުމަކަށް އޭނާ ބާރުއަޅާކަމުގައެއް ނުވެއެވެ."

"ފަހެ، މިއަދު މިތާކު އޭނާއަކަށް ރަހްމަތްތެރިއަކު ނުވެއެވެ."

"އަދި غسلين މެނުވީ (އެބަހީ: ނަރަކައިގެ އަހުލުވެރިންގެ ގައިން އޮހޮރޭ ފާ ދިޔަ މެނުވީ) އޭނާއަކަށް ކާއެއްޗެއް ނުވެއެވެ."

"ކުށްވެރިން މެނުވީ އެ އެއް ނުކާނެތެވެ."

(އަލްޙާއްޤަ: 33،34،35،36،37)

ދެން އިތުރަށް ބޭނުންވަނީ ކޮން ދަލީލެއް ހެއްޔެވެ؟

"ޤިޔާމަތް ދުވަހެވެ. ދުނިޔޭގައި ތިބާ ކުޅަ އަމަލުތަކުގެ ސަބަބުން ޖެހުނީ ނަރަކައަށް ދާށެވެ! މަލާއިކަތުން ތިބާ ނަރަކައިގެ ހޫނުމިން އިތުރަށް ގަދަވާނެ ފޭރާމުން ފޭރާން ލައްވަވައި ތިބާ ޗޭނު ޖައްސަވައި މޫނުވަތަށް ނަރަކައަށް އެއްލަވައި ލައްވަވަން އުޅުއްވަވާ ވަގުތު އެ ނަރަކައިގައި "ރައްކައުތެރިކަމާ ސަލާމަތްކަމެއް ނެތް"ކަމަށް ބުނެ ނަރަކައަށް ނުވަދެ މަޑު ޖައްސައި ލެވޭނެ ހެއްޔެވެ؟

އެއީ ނުކުރެވޭނެ ކަމެއް ކަމަށްވާނަމަ މިއަދު ގަދައަޅައި މަސައްކަތް ކުރަންވީ ނަރަކައިން ސަލާމަތްވުމަށެވެ. ތިމާ ފަދައިން ތިމާގެ އަނބިދަރިންނާއި ޢާއިލާގެ މީހުންނާއި އެންމެހައި މީސްތަކުން ނަރަކައިން ސަލާމަތް ކުރުމަށެވެ. އެ ފުރުޞަތު މިއަދު ކޮންމެ މީހަކަށްވެސް އެބައޮތެވެ. އެކަން ކުރުމުގެ އިޚްތިޔާރު މީސްތަކުންނަށް ވަނީ ދެއްވަވައިފައެވެ.

މީސްތަކުންނޭވެ! އެހެން މީހުންނަށް ހެޔޮ ފޯރުވައި އުޅޭށެވެ! މިސްކީނުންނަށް ކާން ދީ އެހީތެރިވާށެވެ! އަދި ތަނަވަސްކަން ހުރިވަރަކުން އެފަދަ ކަންކަމަށް ވާގިދޭ މީހަކު ކަމުގައިވާށެވެ! ނަރަކައިން ސަލާމަތްވުމަށްޓަކައެވެ. އިން ޝާ ﷲ

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން