ތިބާގެ ބެލުމުގެދަށުގަ ހުންނަ މީހަކު ތިބާއަށް ކިޔަމަންތެރިނުވާނަމަ އޭނާއެދޭ ކަންކަން ކޮށްދޭނަން ހެއްޔެވެ؟ ނަރަކައިން ސަލާމަތްވުމަށް އެދޭ މީހުން ވިސްނާލަން ޖެހޭ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
ތިބާގެ ބެލުމުގެދަށުގަ ހުންނަ މީހަކު ތިބާއަށް ކިޔަމަންތެރިނުވާނަމަ އޭނާއެދޭ ކަންކަން ކޮށްދޭނަން ހެއްޔެވެ؟ ނަރަކައިން ސަލާމަތްވުމަށް އެދޭ މީހުން ވިސްނާލަން ޖެހޭ ކަމެއް!

އަހުރެމެންނަށް ބުއްދި ދެއްވަވާފައި މިވަނީ ހަމައެކަނި ދުނިޔެއިން ތިމާ ބޭނުންވާނެ ކަންކަމަށް ވިސްނައި އެކަންކަން ޙާޞިލްކުރަން މަސައްކަތްކުރުމަކަށް ނޫނެވެ. ބުއްދި ދެއްވެވި އެންމެ ބޮޑު ބޭނުމަކީ ﷲ ތަޢާލާ އާއިމެދު، ޤިޔާމަތް ދުވަހާއިމެދު އަދި ނަރަކައިން މިންޖުވެވޭނެ ގޮތާއިމެދު ވިސްނައި އާޚިރަތް ކާމިޔާބުކުރަން ގަދައަޅައި މަސައްކަތްކުރުމެވެ.

މީސްތަކުންނޭވެ! ވިސްނައިލާށެވެ! ތަނެއްގައި އެކަނިވެލުމަށްފަހު ރަނގަޅަށް ހަމަޖެހިލައިގެން އިށީނދެލާށެވެ. އެއަށްފަހު ހިތް ހުޅުވައިލާށެވެ! ތިބާގެ ވަށައިގެން ހިނގަމުން މިދާ ކަންކަމަށް ވިސްނައިލަން މަސައްކަތްކުރާށެވެ!

އެންމެ ފުރަތަމަ ތިބާގެ އަމިއްލަ ޙަޔާތާއިމެދު ފުންކޮށް ވިސްނައިލާށެވެ! ﷲ ތަޢާލާ ނަހީ ކުރެއްވެވި ކަންކަން ކުރަމުން ތިބާ ތިއަވަރަށް ގެންދާއިރުވެސް ތިބާއަށް ދެއްވަވާފައިވާ ޞިއްޙަތަށް ވިސްނައިލާށެވެ. ތިބާގެ ބޭނުންތައް ފުއްދަވައި ދެއްވަވަމުން ގެންދަވާ ކަމާއިމެދު ވިސްނައިލާށެވެ! އެއްވެސް ނިޢްމަތެއް އުނި ނުކުރައްވަވައި ދެއްވަވަމުން ގެންދަވާ ކަމާއިމެދު ވިސްނައިލާށެވެ!

އެއަށްފަހު ތިމާގެ ބާރުގެދަށުގަ ހުރި މީހަކު ތިމާގެ އަމުރުތަކަށް ނުކިޔަމަންތެރިވެ ކަންކަން ކުރަމުން ގެންދާނަމަ ތިމާއަށް ކަންކަން ކުރެވޭނެ ގޮތާއިމެދު ވިސްނައިލާށެވެ. އޭނާ އެދޭ ކަންކަން ކޮށްދޭނަން ހެއްޔެވެ؟ އަދަބެއް ނުދޭނަން ހެއްޔެވެ؟ އެއްވެސް ފިޔަވަޅެއްވެސް ނާޅާނަން ހެއްޔެވެ؟ ހަމަ އެއްވެސް ފިޔަވަޅެއް ނާޅައި ހުރެވޭނެތޯ އަމިއްލަ ނަފްސާއި ސުވާލުކޮށްލާށެވެ.

މީސްތަކުންނޭވެ! މީސްތަކުންގެ ނުކިޔަމަންތެރިކަން ހައްދުފަހަނައަޅައިދާއިރުވެސް ﷲ ތަޢާލާގެ ދީލަތިވަންތަކަމާއިމެދު ވިސްނައި ޝުކުރުވެރިވާށެވެ! ޝުކުރުވެރިވުމަށް ކުރަން އޮތްކަމަކީ ތައުބާވެ ﷲ ތަޢާލާގެ މަގަށް ރުޖޫޢަވުމެވެ. ފާފަތައް ކުރުން ހުއްޓާލައި ހެޔޮ އަމަލުތައް ކުރުން ގިނަ ކުރުމެވެ. ފުރުޞަތު ގެއްލިގެން ނުދަނީސް އެކަމަށް އަވަސްވެގަންނާށެވެ!

ތައުބާ ނުވެ ތިއަ ހުންނަނީ ތައުބާވުމުން ތިބާއަށް ދެއްވަވަން ﷲ ތަޢާލާ ކަނޑައަޅުއްވަވާފައިވާ ނިޢްމަތްތައް ހަމަ ނުއެނގޭތީއެވެ. އެކަންކަން ތިބާއަށް ކުޑަކުޑަ މިންވަރަކަށް ވެސް އިޙްޞާޞް ކުރެވޭނަމަ ތައުބާ ނުވެ ހިނދުކޮޅަކުވެސް ތިބާ މަޑުނުކުރާނެއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން