އެކި މީހުންނަށް ކުރިމަތިކުރައްވަވާނީ އެކި އިމްތިޙާންތަކެވެ. އެކި މިންވަރަށެވެ. ހަމަ އެއް ބައްޔެއްގައި އެކަކަށް އެހައި ބޮޑު ތަކްލީފެއް އުފުލަން ނުޖެހުނަސް އެހެން މީހަކަށް މާބޮޑު ތަކްލީފެއް އުފުލަންވެސް ޖެހިދާނެއެވެ.
ހަމަ އެފަދައިން ބައެއް މީހުންނަށް ދިރިއުޅުމުގައި މާބޮޑެތި ތަކްލީފްތަކެއް އުފުލަން ނުޖެހުނަސް އަނެއް ބައަކަށް ވަރަށް ބޮޑެތި ތަކްލީފްތައް ވަރަށް ގިނައިންވެސް އުފުލަން ޖެހިދާނެއެވެ. އަދި ހަމަ އެފަދއިން އެއްބައަކަށް މާބޮޑު ހިތްދަތިކަމެއްގައި އުޅެން ނުޖެހުނަސް އަނެއް ބައަކަށް އަބަދުހެން ނުވަތަ މާބޮޑު ހިތްދަތިކަމެއްގައިވެސް އުޅެންޖެހިދާނެއެވެ.
ދިރިއުޅުމުގައި ކިތަންމެ ހިތްދަތިޙާލެއްގައި އަދި ދަތިޙާލެއްގައި އުޅެންޖެހުނަސް ކިތަންމެ ބޮޑު ތަކްލީފެއް އުފުލަން ޖެހުނަސް އަވަހަށް މަރުވުމަށް ނުއެދޭށެވެ. އެއީ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަރަށް ބޮޑަށް ނަހީކުރައްވަވާފައިވާ ކަމެކެވެ.
އެދެންވާނީ ދުނިޔެ ދޫކުރުމަކީ މިއަޅާއަށް އޮތް އެންމެ ރަނގަޅު ގޮތް ކަމުގައިވާނަމަ ފުރާނަ އިނބަ ﷲ ގެ ޙަޟްރަތަށް ގެންދެވުމަށެވެ. ދުނިޔޭގައި ހުރުމަކީ މިއަޅާއަށް އެންމެ ރަނގަޅު ގޮތް ކަމުގައިވާހައި ދުވަހަކު ދުނިޔޭގައި ލެހެއްޓެވުމަށެވެ. އަދި އަވަހަށް މަރުވުމަށް އެދުމުގެ ބަދަލުގައި ދުޢާކުރަންވާނީ ކުރިމަތިވެފައިވާ މައްސަލަ ޙައްލުކޮށްދެއްވެވުން އެދިގެންނެވެ. މިޘާލަކަށް ބޮޑު ބައްޔެއް ފަދަ ކަމެއްގައި އުޅެންޖެހިފައިވާނަމަ ޝިފާ ދެއްވެވުން އެދިގެންނެވެ.
ދުނިޔޭގައި ކޮންމެ މީހަކުވެސް ލައްވަވަނީ ވަކިމުއްދަތަކަށެވެ. އެމުއްދަތު ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. އެހެނަސް ޢުމުރު ދިގުކޮށްދެއްވަވެވުން އެދިގެން ދުޢާކުރެވިދާނެއެވެ. ދުޢާއަކީ ޢުމުރު ދިގުކޮށް ދެއްވަވާ ސަބަބެއް ކަމުގައިވެސްވެއެވެ. އެކަމުންވެސް އެނގެނީ ދުޢާގައި ހުރި ބާރެވެ.
- މުފްތީ މެންކުގެ ދަރުސަކުން