ދެމަފިރިން އެކަކު އަނެކަކާ އެމީހަކު އެންމެ ލޯބިވާ ނަމަކުން މުޚާޠަބްކުރުމަކީ ލޯބިވެރިކަމާއި ކުލުނު އުފެދޭކަމެކެވެ.: ޝައިޚް ޝާފިޢު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 55ސ
ދެމަފިރިން އެކަކު އަނެކަކާ އެމީހަކު އެންމެ ލޯބިވާ ނަމަކުން މުޚާޠަބްކުރުމަކީ ލޯބިވެރިކަމާއި ކުލުނު އުފެދޭކަމެކެވެ.: ޝައިޚް ޝާފިޢު

ސުވާލު: ފިރިމީހާގެ ނަމުން ގޮވުމަކީ އަނބިމީހާއަށް ހުއްދަވެގެންވާ ކަމެއްތޯ ބުނެދެވިދާނެހެއްޔެވެ؟

ޖަވާބު:

ހުރިހާ ޙަމްދެއްވަނީ ﷲ އަށެވެ.

ފިރިމީހާގެ ނަމުން އަނބިމީހާ އޭނާއަށް ގޮވުމަކީ މައްސަލައެއް އޮތްކަމެއް ނޫނެވެ. އެކަން މަނާކުރާނޭ ދަލީލެއް ނެތެވެ. މި ފަދަ ކަންތައްތަކުގައި ބަލާނީ މީސްތަކުންގެ އާދަކާދައާއި ޘަޤާފަތުގެ މައްޗަށެވެ. ޤައުމެއްގައި އާދަކާދައެއްގެ ގޮތުގައި ފިރިމީހާ އަނބިމީހާއަށް މުޚާޠަބު ކުރާއިރު މިސާލަކަށް ކުންޔާ ބޭނުންކުރާނަމަ އަދި ނަމުން ގޮވުމަކީ އަދަބާ ޚިލާފުކަމަކަށްވާނަމަ ނުވަތަ ފިރިމީހާ އޭނާގެ ނަމުން ގޮވުމަށް ނުރުހޭނަމަ އަނބިމީހާ އެކަމަށް ސަމާލުކަން ދޭންޖެހޭނެއެވެ. އެހެނީ ފިރިމީހާއާ މެދުގައި ރަނގަޅަށް ކަންތައްތައްކުރުމަކީ އަނބިމީހާ ކުރަންޖެހޭ ކަމެކެވެ. ފިރިމީހާ ނުރުހޭ ނަމަކުން ގޮވުމަކީ އެއީ އޭނާއާމެދު ރަނގަޅަށް މުޢާމަލާތުކުރުމުގެ ތެރެއިން ވާކަމެއް ނޫނެވެ. އަދި މީހުން ދެކޭގޮތުގައި އެއީ ރަނގަޅުކަމެއް ނޫނެވެ.

އަނބިމީހާ އަދި ފިރިމީހާ ކޮންމެ މީހަކުވެސް އެކަކު އަނެކަކާ މުޚާޠަބުކުރަންވާނީ އެމީހަކު އެންމެ ލޯބިވާ ނަމަކުންނެވެ. ސަބަބަކީ އެއީ ލޯބިވެރިކަމާއި ކުލުނު އުފެދޭކަމެކެވެ.

ފައިޟުލް ޤަދީރު ގައި އަލްމަނާވީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.

"އެކުގައި އުޅުމުގެ އަދަބުތައް” އެކަމުގެ ތެރޭގައި: :

ސިއްރު ފާޅުނުކުރުމާއި، ޢައިބުތައް ފޮރުވުމާއި،

އޭނާއާ ބެހޭގޮތުން މީހުން ދައްކާ ގޯސްވާހަކަތައް އޭނާގާތު ނުދެއްކުމާއި،

މީހުން އޭނާއާ ބެހޭގޮތުން ދައްކާ އޭނާ އުފާވާނޭ ރަނގަޅުވާހަކަތައް އޭނާގާތު ބުނުމާއި،

އޭނާ ވާހަކަދައްކާއިރު ޝައުޤުވެރިކަމާއެކު އަޑުއެހުމާއި ޒުވާބުކުރުމުން ދުރުހެލިވުމާއި،

އޭނާ އެންމެ ލޯބިވާ ނަމުން އޭނާއަށް ގޮވުމާއި،

އޭނާގެ ކިބައިން ފެންނަން ހުންނަ ރަނގަޅު ކަންތައްތަކަށް ތަޢުރީފުކުރުމާއި،

އޭނާ ކޮށްދޭ ކަންތައްތަކަށް ޝުކުރުކުރުމާއި،

އޭނާ ނެތްތަނެއްގައި އޭނާ ދިފާޢުކުރުމާއި، އޭނާ އެހީތެރިކަމަށް ބޭނުންވާ ޙާލަތެއްގައި އެކަމަށް އޭނާ އެދެންދެން މަޑުނުކޮށް އެހީތެރިކަން ފޯރުކޮށްދިނުމާއި،

ނަޞީޙަތް ދޭންޖެހޭނަމަ، އޯގާތެރިކަމާއެކު އަދި ނުސީދާކޮށް ނަޞީޙަތްދިނުމާއި،

އޭނާއަށް ކުރެވޭ ކުށްތަކަށް މަޢާފުކުރުމާއި،

އޭނާއަށް ފާޑުނުކިޔުމާއި، އޭނާ ދިރިހުއްޓައި އަދި މަރުވުމަށްފަހުގައިވެސް އޭނާއަށްޓަކައި ދުޢާކުރުމާއި،

އޭނާ އުފާވާކަންތައްތަކުގައި އުފާވެރިކަން ފާޅުކުރުމާއި،

އޭނާއަށް ކުރިމަތިވާ ދެރަކަންތައްތަކުގައި ހިތާމަވެރިކަން ފާޅުކުރުމާއި، އޭނާއާ ބައްދަލުވާހިނދު ސަލާމްކުރުމާއި،

އިށިއިނދެ ތަނެއްގައި ތިބިނަމަ އޭނާއަށްޓަކައި އެމަޖިލިހުން ތަންހެދުމާއި،

ތަން އޭނާއަށް ދިނުމާއި، އޭނާ ތެދުވެގެންދާއިރު އޭނާއާ ދިމާލަށް ބެލުމާއި،

އޭނާ ވާހަކަދައްކާއިރު، ވާހަކަ ދައްކާ ނިމެންދެން ކަނުލައި އަޑުއަހައިގެން ހުރުމާއި،

ޚުލާޞާކޮށް ބުނާނަމަ އޭނާއާ މެދު މުޢާމަލާތްކުރަން ވާޖިބުވާގޮތަށް އޭނާއާ މެދު މުޢާމަލާތްކުރުން"
ހިމެނެއެވެ.

 

މުތަރުޖިމުގެ ނޯޓު:

ސުވާލުގައި، އަނބިމީހާ ފިރިމީހާއާ މެދު ކަންތައްކުރަންޖެހޭނެ ގޮތްކަމަށް ބުނެފައި އެވާ ގޮތްތަކަކީ ހަމަ ފިރިމީހާވެސް އަނބިމީހާއާ ދެމެދު ކަންތައްތައް ކުރަންޖެހޭނެ ގޮތްތަކެވެ.

އަލްމަނާވީ ރަޙިމަހުﷲ އަކީ عبد الرؤوف بن تاج العارفين بن نورالدين علي بن زين العابدين الحدادي المناوي القاهري الشافعي އެވެ. އެކަލޭގެފާނު އުފަންވެވަޑައިގަތީ ހިޖުރައިން 952 ވަނަ އަހަރުއެވެ. އަދި އަވަހާރަވީ ހިޖުރައިން 1030 ވަނަ އަހަރުއެވެ. ދީނުގެ ބޮޑެތި ޢިލްމުވެރިންގެ ތެރެއިން ޢިލްމުވެރިއެކެވެ. ސަތޭކައަށްވުރެ ގިނަ ފޮތް ލިޔުއްވިއެވެ. އެކަލޭގެފާނު ލިޔުއްވި މަޝްހޫރު ފޮތްތަކުގެ ތެރޭގައި فيض القدير، كنوز الحقائق، شرح الشمائل للترمذي، شرح التحرير في الفقه، إعلام الحاضر والبادي، ހިމެނެއެވެ. (ބައްލަވާ خلاصة الأثر 2/193، البدر الطالع 1/357.)
*
ކުންޔާ އަކީ އަބޫ ޢަބްދުﷲ، އަބޫ ޢަލީ މި މޭރުމުން ކިޔޭ ނަންތަކެވެ. 

- ޝައިޚް މުޙައްމަދު ޝާފިޢު 

މިލިޔުމުގެ އަޞްލު: 

https://islamqa.info/ar/answers/21532/%D9%87%D9%84-%D8%AA%D9%86%D8%A7%D8%AF%D9%8A-%D8%A7%D9%84%D8%B2%D9%88%D8%AC%D8%A9-%D8%B2%D9%88%D8%AC%D9%87%D8%A7-%D8%A8%D8%A7%D8%B3%D9%85%D9%87

 

މިއަދު އޮންލައިން