ހުމަށް ނުބައިބަސް ނުބުނާށެވެ! ހުމަކީ ދަގަނޑުގެ ދަމިލަ އަލިފާނުން ފިލުވައިލާ ފަދައިން، އަހުރެމެންގެފާފަތައް ފުހެލާ އެއްޗެއްކަން ޙަދީޘުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 45ސ
ހުމަށް ނުބައިބަސް ނުބުނާށެވެ! ހުމަކީ ދަގަނޑުގެ ދަމިލަ އަލިފާނުން ފިލުވައިލާ ފަދައިން، އަހުރެމެންގެފާފަތައް ފުހެލާ އެއްޗެއްކަން ޙަދީޘުން-

މިދުވަސްވަރަކީ ތަފާތު ރޯގާތަކާއި ގަދަހުންތައް ބާރަށް ފެތުރެމުން އަންނަ ދުވަސްވަރެކެވެ. ބަލިވުމުން ބައެއް މީހުންނަށް ކަންބޮޑުވެވި ދުލުން ނުބައި ބަސްތައް ބުނެއެވެ. މިއުޅެނީ ވަރަށް ބޮޑު ކަންތައްގަނޑެއްޖެހިގެންކަމަށާއި ސަލާމަތް ނުވެވިގެން ފަދަބަސްތައް ބުނެވެއެވެ. ބައްޔާއި ދިމާއަށް އެއްޗެތި ގޮވެއެވެ. އެހެންކަމުން ތިރީގައިވާ ލިޔުމަށް ވިސްނައި ދޫރައްކައުތެރިކުރުމަށް ނަޞޭޙަތްތެރިވަމެވެ. 

ދުނިޔެމަތީގައި ﷲ ތަޢާލާ މުއުމިނު އަޅާއަށް ޖައްސަވާ ކޮންމެ މުޞީބާތަކަށްވެސް އޭނާ ކެތްތެރިވެއްޖެނަމަ އެ މުޞީބާތުގެ ޛަރީޢާއިން އޭނާގެ ފާފަ ފުއްސަވައެވެ. އެއީ ފަޔަށް ކައްޓެއް ހެރުނު ކަމުގައިވިޔަސް، ހުންއައުން ކަމުގައިވިޔަސް މެއެވެ. ބަލާ މުޞީބާތް ކުރިމަތިވުމުން ބަލާ މުޞީބާތްތަކާ ދިމާލަށް އެއްޗެހި ކިޔުމެއް ނެތެވެ. ފަހެ މުޞީބާތް ޖެހުމަކީ ގޯސްކަމެއް ކަމުގައި ނުދެކޭށެވެ. 

عن جَابِر بْنِ عَبْدِ اللَّهِ رَضِيَ اللَّهُ عَنْهُما أَنَّ أُمِّ السَّائِبِ قَالَتْ : الْحُمَّى لَا بَارَكَ اللَّهُ فِيهَا ، فَقَالَ النبي صلى الله عليه وسلم لها : ( لَا تَسُبِّي الْحُمَّى ، فَإِنَّهَا تُذْهِبُ خَطَايَا بَنِي آدَمَ كَمَا يُذْهِبُ الْكِيرُ خَبَثَ الْحَدِيدِ ) . رواه مسلم (2575) . 

އުންމު ސާއިބު ރަޟިޔަﷲ ޢަންހާ އާލާސްކަންފުޅާ އުޅުއްވާތީ އެކަމަނާއަށް ޒިޔާރަތްކުރެއްވުމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަޑައިގެންނެވިއެވެ. 

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ: مَا لَكِ تُزَفْزِفِينَ ކަމަނާ ކީއްވެގެންހޭ ތިޔަ ކުކުރަނީ؟ 

އުންމު ސާއިބު ރަޟިޔަﷲ ޢަންހާ: الْحُمَّى لَا بَارَكَ اللَّهُ فِيهَا މި ހުމުގެ ސަބަބުންނެވެ. ﷲ މިހުމަށް ބަރަކާތް ނުލައްވާށިއެވެ. 

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ: لَا تَسُبِّي الْحُمَّى ، فَإِنَّهَا تُذْهِبُ خَطَايَا بَنِي آدَمَ كَمَا يُذْهِبُ الْكِيرُ خَبَثَ الْحَدِيدِ   ކަމަނާ ހުމާ ދިމާލަށް އެއްޗެހި ނުގޮވާށެވެ. ފަހެ ހުމަކީ ދަގަނޑުގެ ދަމިލަ އަލިފާނުން ފިލުވައިލާ ފަދައިން، އާދަމުގެ ދަރިޔާގެ ފާފަތައް ފުހެލާ އެއްޗެކެވެ. 

މި ޙަދީޘުން ލިބޭ ފައިދާތައް: 

_ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ ޞަޙާބީންނާމެދު ބާއްވަވާ އޯގާތެރިކަން

_ ބަލިމީހުންނަށް ޒިޔާރަތްކުރުމުގެ މުސްތަޙައްބުކަން

_ ބަލިމީހާގެ ޙާލާ ބެހޭގޮތުން ސުވާލުކުރުން ހުއްދަވެގެންވާ ކަން

_ ބަލިމީހުންނަށް ﷲ މަތިން ހަނދާންކޮށްދިނުން

_ ބަލިމީހުންގެ ހިތަށް ފިނިކަން ވައްދައިދިނުން

_ ބަލިމީހާ ބައްޔަށް ކެތްކޮށްފިނަމަ، އޭނާއަށް ހުރި ފައިދާއާއި ޘަވާބާ ބެހޭގޮތުން ހަނދުމަކޮށްދިނުން

_ ބަލިވީމާ ތަދާއި ވޭނާއި އުނދަގޫތައް ކުރިމަތިވި ކަމުގައިވިޔަސް އެކަށީގެންނުވާ ބަސްތައް ދުލުން ބޭރުކޮށްގެން ނުވާނެކަން

_ ކަންކަން ސާފުކޮށް ބުނެދޭ އިރު މިސާލާއެކު މިސާލު ޖަހައިގެން ބުނެދިނުން

_ ﷲ އާ މެދު އަދަބު ބެހެއްޓުން، ﷲ ނުރުއްސަވާ ބަސްތައްވެސް ނުބުނުން.

_ ﷲ ގެ ޤަދަރަށް ރުހުމުގެ މުހިންމުކަން. 

ބަލީގެ ބައެއް ފައިދާތައް

_ އިމްތިޙާން ކުރެވުން އަދި ކެތްތެރިވުމުގެ ޘަވާބު ދެއްވުން

_ ބައްޔަކީ ﷲ ލޯބިވެވޮޑިގެންވާ ކަމުގެ ޢަލާމާތެއް

_ ފުރިހަމަ ޞިއްޙަތުގެ ނިޢުމަތުގެ އަގު ވަޒަންކުރެވުން

_ ބައެއް ބަލިތަކުގައި މަރުވާ މީހުންނަކީ ޝަހީދުން

_ ބަލިމީހާއަށް ޒިޔާރަތްކުރުމުގެ ޘަވާބު އެހެން މީހުންނަށް ލިބޭ

_ ބައްޔަކީ މުއުމިނުންނަށް ވާ ރަޙްމަތެއް އަދި ސުވަރުގެ ވަދެވޭ ސަބަބެއް

_ ފާފަތައް ފުއްސަވާ ޠާހިރުކުރެއްވުން

_ ހިތުގެ ބަލިތައް ކަމުގައިވާ ބޮޑާކަމާއި ކިބުރުވެރިކަން ފިލައިދިޔުން 

- ޝައިޚް މުޙައްމަދު ޝާފިޢުގެ ލިޔުއްވުމަކުން

 

މަރްޖިޢު

صفوة الصفوة

حلية الأولياء

 

މިއަދު އޮންލައިން