ޤައުމުތަކަށް ދަތުރުކުރުމަކީ ޘަވާބު އިތުރުކުރެވިދާނެ ފައިދާހުރިކަމެއް! ޘަވާބުގެ ބަދަލުގަ ޢަޛާބް ލިބޭ ގެއްލުން ބޮޑުވެސް ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 9ސ
ޤައުމުތަކަށް ދަތުރުކުރުމަކީ ޘަވާބު އިތުރުކުރެވިދާނެ ފައިދާހުރިކަމެއް! ޘަވާބުގެ ބަދަލުގަ ޢަޛާބް ލިބޭ ގެއްލުން ބޮޑުވެސް ކަމެއް!

ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވަނީ މިފަދައިންނެވެ.

"ކަލޭގެފާނު ވިދާޅުވާށެވެ! ތިއަބައިމީހުން ބިމުގައި ދަތުރުފަތުރުކޮށް އުޅޭށެވެ! އަދި ﷲ. ޚަލްޤް ތަކުން ފުރަތަމަ އުފެއްދެވިގޮތް، ތިއަ ބައިމީހުން ވިސްނައިބަލާށެވެ! ދެން އެއަށްފަހު، ﷲ އެންމެފަހުގެ އުފެއްދެވުން އުފައްދަވާނެތެވެ. (އެބަހީ: އަލުން ދިރުއްވައި އިޢާދަކުރައްވާނެތެވެ.) ހަމަކަށަވަރުން، ﷲ އީ، ކޮންމެ ކަމެއްގެމައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ." (އަލްޢަންކަބޫތު: 20)

"ތިއަބައިމީހުން ބިމުގައި ދަތުރުފަތުރުކޮށް އުޅޭށެވެ!" ވަޙީ ކުރައްވަވާފައި އޮތުމުން އެއިގެ މާނައަކީ ދަތުރުކުރާއިރު ފެންނަ ކަންކަން ޤަބޫލުކޮށް އެހެން ދީންތަކުގެ މީހުންނާއި އެއްވެސް ދީނެއް ޤަބޫލު ނުކުރާ މީހުން އުޅޭ ގޮތަށް އުޅުމަށް އެންގެވުންކަމަށް މާނަކޮށްގެން ނުވާނެއެވެ. ނަމަވެސް އެކަން އެ ނުބައިގޮތަށް މާނަކުރާ ބައަކު އެބަ އުޅެއެވެ.

އެއީ އެއްވެސް ޙާލެއްގައި އެގޮތަށް އޮތް އަމުރުފުޅެއް ނޫނެވެ. އާޔަތް ކިޔައި ރަނގަޅަށް ވިސްނާށެވެ!

މުސްލިމުން ސާބިތުވެ ތިބެން އޮތީ އިސްލާމް ދީނުގައެވެ. ﷲ ތަޢާލާއަށް އުރެދި ޝަރީކުކުރާ މީހުންގެ އަމަލުތަކަށް އޮތީ ވިސްނައި ބިރުވެތިވުމެވެ. އެއްވެސް އިތުރު ދީނަކުން އިސްލާމް ދީނަށް ގެންނަން ޖެހޭނެ އެއްވެސް ކަމެއް ނުއޮންނާނެއެވެ. އެހެނީ އިސްލާމް ދީނަކީ އެންމެ ފުރިހަމަ ދީނެވެ. ﷲ ތައާލާ ޤަބޫލުފުޅު ކުރައްވަވާނެ ހަމައެކަނި ދީނަކީ އިސްލާމް ދީނެވެ.

ރިވެތިވެގެންވާ އެންމެހައި އަޚްލާޤް ވަނީ އިސްލާމް ދީނުގައެވެ. ވީމާ މުސްލިމުންގެ ކިބައިގައި ހުންނަން އިސްލާމް ދީނުގައި އަނގަވާފައި ނުވާ އެއްވެސް ރިވެތި އަޚްލާޤީ ސިފައެއް އެހެން ބައެއްގެ ކިބައަކު ނުހުންނާނެއެވެ. މުސްލިމުންގެ އަޚްލާޤުން އުނި ކަންކަން ފެންނަމުން މިދަނީ މުސްލިމުންގެ ކިބައިގައި ހުންނަން ޖެހޭ ރިވެތި އަޚްލާޤީ ސިފަތައް ދޫކުރެވެމުންދާތީއެވެ.

ވީމާ މުޅި ދުނިޔޭގައި ދަތުރުކުރި ނަމަވެސް އިސްލާމް ދީނާއި އިސްލާމްކަން ފުރިހަމަކުރަން އިތުރަށް ކުރަންޖެހޭނެ އެއްވެސް ކަމެއް ނުހޯދޭނެއެވެ. ﷲ ތަޢާލާ ވަނީ އިސްލާމް ދީން ފުރިހަމަ ކުރައްވަވައި ނިންމަވައިފައެވެ. އެއްވެސް އުނި އިތުރެއް ނުގެނެވޭނެ ގޮތަށެވެ.

ކުރާ ދަތުރުތަކުން ފައިދާކުރާނީ ފެންނަ ރަނގަޅު ކަންކަން ދަސްކުރުމުންނެވެ. ގެއްލުން ލިބޭނީ ފެންނަ ނުބައިކަންކަން އެއީ ރަނގަޅު ކަންކަމުގެ ގޮތުގައި ބަލައިގަތުމުންނެވެ. ވީމާ ދަތުރުކުރަންވާނީ މިކަންކަމަށް ވަރަށް ބޮޑަށް ބަލައިގެންނެވެ.

 

އެމީހެއްގެ ކިބައިގައި ކެރިފޯރުންތެރިކަން ހުރިނަމަ ޤައުމުތަކަށް ދަތުރުކުރަންވީކަން އަހުރެން ބަޔާންކުރި އާޔަތުން އެނގިގެންދެއެވެ. އެއީ ޘަވާބު އިތުރުކުރެވެން އޮތްކަމެކެވެ. އަދި ޢަޛާބު ލިބިގަނެވޭ ކަމެއްވެސްމެއެވެ. ހިތާމައަކީ ދެގޮތުންކުރެ ތިމާއަށް ގެއްލުންހުރި މަގު އިޚްތިޔާރުކުރެވޭ ކަމެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން