ﷲ ތަޢާލާގެ ޙަޟްރަތުގަ ޚާއްޞަ މީހަކަށްވާން ދެއްވަވާ ފުރުޞަތު ނަގައިލާ މީހަކަށްވެގެން ދުނިޔެވެސް އާޚިރަތްވެސް ހޯދޭނީ ކިހިނަކުންތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 16ސ
ﷲ ތަޢާލާގެ ޙަޟްރަތުގަ ޚާއްޞަ މީހަކަށްވާން ދެއްވަވާ ފުރުޞަތު ނަގައިލާ މީހަކަށްވެގެން ދުނިޔެވެސް އާޚިރަތްވެސް ހޯދޭނީ ކިހިނަކުންތަ؟

ﷲ ތަޢާލާގެ ޙަޟްރަތުގައި ޚާއްޞަ މީހަކަށް ވެވެނީ ފައިސާ އާއި މަތީ މަޤާމެއް ލިބުމަކުން ނޫނެވެ. ސަބަބަކީ ފައިށާވެސް މަތީ މަޤާމުވެސް ދެއްވަވަނީ ﷲ ތަޢާލާ ކަމަށްވުމުންނެވެ. އެހެނަސް ކޮންމެ މީހަކަށްވެސް، އެންމެ ނިކަމެތި މީހާއަށްވެސް ﷲ ތަޢާލާގެ ޙަޟްރަތުގައި ޚާއްޞަ މީހަކަށް ވުމުގެ ފުރުޞަތު ވަނީ ދެއްވަވައިފައެވެ. އޮތީ އެމީހާގެ ކިބައިގައި ކެރުންތެރިކަން ހުރި މިންވަރެކެވެ.

ކޮންމެ މުސްލިމަކުވެސް އެންމެ ބޮޑަށް ޙާޞިލުކުރަން ބޭނުންވާނެ އެއްކަމަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި ޚާއްޞަ މީހަކަށްވުމެވެ. ވީމާ އެކަމަށް ފުންކޮށް ވިސްނާލަން އެބަޖެހެއެވެ.

"ތިމަންރަސްކަލާނގެ އާޔަތްތަކަށް އީމާންވާކަން ކަށަވަރީ، އެ އާޔަތްތައް އެބަޔަކަށް ހަނދާންކޮށްދެވޭހިނދު، ސަޖިދަ އަށް ތިރިވެ، އެއުރެންގެ ވެރިރަސްކަލާނގެއަށް ޙަމްދާއެކު ތަސްބީޙް ކިޔާ މީހުންނެވެ. އަދި އެއުރެން ކިބުރުވެރިއެއް ނުވާނެތެވެ."

"އެއުރެންގެ ވެރިރަސްކަލާނގެ ޙަޟްރަތަށް ބިރުވެތިކަމާއި އުންމީދާއެކު ދުޢާކުރާ ޙާލް، އެއުރެންގެ އަރިކަށިތައް (ރޭއަޅުކަންކުރުމަށްޓަކައި) ތަންމަތިތަކާ ފޭވެއެވެ. އަދި ތިމަންރަސްކަލާނގެ، އެއުރެންނަށް ދެއްވި ތަކެތީން، އެއުރެން ހޭދަކުރެތެވެ."

(އައްސަޖްދަ: 15،16)

މިދެއާޔަތަށް ޢަމަލުކޮށްފިމީހާ ވެގެންދާނީ ﷲ ތަޢާލާގެ ޙަޟްރަތުގައި ޚާއްޞަ މީހަކަށެވެ. ފުރަތަމަ އާޔަތުގައި އެވަނީ ކީރިތި ޤުރްއާނަށް ފުރިހަމަ ގޮތުގައި ޢަމަލުކުރުމުގެ ވާހަކައެވެ. ޤުރްއާނުގައިވާ އަމުރުފުޅުތަކަށް ކިޔަމަންތެރިވުމުގެ ވާހަކައެވެ. އަދި ތަސްބީޙް ކިޔާ މީހަކުކަމުގައިވުމާއި ކިބުރުވެރިއަކު ކަމުގައި ނުވުމުގެ ވާހަކައެވެ. ޖުމުލަ ގޮތެއްގައި ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް ބިރުވެތިވުމާއި ކިޔަމަންތެރިވުމާއި ﷲ ތަޢާލާ މަތިވެރިކުރުމާއި އަދި ތިމާގެ ނިކަމެތިކަން ޤަބޫލުކުރުމުގެ ވާހަކައެވެ.

ވިދިގެން ބަޔާންކުރައްވަވާފައި އެވަނީ ރޭއަޅުކަންކުރުމުގެ ވާހަކައެވެ. ވީމާ ތަންކޮޅެއް ބޮޑަށް ވިސްނާލަމާ ހެއްޔެވެ؟

"މުޅި ދުނިޔެ ގަދަ ނިދީގައެވެ. ގޭގެ އެންމެން ވެސް ގަދަ ނިދީގައެވެ. ނަމަވެސް ތިބާ، ތިބާގެ އަރާމު ނިދި ދޫކޮށްލާފައި ހޭލީއެވެ. އަރާމު ތަންމަތި ދޫކޮށްލާފައި ތެދުވީއެވެ. ލޯބިވާ ބައިވެރިޔާގެ ގައިން އަތްވެސް ދޫކޮށްލައިފައެވެ.

ތިބާ ވުޟޫކޮށްލީއެވެ. ދަމުނަމާދުކޮށްލީއެވެ. އެއަށްފަހު ތިބާ އެދޭ ކަންކަމުގެ ވާހަކަތައް ﷲ ތަޢާލާއަށް ދެންނެވީއެވެ.

ނިކަން ބުނެބަލާށެވެ! ﷲ ތައާލާގެ ޙަޟްރަތުގައި ތިބާ އާއި ގަދަ ނިދީގައި ނިދާފައި ތިބި މީހުންނާއި އެއްވަރު ވާނީ ކިހިނަކުން ހެއްޔެވެ؟ އެއީ ހަމަ އެއްގޮތަކަށްވެސް ވާނެ ކަމެއް ނޫނެވެ. ނަމަވެސް ހިތާމައަކީ މިފަދަ ކަންކަމަށް ވިސްނާ މީހުން މަދުވަމުން އަންނަ ކަމެވެ.

ދަމުނަމާދުގެ ވަގުތަކީ ތިބާ ޙާޞިލުކުރަން އެދޭ ކަންކަން ހިންމަވައި ދެއްވެވުން އެދި ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވާ ވަގުތު ކަމުގައި ހަދާށެވެ! ފަތިސް ނަމާދަށްފަހު އެކަންކަން ޙާޞިލުކުރަން މަސައްކަތް ކުރަން ފަށާށެވެ! ﷲ ތަޢާލާގެ ވާގިފުޅާއިއެކު ތިބާ އެދޭ އެދުންތައް ދާނީ ޙާޞިލުވަމުންނެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން