ދަމުނަމާދުކުރަން ނުހޭލެވޭ މީހާއަށް ފަސޭހައިން ދަމުނަމާދު ކުރެވިދާނެ 2 ގޮތެއް-!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ދަމުނަމާދުކުރަން ނުހޭލެވޭ މީހާއަށް ފަސޭހައިން ދަމުނަމާދު ކުރެވިދާނެ 2 ގޮތެއް-!

ރަމަޟާން މަހު ރާއްޖޭގެ މިސްކިތްތަކުގައި ދަމުނަމާދުކުރަން ފަށަނީ 1 ޖަހާއިރު ނުވަތަ 2 ޖަހާއިރުއެވެ. ރަމަޟާން މިސްކިތްތަކުގައި ކުރާ ދަމުނަމާދުގައި ބައިވެރިވަމެވެ. ރަމަމާން މަހަށްފަހު އެގަޑީގައި ހޭލަން ވަރަށް އުނދަގުލެވެ. އެހެންކަމުން ދަމުނަމާދުކުރެވިދާނެ އެހެން ވަޤުތެއް ބުނެދެއްވަފާނަންތޯ؟ 

ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ. 

ބައެއް މީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ ދަންވަރު 2 ޖެހުމުން ނުވަތަ ރޭގަނޑުގެ ފަހު ދަންފަޅިއަށް އެޅުމުން ނިދިން ނުހޭލެވޭނަމަ އެއީ ދަމުނަމާދުނުކުރަން އޮތް ސަބަބެއް ކަމަށެވެ. ނަމަވެސް އެއީ އެގޮތަށް އޮތް ކަމެއް ނޫނެވެ. ވަރަށް މާލުއިފަސޭހަ މަގުތަކުންވެސް ކުރެވެން އެބައޮތެވެ. 

އެފަދަ މީހުންނަށް ނިދުމުގެކުރިންވެސް ދަމުނަމާދުކުރެވިދާނެއެވެ. އެހެނީ ޢިޝާ ނަމާދަށްފަހު ދަމުނަމާދުގެ ވަޤުތު އެވަނީ ފެށިފައެވެ. އަދި ފަތިސްނަމާދު ވަގުތު ޖެހުމުގެ ކުޑައިރުކޮޅެއް ކުރިން ހޭލައި ބަންގިގޮވުމުގެ ކުރިންވެސް ދަމުނަމާދުކުރެވިދާނެއެވެ. މިހިރީ ހަމަ ދަމުނަމާދުކުރެވެންހުރި ލުއި ގޮތްތަކެވެ. 

މިކަމުގައި ޢިލްމްވެރިންގެ ބަސްފުޅުތައް ހުރީ މިފަދައިންނެވެ. "ދަމުނަމާދާއި ވިތުރި ފަތިސް ނަމާދާއި ކައިރިކޮށް ކުރެވޭނެއެވެ. އެއީ އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫނެވެ." 

ނިދުމުގެ ކުރިން ދަމުނަމާދުކޮށްފިނަމަ ނިދިއަންނަންދެން ކީރިތި ޤުރްއާން ކިޔެވުން ނުވަތަ ޛިކުރުކުރުން ފަދަ ކަމެއް ކުރުމުގައި ދެމިއިނުން މޮޅު އިތުރުވެގެންވެއެވެ. 

ހަމައެފަދައިން ފަތިސްނަމާދުގެކުރިން ތެދުވެ ދަމު ނަމާދުކުރުމަށްފަހު ކީރިތި ޤްރްއާން ކިޔަވައި ދުޢާކޮށް ހެދުމުގެ މުހިންމުކަން ޢިލްމުވެރިން ފާހަގަކުރައްވައެވެ. ވީމާ އެމީހަކަށް ވެވުނު އަވަހަކަށް ތެދުވެ ދަމުނަމާދު ކުރުމަކީ ވަރަށް ރަނގަޅު، ފައިދާހުރި ކަމެކެވެ. ނަމަވެސް ފަތިސް ނަމާދަށް ބަންގި ގޮވުމުގެ ކުރިން ދަމުނަމާދާއި ވިތުރިިކުރަންވާނެއެވެ. 

މިބަޔާންކުރި 2 މަގުންކުރެ މަގަކުން ނަމަވެސް ދަމުނަމާދުކުރަން ފަށައިފިނަމަ އެމީހެއްގެ ހިތުގައި ދަމުނަމާދަށް ލޯބިޖެހި ފަހުދަންފަޅީގައި ހޭލެވެންވެސް ފަށާނެއެވެ! އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

 

 

 

 

 

މިއަދު އޮންލައިން