ސޯޝަލްމީޑިއާ މިވަނީ މުޅި ދުނިޔެ ގުޅުވައިލައިފައެވެ. ކޮންމެ ޤައުމެއްގައި ހުރެގެންވެސް ކޮންމެ ޤައުމެއްގެ މީހަކާއިވެސް ގުޅުން ބޭއްވިދާނެއެވެ. ވީޑިއޯކޯލުން ފެނިދެނިވެ އުޅެވިދާނެއެވެ. ވާހަކަދެއްކިދާނެއެވެ. ފޮޓޯ ބަދަލުކުރެވިދާނެއެވެ.
އެހެން ޤައުމުއްގައި ހުރީތީ ބައްދަލުނުކުރެވި ހިނގައިދާނެއެވެ. ނަމަވެސް މިބުނި ކަންކަމުގެ ސަބަބުން ދެމީހުންގެ މެދުގައި ގުޅުން އުފެދުމުން އެކަމުގެ އަސަރު ހިތަށްކުރެއެވެ. އެމީހެއްގެ ހަނދާންތައް ސިކުނޑީގައި ހަރުލައެވެ. އަދި އަމިއްލަ ޤައުމުގައި ނަމަ ކޮންމެވެސް ގޮތަކުން ބައްދަލުކުރާ ޙިސާބަށްވެސް ކަންކަން ދެއެވެ.
ރަނގަޅަށް އެނގޭ ކަމެއް ބުނެފާނެއެވެ. މާލެއިން ދެކުނުގައި ދިރިއުޅޭ މީހުންނާއި މާލެއިން އުތުރުގައި ދިރިއުޅޭ މީހުންގެ މެދުގައި ސޯޝަލް މީޑިއާއިން ގުޅުން ބަދަހިވެ ދެމީހުން ތާރީޚް ކަނޑައަޅައި މާލެ އައިސް މާލޭގައި ފާޙިޝް ޢަމަލުތައް އެބަކުރެއެވެ. ކައިވެނިކޮށްގެން ތިބޭ މީހުންވެސް އެފަދަ ކަންކަން އެބަކުރެއެވެ.
މިފަދަ ކަންކަން ކުރާމީހުންގެ ތެރޭގައި ކިޔަވައިގެން ތިބޭ މީހުންނާއި ރަނގަޅު ވަޒީފާތަކުގައި ތިބޭ މީހުންނާއި އަދި ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ މީހުންވެސް ހިމެނެއެވެ.
އަޅުގަނޑަށް ފަޅާއަރާފައިވާ ބައެއް އެކުވެރިންގެ ކިބައިން އެނގޭ ގޮތުގައި އެމީހުން ޗެޓްކުރަން ފަށަނީ އެއްވެސް ނުބައި ނިޔަތެއްގައެއް ނޫނެވެ. ނަމަވެސް ދުވަސްކޮޅެއްވުމުން ކުރިއަރައި ޝައިޠޯނާ ބުނާ ގޮތަށް ކަންކަން ކުރެވެނީއެވެ.
އަދި ހަމަ އެމީހުންގެ ފަރާތުން އެނގުނު ގޮތުގައި ބައްދަލުނުކުރެވުނަސް އެގޮތަށް ގިނަ މީހުންނާއި ގުޅުން އުފެއްދުމުން ބައިވެރިޔާގެމަތިން ފޫހިވެއެވެ. ދެވޭ ސަމާލުކަންވެސް ކުޑަވެއެވެ. އެކަންކަމުގެ ސަބަބުން ބޮޑެތި މައްސަލަތައްވެސް ޖެހެއެވެ.
މިއަދުނޫހަކީ މިފަދަ މައްސަލަތައް ކިޔުންތެރިންގެ ސަމާލުކަމަށް ގެނެސް ހޭލުންތެރިކުރުވަން މަސައްކަތްކުރާ ނޫހަކަށްވާތީ މިކަންކަމަކީ އަޅުގަނޑަށް އެނގިގައިހުރި ކަންކަން ކަމަށްވާތީ ޙިއްޞާކޮށްލަން ބޭނުންވީއެވެ.
- ޢާމިރާ / މިއަދުނޫހުގެ ކިޔުންތެރިއެއް