ކައިވެނީގެ ފުރަތަމަރޭގެ އަދަބުތައް- 1

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 11މ 40ސ
ކައިވެނީގެ ފުރަތަމަރޭގެ އަދަބުތައް- 1

އިސްލާމް ދީނަށް ބަލައިފިނަމަ ކައިވެންޏަކީ ހަމައެކަނި ބޮޑު ރަސްމިއްޔާތެއްގައި ކައިވެނިކުރުމާއި ބޮޑުޖާފަތެއް ދިނުމާއި އަދި ދެމަފިރިން އެކުގައި ރޭ ކުރުން އެކަންޏެއް ނޫނެވެ. ކައިވެންޏާއި ކައިވެނިކުރުމާއި ދެމީހުން އެކުގައި ރޭކުރުން އެކަންޏެއްވެސް ނޫނެވެ. ކައިވެންޏާއި އަދި ކައިވެނިކުރުމުގައި އަދި ކައިވެނިކުރުމަށްފަހު ދެމަފިރިން ޢަމަލުކުރަން ހުރި އަދަބުތަކަކާއި ސުންނަތްތަކެއްވެސް ހިމެނިގެންވެއެވެ.  

އެހެންކަމުން މިކަންކަން އެނގިވަޑައިނުގަންނަވާ ބޭފުޅުންނަށާއި މިހާރު ހަނދުމަފުޅު ނެތް ބޭފުޅުންގެ ހަނދުމަފުޅު ތާޒާކޮށްލުމުގެ ގޮތުން މިގެނެސްދެނީ ކައިވެންޏާއި ގުޅުންހުރި ވަރަށް ގިނަ ކަްނކަން ހިމެނޭ ވަރަށް މުހިންމު ލިޔުމެކެވެ.  

ފެށުން:  

ސުބުޙާނަހޫ ވަތަޢާލާ އިންސާނާ ޚަލްޤުކުރައްވައި އެބައިމީހުން އެއްގަމާއި ކަނޑުގައި އުފުއްލަވާ މަތިވެރި ކުރެއްވިއެވެ. އަދި އެބައިމީހުންނަށް ހެޔޮތަކެތިން ރިޒްޤުދެއްވައި އެއިލާހު ޚަލްޤުކުރައްވާފައިވާ ގިނަތަކެތީގެ މައްޗަށް މަތިވެރިކުރެއްވިއެވެ. ކަރާމާތްތެރިކަން ލިބިގެންވާ އިންސާނުންގެ ނަސްލު ރައްކާތެރިކުރެއްވުމުގެ ގޮތުން ޒިނޭއާއި އެހެނިހެންވެސް ފާޙިޝް ޢަމަލުތައް ޙާރާމްކުރައްވައި، އިންސާނާގެ ޝަހުވަތުގެ އެދުންވެރިކަން ހެޔޮގޮތުގައި ފުއްދުމަށްޓަކައި ކައިވެނި ޝަރުޢުކުރެއްވިއެވެ.  

ﷲ ސުބުޙަނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. 

(وَمِنْ آيَاتِهِ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَاجًا لِّتَسْكُنُوا إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةً ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِّقَوْمٍ يَتَفَكَّرُونَ )(އައްރޫމް 21) 

މާނައީ: ތިޔަބައިމީހުންނަށްޓަކައި ހަމަތިޔަބައިމީހުންގެ ނަފްސުތަކުންތަކުން އަނބިން ހެއްދެވިކަމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ތިޔަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކައެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި، އޯގާވެރިކަން ލެއްވިއެވެ. ހަމަކަށަވަރުން، ފިކުރު ހިންގާ ބަޔަކަށް އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ. " "

ރަސޫލާ صلى الله عليه و سلم ޙަދީޘްކުރައްވާފައިވެއެވެ.  

(("يَا مَعْشَرَ الشَّبَابِ! مَنِ اسْتَطَاعَ مِنْكُمُ الْبَاءَةَ فَلْيَتَزَّوَجْ ، فَإِنَّهُ أَغَضُّ لِلْبَصَرِ، وَأَحْصَنُ لِلْفَرْجِ)) متفق عليه

މާނައީ: "އޭ ޒުވާނުންނޭވެ! ތިޔަބައިމީހުންގެ ތެރެއިން ކައިވެނިކުރުމަށް ކުޅަދާނަވެގެންވާމީހަކު ކައިވެނިކުރާހުށިކަމެވެ. ފަހެ، ހަމަކަށަވަރުން އެއީ ލޮލަށްވާ ފިނިކަމެކެވެ. އަދި ފަރުޖުތަކަށްވާ ސަލާމަތެކެވެ." 

ސުބުޙާނަހޫ ވަތަޢާލާ ޙަލާލުކުރެއްވި ކައިވެނީގެ ގުޅުމުން ޒަވާޖީ ޙަޔާތުގެ ދަތުރުފައްޓަންއެދޭ ލޮބުވެތި މުސްލިމް އަޚުންނާއި އުޚުތުންނޭވޭ! ތިޔަލޮބުވެތި އަޚުންނާއި އުޚްތުންނަކީ މުސްލިމުންކަމުގައިވާހިނދު، ޒަވާޖީ ޙަޔާތުގެ ދަތުރުވެސް ބިނާކުރަންވާނީ އިސްލާމީ ޝަރީޢަތުގައިވާގޮތަށް ކީރިތި ޤުރުއާނާއި މާތް ނަބިއްޔާ މުޙައްމަދު صلى الله عليه و سلم ޠާހިރު ސުންނަތާއި އެއްގޮތަށެވެ. އެހެންކަމުން މި މާތްގުޅުމުން ދިރިއުޅުން ފަށަންއެދޭ މުސްލިމް އަޚުންނާއި އުޚްތުން އެބައިމީހުންގެ ޢަމަލުތައް ބަހައްޓަންޖެހޭގޮތުގެ ތަފްޞީލު ތިރީގައި ބަޔާންކޮށްލެވޭތޯބާލާނަމެވެ. 

1- ކައިވެނީގެ ފުރަތަމަރޭ ދެމީހުން ބައްދަލުވާހިނދު، އަނބިމީހާއަށް އޯގާތެރިވުމާއި އަޅާލުން:

ފިރިމީހާ އޭނާގެ އަނބިމީހާއާއި ކުރިމަތިލާހިނދު، އަނބިމީހާއަށް އޯގާތެރިވެ އާޅާލުން މުސްތަޙައްބުވެގެންވެއެވެ. މިގޮތުން އަނބިމީހާއަށް ފޮނިއެއްޗެއް ނުވަތަ ބުއިމެއް ދިނުންހުއްޓެވެ. އަސްމާ ބިންތު ޔަޒީދު ބުން އައްސަކަން ގެ ޙަދިޘެއްގައިވެއެވެ.  

"قَالَتْ: إِنِّي قَيَّنْتُ عَائِشَةَ لِرَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ثُمَّ جِئْتُهُ، فَدَعَوْتُهُ لِجِلْوَتِهَا، فَجَاءَ، فَجَلَسَ إِلَى جَنْبِهَا، فَأُتِيَ بِعُسِّ لَبَنٍ، فَشَرِبَ ثُمَّ نَاوَلَهَا النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَخَفَضَتْ رَأْسَهَا وَاسْتَحْيَتْ. قَالَتْ أَسْمَاءُ: فَانْتَهَرْتُهَا وَقُلْتُ لَهَا: خُذِي مِنْ يَدِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَتْ: فَأَخَذَتْ، فَشَرِبَتْ شَيْئًا، ثُمَّ قَالَ لَهَا النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ: ” أَعْطِي تِرْبَكِقَالَتْ أَسْمَاءُ: فَقُلْتُ: يَا رَسُولَ اللهِ، بَلْ خُذْهُ، فَاشْرَبْ مِنْهُ، ثُمَّ نَاوِلْنِيهِ مِنْ يَدِكَ، فَأَخَذَهُ، فَشَرِبَ مِنْهُ، ثُمَّ نَاوَلَنِيهِ، قَالَتْ: فَجَلَسْتُ، ثُمَّ وَضَعْتُهُ عَلَى رُكْبَتِي، ثُمَّ طَفِقْتُ أُدِيرُهُ، وَأَتْبَعُهُ بِشَفَتَيَّ لِأُصِيبَ مِنْهُ مَشْرَبَ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، ثُمَّ قَالَ لِنِسْوَةٍ عِنْدِي: " نَاوِلِيهِنَّفَقُلْنَ: لَا نَشْتَهِيهِ، فَقَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ: ” لَا تَجْمَعْنَ جُوعًا وَكَذِبًا (أخرجه أحمد)

މާނައީ: އެކަމަނާ ވިދާޅުވިއެވެ. ހަމަކަށަވަރުން ތިމަން، ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ އަރިހަށް ގެންދިޔުމަށްޓަކައި، ޢައިޝަތުގެފާނު ޒީނަތްތެރިކޮށްދެއްވީމެވެ. ދެން ތިމަން އެކަލޭގެފާނުގެ އަރިހަށް އައިސް، އެކަލޭގެފާނުގެ އަރިހުގައި އެކަމަނާ ކަޝްފުކުރެވިގެންވާ ޙާލު ބައްލަވާލެއްވުމަށް ދެންނެވީމެވެ. އެކަލޭގެފާނު ވަޑައިގެން އެކަމަނާގެ އަރިހުގައި އިށީންދެވަޑައިގެން އިންނަވައިފިއެވެ. ދެން ބޮޑު ކިރުތައްޓެއް ގެނެވުނެވެ. އެއިން އެކަލޭގެފާނު ހިއްޕެވުމަށްފަހު އެކަމަނާއަށް އެއިން ދެއްވިއެވެ. ދެން އެކަމަނާ އިސްތަށުފުޅު ތިރިކުރެއްވިއެވެ. އަދި ލަދުފުޅުގަތެވެ. އަސްމާގެފާނު ވިދާޅުވިއެވެ. ފަހެ، ތިމަން އެކަމަނާއަށް ބާރަށް އެއްޗެއްބުނީމެވެ. އަދި ތިމަން އެކަމަނާއަށް ދެންނެވީމެވެ. ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ އަތްޕުޅުން (ކިރުފޮދު) ހިއްޕަވާށެވެ. އަސްމާގެފާނު ވިދާޅުވިއެވެ. ދެން އެކަމަނާ އެތަށިން މިންވަރެއް ހިއްޕެވިއެވެ. ރަސޫލާ  صَلَّى اللهُ عَلَيْهِ وَسَلَّمَ  އެކަމަނާއަށް ވިދާޅުވިއެވެ. ކަމަނާގެ އެކުވެރިޔާއަށްވެސް ދެއްވާށެވެ. އަސްމާގެފާނު ވިދާޅުވިއެވެ. ތިމަން ދެންނެވީމެވެ. އޭ ﷲގެ ރަސޫލާއެވެ! އަދި ކިއެއްތޯއެވެ. ކަލޭގެފާނު އެތަށިންނަންގަވާ އެއިން ހިއްޕަވާށެވެ. ދެން(އެއަށްފަހު) ކަލޭގެފާނުގެ އެ އަޅުގަނޑަށް ދެއްވާށެވެ. އެކަލޭގެފާނު އެތަށިނަންގަވައި، އެއިން މިންވަރެއް ހިއްޕެވުމަށްފަހު، އަހުރެންނަށް ދެއްވިއެވެ. އަސްމާގެފަނު ވިދާޅުވިއެވެ. ދެން ތިމަން އިށީންދެ، ތިމަންގެ ކަކޫމަތީގައި އެތަށި ބަހައްޓައިފީމެވެ. އެއަށްފަހު، އެބުއިމާއިގެން ކުރިޔަށް ދިއުމަށްޓަކައި އެތަށިނަގާ ކޮންމެހެންވެސް އެކަލޭގެފާނު ހިއްޕެވި އެއްޗަކުން (އެހިއްޕެވި ދިމާއަކުން) ބުއިމަށްޓަކައި އޭގައި ތުންފަތްޖެހީމެވެ. ދެން އެއަށްފަހު ތިމަންކައިރީގައި ތިބި އަންހެން ބޭކަނބަލުންނަށް (ނިސްބަތްކުރައްވައި) އެކަލޭގެފާނު ޙަދިޘްކުރެއްވިއެވެ. އެކަނބަލުންނަށްވެސް ދެއްވާށެވެ. ދެން އެކަނބަލުން ދެންނެވިއެވެ. އަޅުގަނޑުމެން އެބޯހިތެއް ނުވެއެވެ. ދެން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ބަނޑުހައިހޫނުކަމާއި ދޮގުހެދުމާއި (ދެކަން) އެއްނުކުރައްވާށެވެ."

 

އައްޝައިޚު ޢަބްދުލްމަތީން ޢަބްދުލްމަޖީދުގެ ލިޔުއްވުމަކުން

 

މިއަދު އޮންލައިން