ގިނަމީހުން ބުނާނީ ކައިވެންޏަށް އެދެން އަދިވެސް ގިނަ އަންހެނުން ލަދުވެތިވާކަމަށެވެ. ނަމަވެސް އާދަ އަންނަނީ ބަދަލުވަމުންނެވެ. ރަނގަޅަށް ބަލައިފިނަމަ އެމީހަކު ހިތްހަމަޖެހޭ ފިރިހެނަކު ފެނުމުން ކައިވެންޏަށް އެދެން ފަސްޖެހޭ އަންހެނުން މިހާރު މަދުނޫންކަމަށްވެސް އަނެއް ބައަކު ބުނެއެވެ. މިބަހުސްއަށް ދާކަށް ނެތީމެވެ.
ބުނެލަން ބޭނުންވަނީ އަޚްލާޤް ރަނގަޅު ދީންވެރި ދިރިއުޅެން މަސައްކަތްކުރާ ތެދުވެރި ފިރިހެނަކަށް އަންހެނަކު އިސްވެ ކައިވެނިކުރަން ހުށަހެޅުމަކީ އެއްވެސް މައްސަލައެއް ނޫން ކަމަށެވެ. އެއީ ކުރަން ލަދުގަންނަން ޖެހެންވީ ކަމެއްވެސް ނޫނެވެ. އަދި އެއީ އެހެން މީހުން އެކަމާއި ބެހި މަލާމާތްކުރަންޖެހެންވީ ކަމެއްވެސް ނޫނެވެ.
އަހުރެން ދެކޭ ގޮތުގައި ދުނިޔޭގައި ކުރެވުނު އެންމެ ބޮޑު އަދި އެންމެ މަތިވެރި ކައިވެނިފުޅަކީ އަހުރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ފުރަތަމަ ކައިވެނިފުޅެވެ. މިއުންމަތުގެ މައިކަންބަލުންގެގެތެރެއިން ޚަދީޖަތުގެފާނާއި ކުރެއްވެވި ކައިވެނިފުޅެވެ. އެކައިވެނިފުޅަށް އިސްނެންގެބީ ޚަދީޖަތުގެފާނެއެވެ.
އެއިރު ޚަދީޖަތުގެފާނަކީ ޢުމުރުފުޅުގެ ގޮތުން ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމައަށްވުރެ 15 ވަރަކަށް އަހަރު ދޮށީ ބޭކަނބަލެކެވެ. މިކަމުން އަންގައިދެނީ ޢުމުރުން ދުވަސްވީ އަންހެނަކު ޢުމުރުން ހަގު ފިރިހެނަކާއި ކައިވެނިކުރަން ބޭނުންވުމަކީވެސް މައްސަލައެއް ނޫންކަމެވެ. ވީމާ ޢުމުރުގެ ތަފާތަށް ބަލައިގެން ފުރައްސާރަކުރުމުގެ ޙައްޤެއްވެސް ނެތެވެ. އެހެން ނޫނަސް އެއީ އެހެން މީހުން ބެހެންޖެހެންވީ މައްސަލައެއްވެސް ނޫނެވެ.
އޮތީ ހަމައެންމެ މައްސަލައެކެވެ. ތެދުވެރިކަމާއި ވަފާތެރިކަމާއި އަމާނާތްތެރިކަމުގެ މައްސަލައެވެ. އެއީ ސުންނަތެއް ކަމަށް ބަލައިގެން ޢުމުރުގެ ތަފާތު ބޮޑުކޮށް ކައިވެނިކޮށްފައި ސުންނަތުން ފެންނަން އޮތްގޮތަށް ދެމަފިރިންގެ ޢަމަލުތައް ނުބެހެއްޓޭ މައްސަލައެވެ. އިސާހިތަކު ކުރިންވި ވޢުދުތަކާއި އަހުދުތައް އުވާލައި އެމީހަކަށް ފައިދާހުރި ގޮތަކަށް އުޅެންފެށޭކަމެވެ.
ހަމައެކަނި ކައިވެނިކުރަން ސުންނަތަށް ޢަމަލުކޮށްފައި ކައިވެންޏަށްފަހު ސުންނަތަށް ޢަމަލުނުކުރާނަމަ އެދައްކަނީ ކޮން ސުންނަތެއްގެ ވާހަކަ ހެއްޔެވެ؟ ޢުމުރުގެ ތަފާތުބޮޑުކޮށްވިޔަސް ނުވަތަ އެއް ޢުރަކުންވިޔަސް ކައިވެނިކޮށްފައި ނިކަން ސުންނަތުގައި އޮތްގޮތަށް ދިރިއުޅެބަލާށެވެ! ކުޅަދާނަކަން ހުރިނަމަ ގިނަ އަނބިންނާއި ކައިވެނިކޮށްފައިވެސް ސުންނަތަށް ޢަމަލުކޮށްބަލާށެވެ! އެއިރުން ޖެހޭނެ އެއްވެސް މައްސަލައެއް ނުއޮންނާނެއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން