ސުންނަތަށް ޢަމަލުކުރުމަކީ ބުރަކަމެއް ނޫން! ލިބެން އޮތް ފައިދާގެ ބޮޑުކަން އެނގި ޢަމަލު ކުރަން ފަށައިފިނަމަ ހުއްޓާލަން ބޭނުމެއްވެސް ނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 8ސ
ސުންނަތަށް ޢަމަލުކުރުމަކީ ބުރަކަމެއް ނޫން! ލިބެން އޮތް ފައިދާގެ ބޮޑުކަން އެނގި ޢަމަލު ކުރަން ފަށައިފިނަމަ ހުއްޓާލަން ބޭނުމެއްވެސް ނުވާނެ!

ކައު އިތުރު ރަސޫލާ މުޙައްމަދު ﷺ ގެ ސުންނަތަށް ޢަމަލުކުރުން މިއަދުމިވަނީ އަހަރެމެންގެ ތެރެއިން ގިނަ ބައަކަށް ވަރަށް ބުރަކަމަކަށްވެފައެވެ. ޙަޤީޤަތުގައި އެއީ އެއްވެސް ބުރަކަމެއް ނޫނެވެ. ކުރާހިތުން ކުރަންފަށައިފިނަމަ އެމީހަކަށް ވަރަށް ލުއިކަމެކެވެ. ނުކޮށް ނުހުރެވޭވެސް ކަމެކެވެ.

އެއް ދުވަހަކު އިމާމް މީހާ ޚުޠުބާ ވިދާޅުވަމުން ވިދާޅުވިއެވެ.

"އޭ މިސްތަކުންނޭވެ! ތިއަބައިމީހުންގެ އަމިއްލަ ނަފުސްތަކަށްވުރެ ކުރިއަށް ﷲ ތަޢާލާ އަށާއި މުޙައްމަދު ރަސޫލް (ﷺ) އަށް ލޯބިކުރުން ކުރިއަށް ނެރޭށެވެ. އަހަރެމެންގެ ތެރެއިން ކޮންމެ މީހަކުވެސް ބުނާނީ ތިމަންނާއަކީ ރަސޫލް (ﷺ) ދެކެ ވަރަށް ބޮޑަށް ލޯބިވާ މީހެއް ކަމަށެވެ.

ކޮންމެ މީހަކު ވެސް މީހަކު ދެކެ ލޯބިވާނަމަ އަދި އެމީހަކަށް ކިޔަމަންތެރިވާނަމަ އެމީހާ ކުރަން ބުނާ ކަންކަން ކުރާނެ ނޫން ހެއްޔެވެ؟ ނަމަވެސް ރަސޫލް (ﷺ)ގެ ސުންނަތުގައި ހިމެނޭ ކަންކަން ކުރަމުތޯ ސުވާލުކޮށްފިނަމަ ގިނަ ބައަކަށް ބުނެވެނީ ނުކުރާ ކަމަށެވެ. އެއީ ސުންނަތަކަށްވާތީ ނުކޮށް ދޫކޮށްލެވިފައިވާ ކަމަށެވެ. އެހެންކަމަށްވާނަމަ ރަސޫލް (ﷺ) ދެކެ އެވެވެނީ ކޮން ލޯތްބެއް ހެއްޔެވެ؟

އޭ އީމާންވެގެން ތިބި މީސްތަކުންނޭވެ! ކީރިތި ރަސޫލާ މުޙައްމަދު (ﷺ)ގެ ސުންނަތުގައި ހިމެނޭ އަހަރެން މިކިޔާ މަދު ކަންކަމުގެ ތެރެއިން ތިއަބައިމީހުންނަށް އަމަލުކުރެވެނީ ކިތައް ކަންތަކަށް ހެއްޔެވެ؟

1 އަވަހަށް ނިދުމާއި ފަތިހު ހޭލުން 2. މީސްތަކުންނާއި ބައްދަލުވާހިނދު ހިނިތުންވެ ސަލާމްކުރުން

3. މިސްވަކުން ދަތް އުނގުޅުން

4. ގޮހޮރުގެ ތިންބައިކުޅަ އެއްބައަށް ކެއުން،

5. ހެޔޮ ބަހެއް ނޫނީ ނުބުނުމާއި މީހުން ދައްކާ ވާހަކަ ކަނުލައި އަޑުއެހުން

6. ބަލި މީހުންނަށް ޒިޔާރަތްކުރުމާއި ބަލި މީހުންނަށް ހެޔޮ ދުޢާކުރުން

7. ކެއުމުގެ ކުރިން ބިސްމިﷲ ކިޔުން،

8. ކެއުމުގެ ކުރިން އަތް ދޮވުން

9. ކެއުމަށްފަހު ދެއްވެވި ރިޒްޤަށް ޝުކުރުކޮށް ﷲ ތަޢާލާއަށް ދުޢާ ކުރުން

10. ގެއަށް ވަދެ ނުކުންނައިރު ޛިކުރު ކިޔުން

11. ކަނާތް ފަޅިއަށް ނިދަން އޮތުން

12. ނިދީން ހޭލެވުމާއިއެކު ﷲ ތަޢާލާއަށް ޙަމްދުކޮށް ދުޢާކުރުން

13. ފައިވާނަށް އަރާއިރު ކަނާތު ފައި އިސްކުރުމާއި ފައިވާނުން ފައިބާއިރު ވައަތުފައި އިސްކުރުން.

ކޮންމެ މީހަކުވެސް މިކަންކަން އެމީހަކަށް ކުރެވޭ މިންވަރާއިމެދު ނިކަން އަމިއްލަ ނަފްސާއި ސުވާލުކޮށްލައިބަލާށެވެ! ކުރެވެނީ ކިތައް ކަންތައްކަން ބަލައި ކުރެވޭ ކަންކަމުގައި އިތުރަށް ސާބިތުވުމާއިއެކު ވީވަރަކުން ނުކުރެވޭ ކަންކަން ކުރަން މަސައްކަތްކޮށްބަލާށެވެ!

މީސްތަކުންނޭވެ! ރަސޫލް (ﷺ)ގެ ސުންނަތަށް އަމަލުކުރި މިންވަރަކުން ނޫނީ ކާމިޔާބީއެއް ނުލިބޭނެއެވެ. ރަސޫލް (ﷺ)ގެ ސުންނަތުގައި ހިމެނޭ ކޮންމެ ކަމަކީވެސް އެކަމެއް ކުރުމުން ތިމާއަށް މިދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް ފައިދާކުރާނެ ކަންކަމެވެ. ރަސޫލް (ﷺ) ދެކެ ލޯބިވުމަކީ އިތުރު އެކަލޭގެފާނުގެ ސުންނަތަށް އަމަލުކުރުމެވެ."

ޚުޠުބާ އަޑުއަހަން މީހަކު ހިސާބު ހަދަލިއިރު އޭނާއަށް ޢާންމުކޮށް ކުރެވެނީ އެންމެ 3 ކަންތަކެވެ. އެހެންކަމުން އިތުރު ކަންތައްތައް ކުރަން އޭނާ އަޒުމް ކަނޑައެޅިއެވެ. އަދި އެކަމަށް މަސައްކަތް ފެށިއެވެ.

އެއިގެ 2،3 މަސްދުވަސް ފަހުން އިމާމް ޢާއި ބައްދަލުވެގެން އޭނާ ދެންނެވިއެވެ. "އިމާމްއެވެ. މިއުޅެނީ އިމާމް ކުރީ ދުވަހު ދެއްވި ޚުޠުބާގައި ވިދާޅުވި ގޮތަށް ސުންނަތަށް އަމަލުކުރަން މަސައްކަތް ފަށައިގެންނެވެ. އެއިރު އަޅުގަނޑަށް އަމަލުކުރެވެނީ އިމާމެ ވިދާޅުވި ކަންކަމުގެ ތެރެއިން އެންމެ 3 ސުންނަތަކަށެވެ. ނަމަވެސް މިހާރު 25 ސުންނަތަށް އަމަލުކުރަމެވެ. އެއްކަމެއް އިތުރުކޮށްލާއިރަށް އެހެން ކަމެއް އިތުރުކޮށްލާ ހިތް ހަމަ ވަނީ އެވެ. އިމާމް އެވެ. އަޅުގަނޑަށް އިތުރު ސުންނަތެއް ބަޔާންކޮށް ދެއްވަފާނަންތޯއެވެ!"

ކައު އިތުރު ރަސޫލާ (ﷺ)ގެ ސުންނަތަށް އަމަލުކުރުމަކީ މިފަދަ ކަމެކެވެ. އެއީ ހަމަ ދެވިހިފާ ކަމެކެވެ. ބޭނުންވާނީ ހިތްވަރާއިއެކު އަމަލުކުރަން ފެށުމެވެ. ހިތްވަރާއިއެކު އަމަލުކުރަން ފަށާއިރަށް އެކަމަށް ހިތްވަރު ލިބި މަގުތައް ދާނީ ފަހިވަމުންނެވެ. އަދި ކީއްހެއްޔެވެ؟ އެއީ އެމީހަކަށް ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުމާއި މަލާއިކަތުންގެ ލޯބި ލިބުމުގެ އިތުރުން މުސްލިމުންގެ ލޯބިލިބުންވެސް އިތުރުވެގެންދާނެ ކަމެކެވެ. އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން