ދަމުނަމާދަށް ނުހޭލާ މީހަކަށް ތިމާއަކީ ﷲ ތަޢާލާގެޙަޟްރަތަށް ލޯބިވާ މީހަކު ކަމަކަށް ނުބުނެވޭނެ!: ޢުމަރު ސުލައިމާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ދަމުނަމާދަށް ނުހޭލާ މީހަކަށް ތިމާއަކީ ﷲ ތަޢާލާގެޙަޟްރަތަށް ލޯބިވާ މީހަކު ކަމަކަށް ނުބުނެވޭނެ!: ޢުމަރު ސުލައިމާން

ފުރަތަމަ ކަމަކަށް ދުނިޔަވީ ގޮތުން ވިސްނާށެވެ! އެއްވެސް މީހަކު ދެކެ ލޯބިވެގެން އުޅޭނަމަ އަދި ދެމީހުން ބައްދަލުކުރަނީ ރޭގަނޑުކަމަށްވާނަމަ އަބަދު ހުންނާނީ އިރު ނުއޮއްސިގެން ކަންބޮޑުވެވިފައެވެ. އިރުއޮއްސޭއިރަށް ހުންނާނީ ބައްދަލުކުރަން ކަނޑައަޅާފައި އޮތް ވަޤުތު ނުޖެހިގެން ކަންބޮޑުވެވިފައެވެ. އެވަޤުތު ޖެހުން ލަސްވެފައެވެ. 

ދެން ބަލައިލަންވީ އަހުރެމެން އެފަރާތަކަށް އެންމެ ބޮޑަށް ލޯބިވާންޖެހޭ ﷲ ތަޢާލާގެ ޙަޟްރަތަށް ބައްދަލުކުރުމާއިމެދުގައެވެ. އެކަމުގެ އެންމެ މުހިންމު ވަޤުތު ފެށިގެން މިއަންނަނީ ރޭގަނޑުގެ 3 ބައިން ފަހުބައި ފެށުމުންނެވެ. ވަޤުތު ދެމިގެންދަނީ ފަތިސްވުމާއި ހަމައަށެވެ. 

މިހައި ގިނަ ވަޤުތު ދެއްވެވުމުންވެސް ހޭލައި ރޭއަޅުކަންކޮށް ﷲ ތަޢާލާ އާއި ކުއްތަންވާން މަސައްކަތްނުކުރާ މީހަކަށް ތިމާއެންމެ ބޮޑަށް ލޯބިވަނީ ﷲ ތަޢާލާގެ ޙަޟްރަތަށް ކަމަށް ބުނެވޭނީ ކިހިނަކުން ހެއްޔެވެ؟ ތިމާ އެންމެ ބޮޑަށް ލޯބިވަނީ ﷲ ތަޢާލާގެ ޙަޟްރަތަށް ކަމުގައިވާނަމަ ﷲ ތަޢާލާ އެންމެ ބޮޑަށް ލޯބިވެވޮޑިގަންނަވާ ސުންނަތް އަލުކަން ނުކޮށް ނިދާފައި އޮވެވޭނީވެސް ކިހިނަކުން ހެއްޔެވެ؟ 

އަދިވެސް ކީއްހެޔެވެ؟ ރޭއަޅުކަންކުރާ މީހުން ޤިޔާމަތް ތިބޭނީ އެންމެ އުފަލިގައިކަން އެނގޭއިރުގައިވެސްމެއެވެ. އަދި ރޭއަޅުކަންކުރާ މީހުންނާއިމެދު ﷲ ތަޢާލާ ފަޚުރުވެރިވެވޮޑިގހަންނަވާކަން އެނގޭއިރުގައިވެސްމެއެވެ. 

އެކުވެރިންނޭވެ! ތިމާ އެންމެ ލޯބިވާ ފަރާތަކީ ﷲ ތަޢާލާގެ ޙަޟްރަތްކަން ޢަމަލުން ދައްކާށެވެ. ތިބާގެ ހުރިހާ ކަމަކަށްވެސް ކުރިއެރުމާ ކާމިޔާބީއާ އުފާވެރިކަން ދެއްވަވާނެތެވެ. އިން ޝާ ﷲ

 

- އިމާމް ޢުމަރު ސުލައިމާންގެ ދަރުސަކުން

 

މިއަދު އޮންލައިން