ކައިވެނީގެ ފުރަތަމަރޭގެ އަދަބުތައް- 3: ދެމަފިރިން އެކީގައި ނަމާދުކުރުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 55ސ
ކައިވެނީގެ ފުރަތަމަރޭގެ އަދަބުތައް- 3: ދެމަފިރިން އެކީގައި ނަމާދުކުރުން

ދެމަފިރިން އެކީގައި ނަމާދުކުރުން: 

ދެމަފިރިން އެކީގައި 2 ރަކުޢަތް ނަމާދެއްކުރުމަކީ މުސްތަޙައްބުވެގެންވާ ކަމެކެވެ. ކުރީގެ ހެޔޮލަފާ ބޭކަލުން ( ސަލަފުއް ޞާލިޙުން)ގެ  ފަރާތްޕުޅުން ނަޤުލުވެފައިވާ ގޮތަކީ އެއީއެވެ. 

1- އަބޫ އުސައިދުގެ ޞާޙިބާ އަބޫ ސަޢީދު ވިދާޅުވިއެވެ. އަޅެއްގެ ގޮތުގައި ތިމަންވަނިކޮށް ކައިވެނިކުރީމެވެ. ދެން ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ބައެއް އަޞްޙާބުންނަށް ތިމަން ދަޢުވަތު ދިނީމެވެ. އެ ބޭކަލުންގެތެރޭގައި ޢަބްދުﷲ ބުނު މަސްޢޫދާއި އަބޫ ޛައްރު އާއި ޙުޒައިފާ ހިމެނިވަޑައިގަންނަވައެވެ. އަބޫ ސަޢީދު ވިދާޅުވިއެވެ. އެހިނދު ނަމާދަށް ޤަމަތްދެވިއްޖެއެވެ. އަބޫ ސަޢީދު ވިދާޅުވިއެވެ. ދެން އަބޫޛައްރު (ނަމާދުގައި އިމާމް ކަމުގައި ވުމަށް) އިސްވެވަޑައިގެންނެވުމަށްޓަކައި ދިމާކުރެއްވިހިނދު އެބޭކަލުން ވިދާޅުވިއެވެ. ކަލޭގެފާނު ދުރަށްޖެހިވަޑައިގަންނަވާށެވެ. އަބޫ ސަޢީދު ވިދާޅުވިއެވެ. އެކަންއޮތީ ހަމައެގޮތަށްތޯއެވެ؟ އެބޭކަލުން ވިދާޅުވިއެވެ. އާދޭހެވެ. އަބޫސަޢީދު ވިދާޅުވިއެވެ. ތިމަން މިލްކުވެގެންވާ އަޅެއްކަމުގައި ވީހިނދުވެސް އެބައިމީހުންގެ އިމާމަކަށްވުމަށް އިސްވީމެވެ. އަދި އެބޭކަލުން ތިމަންނާއަށް އުނގަންނަވައިދެއްވާ ވިދާޅުވިއެވެ. ކަލޭގެފާނުގެ އަނބިމީހާ ކަލޭގެފާނުގެ އަރިހަށް ވަދެއްޖެނަމަ ފަހެ ދެ ރަކުޢަތް ނަމާދެއް ކުރައްވާހުށިކަމެވެ. ކަލޭގެފާނުގެ އަރިހަށް އޭނާ ވަނުމުގެ ހެޔޮގޮތަށް ﷲ ގެ ޙަޟްރަތުން އެދިލައްވާށެވެ. އަދި އެކަމުގައި ވާ  ނުބައިކަމަކުން ސަލާމަތްކުރެއްވުމަށްވެސް އެއިލާހުގެ ހަޟްރަތުން އެދިވަޑައިގަންނަވާށެވެ. ދެން ތިބާގެ ކަންތަކާއި ތިބާގެ އަނބިމީހާގެ ކަންތައް ކުރިޔަށް ގެންދާށެވެ." 

2- ޝަޤީޤު އަރިހުން ރިވާވެގެންވެއެވެ.  އަބޫ ޙަރީޒް ކިޔާ ބޭކަލެއް ވަޑައިގެންވިދާޅުވިއެވެ. ހަމަކަށަވަރުން ތިމަން ބިކުރުވެރި، ޒުވާން ޖާރިޔާއަކާއި ކައިވެނިކޮށްފީމެވެ. ނަމަވެސް ތިމަން ބިރުހީވަނީ ތިމަންނާޔަށް އޭނާ ނަފްރަތުކޮށްފާނެތީއެވެ. ދެން ޢަބްދުﷲ ބުން މަސްޢޫދު ވިދާޅުވިއެވެ. ހިތްހަމަޖެހުން އަންންހުށީ ﷲ ގެ ހަޟްރަތުންކަން ކަށަވަރެވެ. އަދި ރުޅިވެރިކަން އަންނަހުށީ ޝައިޠާނާގެ ފަރާތުންނެވެ. މާތް ﷲ ތިޔަބައިމީހުންނަށް ޙަލާލުކޮށްދެއްވި ކަންތަކަށް ނަފްރަތުކުރުވަން އެޝައިޠާނާ ބޭނުންވާނެއެވެ. ފަހެ، އެއަންހެނާ ތިބާގެ ކައިރިޔަށް އަންނަހިނދު، ތިބާގެ ފަހަތުގައި ދެ ރަކްޢަތް ނަމާދެއްކުރަން އޭނާއަށް އަމުރުކުރައްވަށެވެ." 

ޢަބްދުﷲ ބުނު މަސްޢޫދުގެ އަރިހުން ވާރިދުވެގެންވާ އެހެން ރިވާޔަތެއްގައި އިތުރަށް އައިސްފައިވެއެވެ. ތިބާ މިހެން ކިޔާށެވެ. "اللَّهُمَّ بَارِكْ لِي فِي أَهْلِي، وَبَارِكْ لَهُمْ فِيَّ، اللَّهُمَّ اجْمَعَ بَيْنَنَا مَا جَمَعْتَ بِخَيْرٍ، وَفَرِّقْ بَيْنَنَا إِذَا فَرَّقْتَ إِلَى خَيْرٍ" 

އައްޝައިޚު ޢަބްދުލްމަތީން ޢަބްދުލްމަޖީދުގެ ލިޔުއްވުމަކުން

 

މިއަދު އޮންލައިން