ކައިވެނީގެ އުފާވެރިކަން އެންމެ ބޮޑަށް ގުޅިފައިވާ އެއްކަމަކީ މާލީޙާލަތެވެ. ލިބޭ އާމްދަނީ އާއި އެއްފެންވަރުގެ ދިރިއުޅުމެއް އުޅުމެވެ. ލިބޭ އާމްދަނީން ނުފުދޭނަމަ ކުރިމަތިވާ މައްސަލަތައް ވަރަށް ގިނަވާނެއެވެ.
ވީމާ އަންތބަކު އިޚްތިޔާރުކުރާއިރު ފުރަތަމަ ކަމަކަށްވެސް އޭނާ ދިރިއުޅެން ބޭނުންވާ ފެންވަރު ދެނެގަންނަން ޖެހޭނެއެވެ. އޭނާއަކީ ތިމާއަށް ލިބޭ އާމްދަނީއިން ފުއްދައިގެން ދިރިއުޅޭނެ އަންހެނެއްކަން ކަށަވަރުކުރަންވާނެއެވެ.
އެކަން ކުރެވޭނީ ތިމާގެ މާލީ ޙާލަތު ނުވަތަ އާމްދަނީ ލިބޭވަރު ތެދަށް ބުނެގެންނެވެ. ކޮންމެ ގޮތަކުން ނަމަވެސް އޭނާ އާއި ކައިވެނިކުރަން ބޭނުންވެ ތިމާގެ ޙަޤީޤަތް އޮޅުވާލައިގެން ކައިވެނިކޮށްފިނަމަ އެކަން އޮންނާނީ ފޫނުބެއްދިފައެވެ.
މިޒަމާނުގައި ދެމީހުން ވާހަކަދައްކާލަންވެސް ގިނަމީހުން ދާނީ ރެސްޓޯރަންޓެއް ފަދަ ތަނަކަށެވެ. އެފަދަ ތަނަކަށް ގޮސްފައި އޭނާ އޯޑަރުކުރާ ތަކެއްޗަށާއި ޢަދަދަށް ބަލާށެވެ. އަދި އޭނާ ޝައުޤުވެރިވާ ފޭރާމާއި ގަހަނާ ފަދަ ތަކެއްޗަށް ބަލާށެވެ. އެއިރުންވެސް ވަރަށް ގިނަ ކަންކަން އޮޅުންފިލާނެއެވެ.
ހިތާމައަކީ ގިނަމީހުން ލޯބިވެގެންއުޅޭއިރު އެއްވެސް ވަރަކަށް މިކަންކަމަށް ނުވިސްނާކަމެވެ. އަދި ތިމާގެ ފެންވަރު ބުނެ ނުދޭކަމެވެ. ދަރައިގެންވެސް ލޯބިވެރިޔާ އެދޭކަންކަން ކޮށްދެވޭކަމެވެ. ކްރެޑިޓްކާޑުގެ ލިމިޓް ހަމަވެ ބޭންކުން ފަހައިގަންނަހިސާބަށްދާއިރުވެސް ޚަރަދުކުރެވޭކަމެވެ.
ބައެއް އަންހެންކުދިން ކައިވެނީގެ ކުރިން ކަންކަމު ނުއެދެން ތިބެއެވެ. އެއީ އެކަންކުރަން އޮތްގޮތްވެސްމެއެވެ. ނަމަވެސް މައްސަލައަކަށްވަނީ ފިރިހެނުން އިސްނަގައިގެންވެސް ކަންކަން ކޮށްދޭން ހުށަހަޅައި އަދި ކަންކަން ކޮށްދޭތީއެވެ.
ވީމާ ބުނެލަން ބޭނުންވަނީ ކައިވެނިކުރާއިރު ތިމާގެ މާލީ ފެންވަރު ޤަބޫލުކުރާ، ލިބޭ އާމްދަނީން ފުއްދައިގެން ދިރިއުޅޭނެ އަންހެނަކު އިޚްތިޔާރުރާށެވެ. ނޫންނަމަ މައްސަލަ ޖެހުން އޮންނާނީ ދާދި ގާތުގައެވެ.
- އަލަފް / މިއަދުނޫސް