ރަސޫލް ޞައްލﷲ ޢަލައިހި ވަސައްލަމަގެ އަރިއަހުން ނަޞޭޙަތްޕުޅަކަށް އެދިވަޑައިގެން ދެންންވި ޒުވާން ޞަޙާބީއަކު 3 ފަހަރަށް ތަކުރާރުކޮކުރައްވައި އެދިވަޑައިގަތުމުންވެސް ޙަދީޘްފުޅު ކުރެއްވެވީ ރުޅި ކޮންޓްރޯލްކުރުމަށެވެ.
ފަހަރެއްގައި އެގޮތަށް ޙަދީޘްފުޅު ކުރެއްވެވީ އެޒުވާނާއަކީ ރުޅި ގަދަ ރުޅި ކޮންޓްރޯލްނުކުރެވޭ ބޭކަލަކުކަން ރަސޫލް ޞއްލަﷲ ޢަލައިހިވަސައްލަމައަށް އެނގިވަޑައިގަންނަވާތީ ކަމަށވެސްވެދާނެއެވެ.
ކޮންމެއަކަސް ރުޅި ކޮންޓްރޯލުކުރުމަކީ ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަންތަކެވެ. ބައެއް މީޙުންނަށް އަމިއްލް ގޭތެރޭގައި ރުޅިގަދަކުރެވެއެވެ. ވަޒީފާގެ މާޙައުލުގައި ރުޅިގަދަކުރެވެއެވެ. އެންމެ ގާތް އެކުވެރިންނާއިއެކުގައި ހުރެފައިވެސް ރުޅިގަދަކުރެވެއެވެ. އަދި ބައެއް މީހުންނަށް މިސްކިތްތަކުގައިވެސް އެބަ ރުޅިގަދަކުރެވެއެވެ.
ރުޅިއަކީ އިންސާނާގެ ޠަބީޢަތުގައި ލައްވަވާފައިވާ ކަމަކަށްވުމުން ކޮންމެ މީހަކަށްވެސް ރުޅިއައުދެވޭނެއެވެ. އެއީ މައްސަލައެއްވެސް ނޫނެވެ. މައްސަލައަކަށްވަނީ ރުޅި ކޮންޓްރޯލްނުކުރެވުމެވެ. ރުޅިކޮންޓްރޯލު ނުކުރެވުމުން ކުރެވޭ ނުބައި ޢަމަލުތަކެވެ. ބުނެވޭ ނުބައިބަސްތަކެވެ.
ފަސޭހައިންރުޅި އާދެވޭ އަދި ރުޅި ކޮންޓްރޯލްނުކުރެވޭ ސަބަބުތަކުގެ ތެރޭގައި ޞިއްޙީ މައްސަލަތައްވެސް ހިމެނެއެވެ. ވީމާ ރުޅިކޮންޓްރޯލްނުކުރެވޭނަމަ ޑޮކްޓަރަކަށް ދައްކައިގެން ޝިފާހޯދަންވެސް މަސައްކަތްކުރަންޖެހޭނެއެވެ. އަދި އެކަމަށް އެމީހާއަށް ކުރެވެންހުރި މަސައްކަތްތައްވެސް ކުރަންޖެހޭނެއެވެ.
ރުޅި ކޮންޓްރޯލްކުރަން ކުރަންހުރި ކަންތައްތަކުގެ ތެރޭގައި ރުޅިއައުމުން އައޫޛްކިޔުމާއި، ވުޟޫކުރުމާއި، ބަސްނުބުނެ ހިނދުކޮޅަކު މަޑުކޮށްލުމާއި، ކޮޅަށް ހުއްޓައި ރުޅި އަތުވެއްޖެނަމަ އިށީނުމާއި އިށީނދެ އިންދައި ރުޅިއަތުވެއްޖެނަމަ އޮށޯވެލުން ނުވަތަ ތަނެއްގައި ލެގިލުމާއި ރުޅިއައުމަކީ ޝައިޠޯނާގެ ސަބަބުން މެދުވެރިވާ ކަމެއްކަން ހަނދުމަކޮށް ﷲ ތަޢާލާގެ މަތިން ހަނދުމަކުރުމާއި ޛިކުރުކުރުން ފަދަ ކަންކަން ހިމެނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން