ﷲ ތަޢާލާ ޙަރާމްކުރައްވަވާފައިވާ އެއްވެސް ކަމެއް ކޮށްގެން ލޯބި އިތުރެއް ނުކުރެވޭނެ! ޒަވާޖީ ޙަޔާތަށް އުފާވެރިކަމެއްވެސް ނުހޮދޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ﷲ ތަޢާލާ ޙަރާމްކުރައްވަވާފައިވާ އެއްވެސް ކަމެއް ކޮށްގެން ލޯބި އިތުރެއް ނުކުރެވޭނެ! ޒަވާޖީ ޙަޔާތަށް އުފާވެރިކަމެއްވެސް ނުހޮދޭނެ!

ކޮންމެ ބައެއްގެ ތެރޭގައިވެސް ނުރަނގަޅު ބައަކު އުޅޭނެއެވެ. ދީނުގައި މަނާ ކަންތައްތަކާއި ޤާނޫނުގައި މަނާ ކަންކަން ކުރާމީހުން އުޅޭނެއެވެ. ހުރިހާ ދާއިރާތަކެއްގައިވެސް އެފަދަ މީހުން އުޅޭނެއެވެ. އެއީ ކަންބޮޑުވާންޖެހެންވީ ކަމެއް ނޫނެވެ. ނަމަވެސް ސަމާލުކަންދޭންޖެހެންވީ ކަމެކެވެ. 

ކަންބޮޑުވާންޖެހެންވީ ކަމެއް ނޫންކަމަށް މިބުނަނީ އެއީ އަބަދުވެސް އެކަން އޮތްގޮތްކަމަށްވާތީއެވެ. ހަމައެއާއިއެކު އެއީ ސަމާލުކަން ދޭންޖެހޭނެ ކަމެއް ކަމަށް މިބުނަނީ ސަމާލުކަން ނުދީފިނަމަ ތިމާއަށް އެކަމުން ގެއްލުންވާނެތީއެވެ. ތިމާ މަގުފުރެދިގެންދިއުން ގާތްވީމައެވެ.

މިހާރަކަށް އައިސް ލޯބި ދެމެހެއްޓުމަށް ނުވަތަ ލޯބި އިތުރުކުރުމުގެ ބޭނުމުގައި ނުވަތަ ޒަވާޖީ ޙަޔާތް އުފާވެރިކުރުމުގެ ބޭނުމުގައި ދީނުގައި ޙަރާމް ކުރައްވަވާފައިވާ ކަންކަން އެބަކުރެއެވެ. ކޮންމެވެސް މީހަކު ނުވަތަ ބައަކު ކުރާތީ އެތަން ފެނިގެން ކުރަނީއެވެ.  

އެފަދަ މީހުން ވިސްނައިލާށެވެ! ލޯބިވެވެނީ ކިހިނަކުން ހެއްޔެވެ؟ ލޯބިދެމިއޮންނަނީ ކިހިނަކުން ހެއްޔެވެ؟ އުފާވެރިކަން ލިބެނީ ކިހިނަކުން ހެއްޔެވެ؟ ﷲ ތަޢާލާ ދެއްވެވެމުން ނޫނީ މިއިން އެއްވެސް ކަމެއް ހަމައެކަކަށްވެސް ނުލިބޭނެއެވެ.  

ދެން ނިކަން ބުނެބަލާށެވެ! ﷲ ތަޢާލާގެ ޙަޟްރަތުން ލިބެން އޮތް ކަމެއް، ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާ ކަންކަން ކޮށްގެން ﷲ ތަޢާލާގެ ޙަޟްރަތުން ހޯދާނީ ކިހިނަކުންހެއްޔެވެ؟ މިސުވާލުގެ ޖަވާބު ހޯދަން ސައިންސްވެރިންގެ ގާތަށް ނުވަތަ ބޮޑެތި ޢިލްމުވެރިންގެ ގާތަށް ދާކަށް ނުވެސް ޖެހޭނެއެވެ. ބުއްދިސަލާމަތުން ހުރި ކޮންމެ މީހަކަށްވެސް ޖަވާބު އެނގޭނެއެވެ.  

ވީމާ ލޯބި އިތުރުކުރަންވެސް އަދި ޒަވާޖީ ޙަޔާތަށް އުފާވެރިކަން ހޯދަންވެސް ﷲ ތަޢާލާ ޙަރާމްކުރައްވަވާފައިވާ އެއްވެސް ކަމެއް ނުކުރާށެވެ. ލޯބިއިތުރުވާނީވެސް އުފާވެރިކަން ލިބޭނީވެސް އެއިރުންނެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

 

 

މިއަދު އޮންލައިން