ކުޑަ ދަރިފުޅު ޤުރްއާނުން ކިތަންމެ ސޫރަތެއް ހިތުދަސްކުރިނަމަވެސް ރިވެތިކޮށް ކިޔަވަން މަސައްކަތްކުރާނަމަވެސް ތަޢްރީފްކުރުމާއިއެކު އިނާމުވެސް ދޭންވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 42ސ
ކުޑަ ދަރިފުޅު ޤުރްއާނުން ކިތަންމެ ސޫރަތެއް ހިތުދަސްކުރިނަމަވެސް ރިވެތިކޮށް ކިޔަވަން މަސައްކަތްކުރާނަމަވެސް ތަޢްރީފްކުރުމާއިއެކު އިނާމުވެސް ދޭންވާނެ!

ކީރިތި ޤުރްޢާނަށް ލޯބިކުރާ ކޮންމެ ބެލެނިވެރިއަކުވެސް އެންމެ ބޮޑަށް އުފާވާނެ އެއްކަމަކީ އޭނާގެ ތުއްތު ދަރިފުޅު ރިވެތިކޮށް ޤުރްއާން ކިޔެވުމެވެ. ތުއްތުކުދިންނަށް އެކުދިންގެ އުމުރާއި ގުޅޭގޮތުން ކީރިތި ޤުރްއާން ދަސްކޮށްދީ އަހުލުވެރިކުރުވުމަކީ ކިޔަވަން ކުދިން ޝައުޤުވެރިވާ އެންމެ ބޮޑު އެއް ސަބަބުކަމަށްވާތީ ގިނަ ޢަދަދެއްގެ ބެލެނިވެރިން ދަރިން ވަރަށް ތުއްތުއިރުންސުރެ ޤުރްއާން ރިވެތިކޮށް ކިޔަވަން ދަސްކޮށްދޭން ވަރަށް ގިނަ މަސައްކަތްތަކެއް ކުރެއެވެ. އަދި އެކަމަށް ބޮޑެތި ހޭދަތައްވެސް ކުރެއެވެ.

އެހެނަސް ބައެއް ބެލެނިވެރިންނަށް ޤަބޫލުކުރެވެނީ އެއީ ވަކިޢުމުރަކަށް އެޅުމުން ކުރަން އޮންނަ ކަމެއް ކަމަށެވެ. އެފަދަ ބެލެނިވެރިން ކީރިތި ޤުރްޢާނުގެ ކުރު ސޫރަތްތައް ހިތުދަސްކޮށްދޭން ފަސްޖެހި ބުނާ އެއްވާހަކައަކީ އެކަމުން ކުއްޖާގެ ހިތުދަސްކުރުމުގެ ޤާބިލުކަމަށް ނޭދެވޭ އަސަރުކޮށްފާނެ ކަމަށެވެ.

ހިތާމައަކީ އެގޮތަށް ބުނެފައި ހަމަ އެދަރިފުޅަށް ދިގު ލަވަތައް ދަސްކޮށްދދޭކަމެވެ. ޕޮޔަމްތައް ދަސްކޮށްދޭކަމެވެ. ކޮންސަޓް ތަކުގައި ބައިވެރިކުރުވަން ބޮޑެތި ޑައިލޮގްތައް ހިތުދަސްކޮށްދެއެވެ. ކުއްޖާ އެއެއްޗެތި ހިތުން ކިޔާތަން ފެނި އަޑުއިވުމުން ކުއްޖާއަށް ތަޢްރީފްވެސް ކުރެއެވެ.

ކީރިތި ޤުރްއާން ހިތުދަސްކުރުމާއިމެދު ނުބައި މައުލޫމާތު ފަތުރަނީ ކީރިތި ޤުރްއާން ނިކަމެތިކުރަން ބޭނުންވާ މީހުންނެވެ. ޤުރްއާން އުނގެނުމަށް ހުރަސްއަޅަން ބޭނުންވާ މީހުންނެވެ. ބެލެނިވެރިން މަސައްކަތްކުރަންވީ އެފަދަ ވަސްވާސްތައް ޤަބޫލުނުކުރުމަށެވެ. ކުއްޖާއަށް ފުރަތަމަ ހިތުދަސްކޮށްދޭ އެއްޗަކަށްވެސް ޤުރްއާން ހެދުމަށެވެ.

މީހުން އެދައްކާ ދެކޮޅުނުޖެހޭ ވާހަކަތައް ޤަބޫލުނުކުރާށެވެ! ޢުމުރާއި ގުޅޭގޮތުން ކުދިންގެ ހިތްތަކާއި ސިކުނޑިތައް ޤުރްއާނުން ފުރައިލާށެވެ! ކުއްޖާ ކުރަން އެންމެ ޝައުޤުވެރިކަމަކީ ޤުރްއާން އުނގެނުން ކަމުގައި ހަދަން މަސައްކަތްކުރާށެވެ! ދަރިފުޅު ޤުރްއާނުގެ ކިތަންމެ ކުޑަމިންވަރެއް ނަމަވެސް، ކިތަންމެ ކުރު ސޫރަތެއް ނަމަވެސް ހިތުދަސްކުރުމުން، ރީތިކޮށް ކިޔެވުމުން ތައްރީފްކުރާށެވެ! އިނާމުވެސް ދޭށެވެ. އެކަމުގެ ފައިދާ ކުއްޖާގެ މުޅި ޢުމުރަށްކުރާނެއެވެ! އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން