زَيْنُ الْعَابِدِيْنَ بْنُ الْـحُسَيْنُ އާ ބެހޭ ގޮތުން ރިވާވެގެން ވެއެވެ. އެކަލޭގެފާނުގެ އަޅު ކުއްޖަކު، މުށި ކުރައަކުން އެކަލޭގެފާނަށް ފެން އޮއްސައިދެމުންދަނިކޮށް، އެކަލޭގެފާނުގެ ފައިންޕުޅު މައްޗަށް އެ ކުރާ ވެއްޓި ތެޅިއްޖެއެވެ. އަދި ފައިންޕުޅު ޒަޚަމްވެއްޖެއެވެ. އެކަމާ زَيْنُ الْعَابِدِيْن ކޯފާ އިސްކުރެއްވިއެވެ. އަދި މޫނުފުޅުގެ ކުލަވަރު ބަދަލުވިއެވެ.
އެހިނދު އެ އަޅު ކުއްޖާ ދެންނެވިއެވެ. ސާހިބާއެވެ! ﷲ تَعَالَى ﮋوَالْكَاظِمِينَ الْغَيْظَﮊ[1] އެވެ ވަޙީކުރައްވާފައި ވެއެވެ. މާނައީ: "އަދި، ރުޅި މަތަކޮށް ހިފަހައްޓާ މީހުންނެވެ." އެހިނދު އެކަލޭގެފާނު ވިދާޅުވިއެވެ. "އަހުރެން ރުޅި މަތަކޮށްފީމެވެ." އަނެއްކާ އެކުއްޖާ ދެންނެވިއެވެ. ﷲ تَعَالَى ﮋوَالْعَافِينَ عَنِ النَّاسِﮊ[2] އެވެ މިހެންވެސް ވަޙީކުރައްވާފައި ވެއެވެ. މާނައީ: "އަދި، މީސްތަކުންނަށް މާފުކުރާ މީހުންނެވެ." އެހިނދު އެކަލޭގެފާނު ވިދާޅުވިއެވެ. "އަހުރެން ތިބާއަށް މާފުކޮށްފީމެވެ." އަނެއްކާ އެކުއްޖާ ދެންނެވިއެވެ. ﷲ تَعَالَىﮋوَاللَّهُ يُحِبُّ الْمُحْسِنِينَﮊ[3] އެވެ މިހެންވެސް ވަޙީކުރައްވާފައި ވެއެވެ. މާނައީ: "އިޙްސާންތެރިންދެކެ ﷲ ލޯބިވެވޮޑިގެންވެއެވެ." އެހިނދު އެކަލޭގެފާނު ވިދާޅުވިއެވެ. "ﷲ ގެ ވަޖުހުފުޅަށްޓަކައި، އަހުރެން ތިބާ މިނިވަންކޮށްފީމެވެ."[4]
މުސްލިމް އަޚުންނޭވެ! މިއަދު އަހަރެމެންގެ ތެރެއިން، ރުޅި މަޑުކަމުގެ މިފަދަ ރީތި ނަމޫނާތަކެއް ނުފެނެއެވެ. ފެންނަނީ ބަދަލުހިފުމުގެ ރޫޙެވެ. ނަބިއްޔާ z ޙަދީޘް ކުރައްވާފައި ވެއެވެ. (لَيْسَ الشَّدِيْدُ بِالصُّرَعَةِ، إِنـَّمَا الشَّدِيْدُ الَّذِيْ يَـمْلِكُ نَفْسَهُ عِنْدَ الْغَضَبِ)[5] މާނައީ: "ވަރުގަދަ މީހަކީ، ހިފާ ބަލިކުރާމީހާއެއް ނޫނެވެ. އެހެނަސް ވަރުގަދަ މީހަކީ، އޭނާގެ ގާތަށް ރުޅި އަންނަހިނދު، ނަފްސު ކޮންޓްރޯލްކުރާ މީހާއެވެ."
- މިއަދުގެ ހުކުރު ޚުޠުބާއިން
ﷲ ތަޢާލާގެ ވަޙީބަސްފުޅުގެ އަޑު އިވުމުން އަޅުގަނޑޫމެންގެ ހިތްތަކަށްވެސް މިފަދައިން އަސަރުނުކުރާނަމަ މިތިބީ ކިހިނެއްވެފައިތޯ؟ ސުވާލުކުރަން މިޖެހެނީ މިފަދަ ސަބަބުތަކަށްޓަކައެވެ. زَيْنُ الْعَابِدِيْنَ بْنُ الْـحُسَيْنُ އާ ބެހޭ ގޮތުން ރިވާވެގެން އައިސްވާ ބަސްފުޅުތަކަށް ރަނގަޅަށް ވިސްނަވައިލައްވާށެވެ! ﷲ ތަޢާލާގެ ވަޙީ ބަސްފުޅުތައް އިވިވަޑައިގަތުމުން ޢަމަލުފުޅު ކުރެއްވެވި ގޮތާއިމެދު ވިސްނައިލާށެވެ!
މިއަދަކު އަޅުންނެއް ނެތެވެ! ތިބީ ނޯކަރުންނާއި މުވައްޒިފުންނެވެ. އެމީހުންނަށް ހެޔޮކޮށް ހިތާށެވެ!