ރުޅި ކޮންޓްރޯލްނުކުރެވުމަކީ މީހާ ނަރަކައަށް ވައްދުވާ ބާރަކަށްވާ ސަބަބުތަކަށް ފުންކޮށް ވިސްނާލުން ވަރަށް މުހިންމު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 37ސ
ރުޅި ކޮންޓްރޯލްނުކުރެވުމަކީ މީހާ ނަރަކައަށް ވައްދުވާ ބާރަކަށްވާ ސަބަބުތަކަށް ފުންކޮށް ވިސްނާލުން ވަރަށް މުހިންމު!

ރުޅީގެ މައްޗަށް ބާރުފޯރުވުމަކީ ސުވަރުގެ ވަދެވެން އޮތް ސަބަބެއް ކަމަށް ބުނެފިނަމަ ބައެއް މީހުން ޙައިރާންވެސްވެދާނެއެވެ. ނަމަވެސް ޙަޤީޤަތަކީ ރުޅި ކޮންޓްރޯލްކުރެވުމަކީ ސުވަރުގެ ވަދެވެން އޮތް ސަބަބެއްކަމެވެ. 

ވިސްނާށެވެ! ރުޅި ކޮންޓްރޯލް ނުކުރެވިއްޖެނަމަ އެމީހެއްގެ ދުލުން ނުބައިބަސްތައް ބުނެވޭނެއެވެ. މައިންބަފައިންނާއި ޢާއިލާގެ މީހުންގެ ހިތުގައި ޖެހޭނެފަދަ ބަސްތައް ބުނެވެއެވެ. އަނިޔާވެރި ޢަމަލުތައް ކުރެވެއެވެ. އަދި ބައެއް ޙާލަތްތަކުގައި އަމިއްލަ ނަފްސަށްވެސް އެބަ ގެއްލުންދެވެއެވެ. މިއިން ކޮންމެ ކަމަކީވެސް ފާފައެކެވެ. ކޮންމެ ފާފައަކީވެސް ތިމާއާއި ﷲ ތަޢާލާއާއި ދެމެދަށް އެޅޭ ހުރަހެކެވެ. އެފަދަ ކޮންމެ ހުރަހަކީ ސުވަރުގެ ވަދެވުމަށް އެޅޭ ހުރަހެކެވެ. 

އެހެން މީހަކަށް ނުބައިބަސްތައް ބުނެވި އަނިޔާވެރިވެވިއްޖެނަމަ ބަދަލުދޭންވެސް ޖެހޭނެއެވެ. ބަދަލުދޭންޖެހޭނީ އެމީހަކު ކޮށްފައިވާ ހެޔޮ ޢަމަލުތަކުންނެވެ. އެއިރުން އެމީހަކު ކުރި ހެޔޮޢަމަލުތަކުން މަދުވެގެންދާނެއެވެ. އެއިރުން އެކަންވާނީ އަނެއްކާވެސް ސުވަރުގެ ވަނުމަށް އެޅޭ ހުރަހަކަށެވެ. ސުވަރުގެ ވަނުމަށް އެޅޭ ކޮންމެ ހުރަހެއް ދާނީ އެމީހަކު ނަރަކައާއި ޣާތްކުރުވަމުންނެވެ. 

ބައެއް މީހުންނަށް ހީކުރެވެނީ ރުޅިގަަދކުރެވުނު ވަރަކަށް، އަޑުގަަދކުރެވުނުވަރަކަށް، ދުލުން ނުބައިބަސްތައް ބުނެވުނުވަރަކަށް ތިމާގެ އަގު އުފުލެމުންދާނެ ކަމަށެވެ. އަދި ތިމާ ރުޅިއައުމުން އެހެން މީހުން މަޑުން ތިބޭނަމަ އެއީ ތިމާދެކެ ބިރުން ކަމަށެވެ. ނަމަވެސް އެއީ ވަރަށް ބޮޑު ކުށްހީއެކެވެ. ރުޅީގަދަވެ، ކޮންޓްރޯލް ނުކުރެވި ކުރެވޭ ކަންތައްތަކުން ތިމާގެ އަގު ވެއްޓޭނީއެވެ. ރައްދުނުދީ މަޑުން އެތިބެނީ ބިރަކުން ނޫނެވެ. އެމީހުންގެ ނަފްސް ނަރަކައިން ސަލާމަތްކުރުމަށެވެ. 

އެކުވެރި އަޚުންނާއި އުޚުތުންނޭވެ! ރުޅި ކޮންޓްރޯލްކުރުމުގެ ބާރު ގެއްލިގެންދާ އެންމެ ބޮޑު ސަބަބަކީ ޝައިޠޯނާއެވެ. ވީމާ ތިމާގެ ބާރުތައް ޝައިޠޯނާ އާއި ޙަވާލުނުކުރާށެވެ. ޙަވާލުކޮށްފިނަމަ ލަވަމުން ގެންދާނީ ނަރަކައާއި ދިމާއަށެވެ. އެއީ ކޮންމެ މީހަކަށްވެސް ކުރިމަތިވާނެ އެންމެ ބޮޑު ހިތާމައެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން