ތަނަވަސްމީހަކަށްވުރެ މާއުފަލުގައި ފަޤީރަކަށް ދިރިއުޅެވުނު ސަބަބުތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
ތަނަވަސްމީހަކަށްވުރެ މާއުފަލުގައި ފަޤީރަކަށް ދިރިއުޅެވުނު ސަބަބުތައް-

ގްރީކުގައި ތަންކޮޅެއް ކުރީ ޒަމާނުގައި އުޅުނު ވަރަށް ފަޤީރު މީހަކު ދިރިއުޅެމުން ދިއައީ ވަރަށް އުފަލުގައެވެ. އަބަދުވެސް ހަމަޖެހިލައިގެން ހިނިތުވެސްވެގެން ހުރެއެވެ. އެތަން ވަރަށް ތަނަވަސް މީހަކަށް ފެނެއެވެ. އޭނާގެ ހިތުގައި ސުވާލު އުފެދެނީ އެހައި ތަނަވަސްއިރުވެސް އޭނާއަށް ހަމަޖެހިލައިގެން އުފަލުގައި ނުހުރެވޭކަމެވެ. އަބަދުހެން ހާސްކަމާއި ކަންބޮޑުވުމުގައި އުޅެންޖެހޭ ކަމެވެ. 

އެހެންވެ އެއްދުވަހަކު ތަނަވަސްމީހާ އެ ފަޤީރު މީހާއާއި ބައްދަލުކޮށް އެހައި ފަޤީރު އިރުގައިވެސް އުފަލުގައި ހުރެވޭ ސަބަބާއިމެދު ސުވާލުކުރުމުން އޭނާ ބުންޏެވެ. 

"އަހުރެން އަބަދުވެސް ވިސްނަނީ އަހުރެންނަސް ލިބިފައިވާ މިންވަރަށެވެ. އެވަރަށް އަހުރެން ހިތްހަމަޖެހެއެވެ. އެހެން މީހުންނަށް ތަނަވަސްކަން ހުންނަ ވަރާއިމެދަކު ނުވިސްނަމެވެ. 

ބުނަންހެއްޔެވެ؟ ކޮންމެ މީހަކުވެސް ބޭނުންވާ ކަންކަން ވަރަށް ގިނަވާނެއެވެ. އެކަމަކު ހަމައެކަކަށްވެސް އެމީހާ ބޭނުންވާ ހުރިހާ ކަންކަން ޙާޞިލެއް ނުކުރެވޭނެއެވެ. ވީމާ ޙާޞިލުނުކުރެވޭ ކަންކަމާއިމެދު ވިސްނައި ކަންބޮޑުވާ މީހަކަށް ދުވަހަކުވެސް ހަމަޖެހުމެއް ނުލިބޭނެއެވެ. އެހެންވެ ޙާޞިލް ނުކުރެވި ހުންނަ ކަންކަމަށް އަޅުގަނޑު ކަންބޮޑެއް ނުވަމެއެވެ. 

ކޮންމެ މީހަކަށްވެސް އުފާވެރިކަން ލިބޭނީ ހިތަށް ހަމަޖެހުން ލިބިގެންނެވެ. ފުރާނައަށް ފައިދާކުރާނީ ހިތަށް ހަމަޖެހުން ލިބުނުވަރަކުންނެވެ. އެއްވެސް ޙާލެއްގައި ބޭރުފުށުގެ ޒީނަތްތެރިކަމަކުން ނޫނެވެ. އަހުރެންނަށް ހިތްހަމަޖެހުން ލިބި އުފަލުގައި މިހުރެވެނީ މިކަންކަން ޤަބޫލުކޮށް މިވިސްނުމުގައި ހުރެވޭތީއެވެ." 

ނިކަމެތިމީހާގެ ވާހަކަތައް އަޑުއެހުމުން ތަނަވަސް މީހާއަށް ވަރަށް ގިނަ ފިލާވަޅުތަކެއް ލިބިގެންދިއައެވެ. އަދި އެފިލާވަޅުތަކުގެ ޢަލީގައި އޭނާގެ ދިރިއުޅުން އިޞްލާޙްކޮށް ކުރިއަށް ގެންދަން ބޭނުންވިއެވެ. 

މިއީ ސޯޝަލް މީޑިއާއިން އަޅުގަނޑު ކިޔާފައިވާ ވާހަކައެކެވެ. މިވާހަކައަކީ އުފަލުގައި ދިރިއުޅެން ބޭނުންވާ ކޮންމެ މީހަކަށް ވަރަށް މުހިންމު ވާހަކަތަކެއް ނުވަތަ ނަޞޭޙަތަކަށްވާތީ ހާމަކޮށްލީއެވެ.

 

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން